އެކްޓަރު ޕްރަބާސްއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ކްރިތީ ސެނޮން ރައްދު ދީފި

ބޮލީވުޑްގައި މިވަގުތު ނަން ހިނގާ ކާމިޔާބު ރީތި ބަތަލާ ކްރިތީ ސެނޮން އާއި އެކްޓަރު ޕްރަބާސްއާ ދެތަރިންގެ ދެމެދެގައި ޚާއްޞަ ގުޅުމެއް އުފެދިފައިވާކަމުގެ އަޑުތައް މީޑިއާގައި ގަދަވެގެން އުޅޭތާ ދުވަސްކޮޅެއްވަނީ ވެފައެވެ.

މިއަޑުތައް އަރާފައި ވަނީ ދެ ތަރިން އެކީގައި ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނަ ފިލްމު "އަދިޕުރުޝް"އާ ގުޅުވައިގެންނެވެ. ފިލްމު ސެޓުން ދެ ތަރިން ދިމާވެ ރަޙްމަތްތެރިކަމަށް ވުރެ ޚާއްޞަ ގުޅުމެއް މިދެމެދުގައި އުފެދިފައިވާކަމުގެ ތުހުމަތު މީޑިއާތަކުން ވަނީ ކޮށްފައެވެ.

ދާދިފަހުން ރިލީޒްވި ބަތަލާ ކްރިތީ ސެނޮންއާއި އެކްޓަރު ވަރުން ދަވަންގެ ފިލްމު "ބޭޅިޔާ"ގެ ޕްރޮމޯޝަނެއްގެ ތެރެއިން އެކްޓަރު ވަރުން ދަވަން ވަނީ މި ޚަބަރު ގާތްގަނޑަކަށް ކަށަވަރުކޮށްދީފައެވެ.

ޓެލެވިޝަން ޝޯވްއެއްގައި ކުރިޔަށްދިޔަ ފިލްމު ޕްރޮމޯޝަންގައި ވަރުންއާ ސުވާލުކުރެވުނީ ކްރިތީގެ ހިތުގެ ވެރިޔާއަކީ ކާކުތޯއެވެ. އަދި ޝޯވްގައި ހިމަނާލި ހުސްހަށިބައި ތަރިންގެ ލިސްޓުގައި ކްރިތީގެ ނަން ނުހިމެނީ ކީއްވެތޯ ވަރުން ކައިރިންވަނީ އަހާފައެވެ. ޖަވާބުގައި ވަރުން ބުނެފައިވަނީ، ކްރިތީގެ ހިތުގައި މީހެއްގެ ނަން ބިންވަޅު ނެގިފައިވާކަމަށާއި އެ މީހަކު ވަނީ މުމްބާއީން ބޭރުގައި ކަމަށެވެ. އަދި އެވަގުތު ބަތަލާ ދިޕިކާއާއެކު ފިލްމެއްގެ ޝޫޓިންގްގައި ވަރަށް އަވަދިނެތިކޮށް އެފަރާތުން އުޅޭކަމަށް ވެސް ވަރުން ވަނީ ބުނެފައެވެ.

އިއްތިފާޤަކުން ބަތަލާ ދިޕިކާއާއި އެކްޓަރު ޕްރަބާސް އެކީގައި ފެންނަ ފިލްމު "ޕްރޮޖެކްޓް ކޭ"ގެ ޝޫޓިންގް މަސައްކަތުގައި ދެ ތަރިން ވެސް ވީ މުމްބާއީން ބޭރުގައެވެ.

މީޑިއާތަކުން މި ޚަބަރު ފަތުރަން ފެށުމާއެކު ބަތަލާ ކްރިތީ ވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އެކަމަށް ރައްދު ދީފައެވެ. އަދި އެއީ އެއްވެސް ވަރަކަށް ލޯތްބާ ގުޅުންހުރި ވާހަކަތަކެއް ނޫން ކަމަށާއި އެކްޓަރު ވަރުން ދަވަން ޖެއްސީ ޕަބްލިސިޓީ ސްޓަންޓެއް ވެސް ނޫން ކަމަށް ބުންޏެވެ. އެއީ ބަތަލާގެ ގާތް ރަޙްމަތްތެރިޔާ އަދި ފިލްމު "ބޭޅިޔާ"ގެ އެކްޓަރު ވަރުން މަޖަލަކަށް ބުނެލި އެއްޗެއްކަމަށް ވެސް ކްރިތީވަނީ ބުނެފައެވެ. އަދި އިތުރު އެހެން މީޑިއާއަކުން ކްރިތީގެ ކައިވެނީގެ ތާރީޚު އިޢުލާނު ނުކުރަނީސް މި ޚަބަރު މިއީ އެއްވެސް ތާކުން ތާކު ނުޖެހޭ ޚަބަރެއްކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ކްރިތީއާއެކުގައި މަސައްކަތްކުރާ އެކްޓަރުންނާއި ދެމެދު ލޯބީގެ ގުޅުން އޮންނަކަމަށް ދޭތެރެ ދޭތެރެއިން ޚަބަރު ފެތުރުނަސް މިހާތަނަށް އެއިން އެއްވެސް ޚަބަރަކަށް ބަތަލާ ރައްދު ދީފައެއް ނުވެއެވެ. ޢުމުރުން 32އަހަރުގެ ބަތަލާއަކީ މިވަގުތު ބޮލީވުޑްގެ އެންމެ ކުރީ ސަފުގައި ފިޔަ ޖަހަމުން އަންނަ ކާމިޔާބު އެކްޓްރެސްއެކެވެ. ފިލްމު "މިމީ"ގައި ބަތަލާ ދެއްކި މޮޅު އެކްޓިންއާއެކު ފިލްމީ ގިނަ ފުރުޞަތުތަކެއް ކްރިތީއަށްވަނީ ލިބިފައެވެ. ކްރިތީ މިހާރުވެސް އަންނަނީ 4 ފިލްމީ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް