އަސްލަމް ނަޝީދަށް: މަޖިލީހަށް އަންނަނީ ބޮޑާހާކާކަށް ނޫން!

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަކަށް އެމްޑީޕީން ހުށަހަޅާ ނަމެއް ފާސްކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވަނީ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ކަމަށާއި، "ބޮޑާ ހާކަން" ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓު މިދިޔަ ހޯމަ ދުވަހު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ވޯޓަށް އެއްސެވުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ ވޯޓަށް އެއްސެވީ ގާނޫނީ ގޮތުން ލާޒިމްވާތީ ކަމަށާއި، އެހެން ނޫން ނަމަ ވޯޓަށް ނާއްސަވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މެމްބަރު އަސްލަމް "ސަން" އަށް ވިދާޅުވީ، ކޮންމެ ބޭފުޅަކުވެސް މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވަނީ އެބޭފުޅުއްގެ އަމިއްލަފުޅު ވިސްނުން އެއްފަރާތްކުރެއްވުމަށް ފަހު ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ވީނަމަވެސް، އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވީނަމަވެސް އަމިއްލަ މަސްލަހަތަށްވުރެ އިސްކުރަން ޖެހޭނީ ވަޒީފާގެ މަސްއޫލިއްޔަތު ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"ކޮންމެ ބޭފުޅަކުވެސް މަގާމާ ހަވާލުވުމަށްފަހު އަމިއްލަ ވިސްނުމާ އަމިއްލަ އެދުން އެއް ފަރާތް ކުރަންޖެހޭނެ. އެއީ އަދި ރައީސް ނަޝީދު ވިޔަސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިޔަސް، ރައީސުލްޖުމްހޫރިއްޔާ ވިޔަސް. މަޖިލީހަށް އަންނަނީ ބޮޑާހާކާކަށް ނޫން ދެއްތޯ. ޖެއްސުން ކުރާ ކަށްވެސް ނޫން ދެއްތޯ." އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ޚިޔާލު ތަފާތުވުން އުފެދި އެތައް ދުވަހެއް ވެފައިވާއިރު، ބަޖެޓު ފާސްކުރުމަށް ރައީސް ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެމްބަރުން ވޯޓުދީފައެއް ނުވެއެވެ. އެގޮތުން މަޖިލީހުގައި ތިއްބެވި 78 މެމްބަރުންގެ ތެރެއިން ވޯޓުދީފައިވަނީ 61 މެމްބަރުންނެވެ.

އަސްލަމް ވިދާޅުވީ ވިޕް ލައިނާ ޚިލާފަށް ބަޖެޓް ފާސްކުރަން ވޯޓު ނުދެއްވާ މެމްބަރުންނާ މެދު ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ވިޕް ލައިނާ ފުރަތަމަ ޚިލާފުވުމުން ނަސޭހަތް ދޭންވާނެއެވެ. ދެވަނަ ފަހަރު ޚިލާފުވެއްޖެ ނަމަ ނަސޭހަތްދީ، މާފަށް އެދެން އަންގާނެއެވެ. ތިން ވަނަ ފަހަރަށް ޚިލާފުވުމުން ޕާޓީން ދޭ ބައެއް އިނާޔަތްތައް ކަނޑައިލާނެއެވެ. ހަތަރު ވަނަ ފަހަރަށް ޚިލާފުވުމުން، ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ މަގާމުން ވަކިކޮށް، އިންތިހާބެއްގައި ކުރިމަތިލުން އެއް އަހަރު ދުވަހަށް މަނާކުރާނެއެވެ. އަދި ފަސް ވަނަ ފަހަރަށް ޚިލާފުވުމުން، ޕާޓީން ވަކިކުރާނެއެވެ.

comment ކޮމެންޓް