ކޮންމެ ދުވަހަކު އަށް ތަށި ފެން ހަމަ ބޯން ޖެހޭތަ؟

ކުޑައިރުން ފެށިގެން އަބަދުވެސް އިވޭ އެއް ވާހައަކީ ގިނައިން ފެން ބޯން ޖެހޭނެ ކަމެވެ. އަދި ކޮންމެ ދުވަހަކު އަށް ތަށި ފެން ބުއިމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އަބަދުވެސް ބުނެއެވެ. ނަމަވެސް މިއީ ގިނަ ފަހަރަށް ގިނަ މީހުންނަށް ނުކުރެވޭ ކަމެކެވެ. އެހެންވީއިރު ކޮންމެ ދުވަހަކު ހަމަ ކޮންމެހެން އަށް ތަށި ފެން ބުއިން މުހިންމު ހެއްޔެވެ؟

ހަގީގަތުގައި އެކަމަށް އޮތް ޖަވާބަކީ އެ ބުނާ ހާ ފަސޭހަ ޖަވާބެއް ނޫން ކަމަށް ސައިންސުވެރިން ހާމަކޮށްފިއެވެ. ސައިންސުވެރިން ބުނާގޮތުގައި ދުވާލަކު އަށް ތަށި ފެން ބުއިމަށް ބުނާއިރު އެ އަދަދަކީ ކޮންމެ މީހަކަށް ހެޔޮވަރު އަދަދަކަށް ނުވެދާނެއެވެ.

މެކްސް ހެލްތުކެއާއިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި ކޮންމެ މީހަކަށް ފެން ބޯނެ މިންވަރު ކަނޑައަޅާއިރު އެމީހެއްގެ ވަށައިގެންވާ މާހައުލާއި މީހާގެ ހަށިގަނޑާއި މީހާ ހަކަތަ ބޭނުންކުރާ މިންވަރަށް ރިއާޔަށް ކުރަން ޖެހެއެވެ. އެގޮތުން ބައެއް އެތުލީޓުންނަކީ ދުވާލެއްގެ މައްޗަށް 10 ލީޓަރު ފެން ވެސް ބޯން ޖެހޭ ބައެއް ކަމަށް ދިރާސާއިން ދައްކައެވެ.

މި ދިރާސާއަށް ސައިންސުވެރިން ވަނީ ޑިއުޓީރިއަމް ބޭސްޑް ފެެނެއް ބޭނުންކޮށްފައެވެ. މި ބާވަތުގެ ފެނަކީ އޭގައި އާންމު ފެނަށްވުރެ ބަރު ހައިޑްރޮޖެން ހިމެނޭ ފެނަކަށް ވުމުން ޓްރޭސް ކުރެވޭ ފެނެކެވެ. މީގެ ސަބަބުން ފެން ބޭނުން ކުރާ މިންވަރާއި ހަށިގަނޑުން ފެން ގެއްލޭ މިންވަރު ދެނެގަނެވެއެވެ.

ދިރާސާއިން އެނގުނު ގޮތުގައި އާންމުކޮށް 20 އަހަރާއި 30 އަހަރާ ދެމެދުގެ ފިރިހެނުންނަށް އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 4.1 އެއް ލީޓަރުގެ ފެން ބޭނުންވެއެވެ. އަދި އެ އުމުރުގެ އަންހެނުންނަށް ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް ބޭނުންވަނީ 3.1 ލީޓަރު ފެނެވެ. އަދި ހަށިގަނޑުގައި ސަރުބީ ގިނައިން ހުންނަ މީހުންނަށް ފެން ބޭނުންވާ މިންވަރު މަދުވާ ކަމަށް ދިރާސާއިން ދައްކައެވެ.

މެކްސް ހެލްތުކެއާގެ ޑިރެކްޓާ އޮފް އިންޓާނަލް މެޑިސިން ޑރ. ރޮމެލް ޓިކޫ ބުނާގޮތުގައި އެތުލީޓުންނާއި އެކްޓިވް ލައިފްސްޓައިލެއް ގެންގުޅޭ މީހުންނަށް ގިނައިން ފެން ބޭނުންވާނެއެވެ. ހޫނު އަދި ވައި ތެތް މާހައުލުގައި ވެސް ފެން ބޭނުންވާ މިންވަރު އިތުރު ވާނެއެވެ. ނަމަވެސް މި ނޫން ހާލަތްތަކުގައި އާންމު ގޮތެއްގައި ބޭނުންވާނީ ތިން ލީޓަރުގެ ފެން ކަމަށް އޭނާ ފާހަގަކުރިއެވެ. އެއީ ގާތްގަނޑަކަށް ހަ ތަށި ފެނެވެ.

ނަމަވެސް ދިވެހިން އުޅެނީ ހޫނު އަދި ވައި ތެތް މާހައުލަކަށް ވާއިރު ކޮންމެ މީހަކު ވެސް ހަ ތަށްޓަށް ވުރެ ގިނައިން ދުވާލެއްގެ މައްޗަށް ފެން ބޯން ޖެހޭނެއެވެ.

comment ކޮމެންޓް