ރާއްޖޭގެ މަލަމަތިން ތަފާތު ވީޑިއޯއެއް، މަހިބަދޫގެ ކުދިންކޮޅެއް ދައްކާލީ މެސީއަށް އޮތް ލޯބި

ވޯލްޑްކަޕްގައި މިރެއަކީ ޚާއްސަ ރެއެކެވެ. ވަކިން ޚާއްސަކޮށް އާޖެންޓީނާގެ ސަޕޯޓަރުންނަށެވެ. ވޯލްޑްކަޕްގައި އެ ޓީމު ކުރިއަށް ދިއުން ބިނާވެފައި އޮތީ މިރޭ އެ ޓީމުން ނެރޭ ނަތީޖާއަކުންނެވެ.

އެހެންކަމުން މިއަދު މުޅި ސޯޝަލް މީޑިއާ ފުރާލައިފައިވަނީ އާޖެންޓީނާއަށާއި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް ޚާއްސަ ފޮޓޯތަކާއި ވީޑިއޯތަކުންނެވެ.

އެ ފޮޓޯތަކާއި ވީޑިއޯތަކުން ވެސް އެންމެ ބޮޑަށް އަޅައިގަތީ ރާއްޖޭގެ ރިތި މަލަމަތި ދައްކުވައިދޭ ވީޑިއޯއަކަށެވެ. މުޙައްމަދު ނައުޝާދު ނަމަކަށް ކިޔާ ޒުވާނެއް ސޯޝަލް މީޑިއާއަށް ދޫކޮށްލީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ތެރެއިން އާޖެންޓީނާއަށް ކުރާ ސަޕޯޓެވެ.

އެ ވީޑިއޯއިން ދައްކަނީ އެ ރަށުގެ ސްކޫލު އުމުރުފުރައިގެ ކުދިންކޮޅެއް އާޖެންޓީނާގެ ދިދަ ހިފައިގެން ލޯންޗެއްގައި އދ. މަހިބަދޫއިން ފުރައިގެން، ފިނޮޅަކަށް ދާ މަންޒަރެވެ.

View this post on Instagram

A post shared by Mohamed Naushad (@natea23mv)

އޭރުވެސް އެ ކުދިންގެ ހުނަރުވެރިކަން ކުޑަކޮށް ވެސް ވަޒަންނުކުރެވެއެވެ. އެ ފިނޮޅަށް ގޮސް ފިނޮޅުގައި ދިދަ ޖެހުމަށްފަހު، ފިނޮޅުގެ ސާފު ދޮން ވެލިގަނޑުގުގައި އެ ކުދިން ކަޅުވެލިން ކޮންމެވެސް އެއްޗެއް ކުރަަހައެވެ.

ވީޑިއޯ ނިމޭ ހިސާބުން އެ ކުރެހި އެއްޗެއް ދައްކާލުމުން ތަލިން ކުޅު ހިކުނެވެ. އެ ސާފު ދޮންވެލިގަނޑުގައި ކުރަހާލީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީއެވެ. ހީވަނީ މެސީގެ ފޮޓޯއެއް ޕްރިންޓުކޮށް ފަތުރާލައިފައި އޮތް ހެންނެވެ. އެހާވެސް ވައްތަރީއެވެ.

އެ ވީޑިއޯ ނެގި ނައުޝާދު ބުނީ އެ ވީޑިއޯއަކީ އަމިއްލަ ޚިޔާލަކަށް، ރާއްޖޭގައި އޮތް ވޯލްޑްކަޕް ފޯރިއާއި މެސީއަށް ކުރާ ސަޕޯޓު ދައްކާލުމަށް ނެގި ވީޑިއޯއެއްކަމަށެވެ.

މެސީގެ ފޮޓޯ ކުރަހާފައި ނައުޝާދު އާޖެންޓީނާ ދިދަ ކައިރީ ހުއްޓިލައިގެން --- ފޮޓޯ/ މުހައްމަދު ނައުޝާދު

ވީޑިއޯ ނެގުމަށް މަހިބަދޫގެ ކުދިންކޮޅެއް ގޮވައިގެން އެ ރަށާ އިންވެގެން އޮންނަ ފިނޮޅަކަށް ދިޔައީކަމަށް އޭނާ ބުންޏެވެ.

"ރަށުން ގެންދިޔައީ އާޖެންޓީނާ ދިދައަކާއި ކަޅު ވެލި ގޯންޏެއް. އެއީ ހަމަ ކުއްލިއަަކަށް އައި ޚިޔާލަށް ހަދަން މަސައްކަތްކުރި ވީޑިއޯއެއް،" ނައުޝާދު ބުންޏެވެ.

އޭނާ ބުނީ ކުދިންކައިރީ ވެސް ކަން ކުރަންވީ ގޮތް ކިޔައިދިނީ ލޯންޗަށް އަރައިފައިކަމަށެވެ. އަދި އެ ވީޑިއޯ އެހާ ފުރިހަމަވީ އެ ކުދިންގެ ހުނަރުގެ ސަބަބުން ކަމަށް ނައުޝާދު ބުންޏެވެ.

comment ކޮމެންޓް