ރަޝިއާއިން ޔޫކްރެއިން ފުނޑާލައި ރައްޔިތުން ހާލުގައި ޖައްސައިފި، މިޖަރީމާތަކަށް ރަޝިއާގެ ވެރިން ޖަވާބުދާރީ ކުރުވަންޖެހޭ: އެމެރިކާ

ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން

ބުޚަރެސްޓް (1 ޑިސެންބަރު 2022): ރަޝިއާއިން ޔޫކްރެއިން މުޅިން ފުނޑާލައިފިކަމަށާއި ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑި ޔޫކްރެއިންގެ ރައްޔިތުން އުޅެމުންދަނީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށާއި މިޖަރީމާތަކަށް ރަޝިއާ ޒިންމާ ކުރުވަންޖެހޭ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

ރުމޭނިޔާގެ ވެރިރަށް ބުޚަރެސްޓްގައި އިއްޔެ ބޭއްވި ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބްލިންކެން ވިދާޅުވީ ރަޝިއާއިން ޔޫކްރެއިންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް އަހަރެއްވާން ގާތްވެފައިވާއިރު ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިންގެ ތިންބައިކުޅަ އެއްބައަށްވުރެ ބޮޑުބައި ފަނާކޮށް ސުންނާފަތި ކޮށްލާފައިވާކަމުގައެވެ. އަދި ޔޫކްރެއިންގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިމީހުން އުޅެންޖެހިފައިވަނީ ކަރަންޓާއި ފެނުން މަހުރޫމްވެ އިންސާނީ ގިލަންވެރިކަމެއްގައިކަމަށް ބްލިންކެން ވިދާޅުވިއެވެ.

ބުޚަރެސްޓްގައި ބޭއްވި ނޭޓޯގެ ބައްދަލުވުމުގެ ބައިެވރިން

މިހާނިކަމެތި ހާލުގައި ޔޫކްރެއިން އުޅެންޖެހިފައިވީނަމަވެސް ޔޫކްރެއިންގެ ރައްޔިތުން ހިއްވަރުކުރަމުން ގެންދާކަމަށާއި އެހެންކަމުން އެމެރިކާއޮތީ ހަނގުރާމައިގާ ޔޫކްރެއިން މޮޅުވަންދެން ޔޫކްރެއިންއަށް އެހީވާގޮތަށްކަމަށް ބްލިންކެން ވިދާޅުވިއެވެ. އަދި މިކަމަށް ކިތަންމެ ބޮޑު އަގެއް ދައްކަން ޖެހުނުނަމަވެސް އެމެރިކާ އޮތީ އެކަންކުރާ ގޮތަށްކަމަށް ވެސް ބްލިންކެން ވިދާޅުވިއެވެ.

ބްލިންކެން މިހެން ވިދާޅުވިއިރު ޔޫރަޕްގެ އިއްތިހާދުންވަނީ ރަޝިއާ ޔޫކްރެއިންގައި ހިންގަމުން ގެންދަނީ ހަނގުރާމައިގެ ޖަރީމާކަމަށް ސިފަކޮށް ރަޝިއާގެ މަސްއޫލުވެރިންގެ މައްޗަށް ޝަރީއަތް ހިންގުމަށް ބައިނަލްއަގްވާމީ ކޯޓެއް އުފެއްދުމަށް ގޮވާލާފައެވެ. ނަމަވެސް ދުނިޔޭގެ ދެވަނަ އަސްކަރީ ބާރު އަދި ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރު ކަމަށްވާ ރަޝިއާގެ ރައީސް އާއި އެގައުމުގެ ވެރިން އެކޯޓުގެ ކުރިމައްޗަށް ހާޒިރު ކުރާނެގޮތެއް ޔޫރަޕްގެ އިއްތިޙާދަށް ބުނެދެވިފައެއް ނުވެއެވެ.

މިއާއެކު މުހައްލިލުން ވަނީ މިއީ ޔޫރަޕަށް އަދި އދ. އަށްވެސް ކުރެވިދާނެކަމެއްތޯ ސުވާލު އުފައްދަވާފައެވެ. މި ސުވާލު އުފެދިފައިވަނީ އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން އިރާގާއި އަފްޣާނިސްތާނުގައި ހިންގި ޖަރީމާތަކާއި އިސްރާއީލުން ފަލަސްތީނުގައި ހިންގި ޖަރީމާތަކުގެ މައްސަލަވެސް ބެލޭނެގޮތެއް ނެތުމުންނެވެ. ބޮޑެތި ބާރުތަކާ ގުޅިފައިވާ އެއްވެސް މައްސަލައެއް އދ. އަށްވެސް އަދި އެހެން ފަރާތަކަށްވެސް ބެލެވި އެފަރާތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅިފައެއްނުވާކަން މުހައްލިލުން ފާހަގަ ކުރައްވައެވެ.

އަނެއްކޮޅުން އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވިގޮތުގައި ރަޝިއާ މިހާރު ޔޫކްރެއިންނަށް ދެމުން ގެންދަނީ ވަރަށް ވޭންދެނިވި ހަމަލާތަކެކެވެ. ރަޝިއާ މިހާރުދޭ ހަމަލާތައް ކުރިންދިން ހަމަލާތަކަށްވުރެ އެތަށް ގުނަ ބާރުގަދަ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިހަމަލާތައް ދީގެން ރަޝިއާއިން ޔޫކްރެއިންގެ އިންފްރާސްޓްރަކްޗަރުގެ ބޮޑުބައި މިހާރު ހަލާކުކޮށް ޔޫކްރެއިންގެ ރައްޔިތުން ހާލުގައި ޖައްސައިފިކަމަށް އޮސްޓިން ވިދާޅުވިއެވެ.

ބްޚަރެސްޓްގައި ވާހަކަ ދައްކަވަމުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓާންބާގް ވަނީ ރަޝިއާއަކީ ނޭޓޯއަށް އޮތް އެންމެ ބޮޑު ބިރުކަމަށް ސިފަކުރައްވާފައެވެ. ރަޝިއާއަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ނިއުކްލިޔާ ހަތިޔާރާއި ފަނާކުރަނިވި އެހެން ހަތިޔާރުތައް ހުރިގައުމުކަން ފާހަގަކުރައްވަމުން ރަޝިއާއަކީ ނޭޓޯއަށް އޮތް އެންމެބޮޑު ޑައިރެކްޓް ބިރުކަމަށް ސްޓޯލްޓާންބާގް ސިފަކުރެއްވިއެވެ.

ނޭޓޯގެ ބައްދަލުވުމުގައި އެޖަމާއަތުގެ އެސްޖީ

ބުޚަރެސްޓްގައި އޮތް ނޭޓޯގެ ބައްދަލުވުމަށް ޙާޒިރުވެވަޑައިގެން އުޅުއްވާ ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ދިމިތްރޫ ކޮލީބާ ވަނީ ރަޝިއާގެ މިސައިލް ހަމަލާތަކުން ދިފާއުވުމަށްޓަކައި އެމެރިކާގެ ޕެޓްރިއޮޓް މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމެއް ޔޫކްރެއިންއަށް ދިނުމަށް ނޭޓޯގެ ކިބައިން އެދިފައެވެ. މިއީ ވަރަށް ކުރީއްސުރެވެސް ޔޫކްރެއިން އިން އެދެމުންދާ ނިޒާމެކެވެ. ނަމަވެސް މިނިޒާމު ޔޫކްރެއިންއަށް ދިނުމަށް އެމެރިކާ ދަނީ ވަރަށްބޮޑަށް ފަސްޖެހެމުންނެވެ.

ޔޫކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީ ވިދާޅުވިގޮތުގައި ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ ވެރިރަށް ކީވް ގެ ދެބައިކުޅަ އެއްބައިގައި ފެނެއް އަދި ކަރަންޓެއް ނެތެވެ. އަދި ޔޫކްރެއިންގެ ސިޓީތަކުގެ ބޮޑުބައެއްގައިވެސް ފެނެއް އަދި ކަރަންޓެއްނެތެވެ. މައިނަސް 10 ގެ ފިނީގައި ޔޫކްރެއިންގެ ރައްޔިތުންގެ ތެރެއިން 15 ވަރަކަށް މިލިޔަން މީހުން އުޅެންޖެހިފައިވަނީ ކަރަންޓާއި ފެނުން މަހުރޫމްވެ ހޫނުކުރާނެ ވަސީލަތެއްނެތި ވަރަށް ހާލުގައި ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވިގޮތުގައި ރަޝިއާވަނީ ޔޫކްރެއިންގެ ކަރަންޓް ވިއުގައިގެ ބޮޑުބައި މުޅިން ސުންނާފަތިކޮށްލާފައެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕުން ކުދި ޖަނަރޭޓަރުތަކާއި އެތަކެއްޗަށް ބޭނުންވާ ތެޔޮފަދަ ވަސީލަތްތައް ފޯރުކޮށްދޭން މަސައްކަތްކުރާތީ ޔޫކްރެއިންގެ ރައްޔިތުންނަށް ހިއްވަރު ލިބެމުންދާކަމަށް ޒެކެންސްކީ ވިދާޅުވިއެވެ.

ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚާރޫވާ ވަނީ ޔޫކްރެއިންގެ ރައްޔިތުން ކިތަންމެ ވަރަކަށް ހާލުގައިޖެހި އެމީހުން ވޭން އުފުލަންޖެހިފައިވިޔަސް ޔޫކްރެއިންގެ ޒައާމަތު ގެންދަނީ ނޭޓޯއަށްޓަކައި ޔޫކްރެއިންގެ ރައްޔިތުން ގުރުބާންކުރަމުން ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ހަނގުރާމަ ހުއްޓާލުމަށްޓަކައި ރަޝިއާއާ ވާހަކަދައްކައިގެން ރަޝިއާގެ ކަންބޮޑުވުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ވިސްނުން އަދިވެސް ޔޫކްރެއިން ނުގެންގުޅޭކަމަށް މާރިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް