އެސްއެސްނެޓަށް، ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ ލައިސެންސް ދީފި

ސަން ސިޔާމް މީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މުޙައްމަދު ޢާޞިފް (މޮންދު) އާއި މި މީޑިއާގެ ބައެއް މުވައްޒަފުން ރީ ބްރޮޑްކާސްޓް ކުރުމުގެ ލައިސެންސާއެކު:--- ސަން ފޮޓޯ

އެސްއެސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ ލައިސެންސް, ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ދީފިއެވެ.

"އެސްއެސް ނެޓް"ގެ ނަމުގައި ދޭ މި ޚިދުމަތް މެނޭޖު ކުރާނީ، ސަން ސިޔާމް މީޑިއާ ޕްރައިވެޓް ލިމިޓެޑުންނެވެ.

ސަން ސިޔާމް މީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މުޙައްމަދު ޢާޞިފް (މޮންދު) މި ނޫހަށް ވިދާޅުވިގޮތުގައި މީގެ 15 އަހަރު ކުރިން "ސަން ސިޔާމް މީޑިއާ"ގެ ހިދުމަތް، ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު ފެއްޓެވީ، ރާއްޖެ ޑިމޮކުރަސީއަށް ކުރަމުން ދިޔަ ދަތުރުގައި މީޑިއާގެ މިނިވަންކަމުގައި ދެފުށްފެންނަގޮތަށް ދުނިޔެއާއި ރާއްޖޭގެ ޚަބަރުތައް ދިވެހި ރައްޔިތުންނަށް ގެނެސް ދިނުމުގެ މަގުސަދުގައި ކަމަށެވެ.

އެ ކާމިޔާބު ދަތުރުގައި ސަން ސިޔާމް މީޑިއާގެ ކުޑައިގެ ދަށުން މިއަދު މެނޭޖުކުރަން މި ފެށީ މުޅިންއާ މަސައްކަތެއް ކަމަށާއި މި ޚިދުމަތުގައި ވެސް ސަން ސިޔާމް މީޑިއާ ގުރޫޕްގެ ފައުންޑާ، ސިޔާމް ބޭނުންފުޅު ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ތަހުޒީބު، މުޖުތަމައުތަކުގައި ވެސް ކޭބަލްޓީވީގެ ޚިދުމަތް ދޭ ފެންވަރުގައި އަދި އަތްފޯރާވަރުގެ އަގުތަކެއްގައި މި ޚިދުމަތް ފޯރުކޮށް ދިނުމަށް ކަމަށް، މޮންދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެސްއެސް ނެޓުގެ ޚިދުމަތް ފަށާއިރު ރާއްޖޭގައި ކޭބަލް ޓީވީ މެދުވެރިކޮށް މިހާރު ދައްކަމުން އަންނަ ހުރިހާ ޗެނަލްއެއް ވެސް މި ނެޓްވޯކުން ފެންނާނެއެވެ. އަދި އެ ޚިދުމަތް އިންޓަނެޓާއި ކޭބަލް މެދުވެރިކޮށް މުޅި ރާއްޖެއަށް ދޭނެ ކަމަށް މޮންދު ވިދާޅުވިއެވެ.

"ހުރިހާ ރަށެއްގެ ހުރިހާ ގެއަކަށް މި ޚިދުމަތް ދޭނަން. މޯބައިލް ފޯންތަކަށާއި ރާއްޖޭގެ ހުރިހާ ރިސޯޓްތަކަކަށް ވެސް މި ޚިދުމަތް އަޅުގަނޑުމެން ދޭނަން،" މޮންދު ވިދާޅުވިއެވެ.

މި ޚިދުމަތް ފެށޭނެ ދުވަހަކާ ގުޅޭގޮތުން ސުވާލު ކުރުމުން މޮންދު ވިދާޅުވީ އެސްއެސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑަށް ރީބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް ލިބުމާއެކު ސަން ސިޔާމް މީޑިއާއަށް މެނޭޖު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކަމަށެވެ. އެއާއެކު ކުރަން ޖެހޭ އެހެން މަސައްކަތްތައް ފައްޓަވާފައިވާ ކަމަށް މޮންދު ވިދާޅުވިއެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ޚިދުމަތް ދޭން ފައްޓަވާނެ ކަމަށާއި އެ ތާރީޚެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވެސް މޮންދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިވަނީ ތައްޔާރީތަކުގެ މަސައްކަތް ފަށާފައި. ޔަގީންކަން ދެން ޚިދުމަތުގެ ކޮލެޓީ ވަރަށް ރަނގަޅު ކުރާނެ ކަމުގެ،" މޮންދު ވިދާޅުވިއެވެ.

comment ކޮމެންޓް