ވިނަރެސް ފްލެޓްތަކަށް ކުރިމަތިލި މީހުންނަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ވިނަރެސް ފުލެޓެއްގެ އެތެރެ، މި މަޝްރޫއުގައި ދެ ވައްތަރެއްގެ އެޕާޓްމަންޓްތައް ހިމެނޭ -- ސަންފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތަރައްގީ ކުރާ ވިނަރެސް ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު އެ ކޯޕަރޭޝަނުން އިތުރުކޮށްފިއެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތު އެޗްޑީސީއިން އިތުރުކޮށްފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެ ކުރިން އެކަމަށް އެޗްޑީސީއިން ދީފައި އޮތީ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތެކެވެ.

ޝަކުވާ ހުށަހެޅޭނީ "މައި ހުޅުމާލެ" ޕޯޓަލް މެދުވެރިކޮށެވެ.

އެޗްޑީސީއިން ބުނީ ޝަކުވާތައް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އާންމުން މި ފްލެޓްތަކަށް ކުރިމަތިލިއިރު ޑޮކިއުމެންޓްތައް މަދުވުން ފަދަ ކަންކަން ދިމާވެފައިވާތީ އެފަދަ ކަންކަން ބެލުން ކަމަށެވެ.

މި ފްލެޓްތައް ގަތުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު ހުށަހެޅި 1،413 ފޯމުގެ ތެރެއިން ޝަރުތު ހަމަވާ ފޯމުގެ ގޮތުގައި ހައުސިން މިނިސްޓްރީއިން ކަނޑައެޅި ފޯމުގެ އަދަދަކީ 723 އެވެ. އެހެންކަމުން ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ފައިނޭންޝަލްސް ހަމަ ނުވުމުގެ ސަބަބުން އެ ލިޔެކިޔުންތައް ހަމަ ކުރުމަށް މި އަންނަ މަހުގެ 12 ވަނަ ދުވަހު އޯޕަންޑޭއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ވިނަރެސް ފްލެޓްތަކުގައި 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެއެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގައެވެ. އެ އެޕާޓްމެންޓުތަކުގައި ނުވަސަތޭކަ ދެ އަކަފޫޓާއި އަށް ސަތޭކަ އަށްޑިހަ ތިން އަކަފޫޓް ހިމެނޭ މި އެޕާޓްމަންޓްތަކުގައި ތިން ކޮޓަރި އަދި ތިން ފާހާނާގެ އިތުރުން ބެލްކަނި ހުރެއެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތު މި އަންނަ މަހުގެ 11ގެ ނިޔަލަށް އެޗްޑީސީއިން ހުޅުވިއިރު، އެޗްޑީސީއިން ދަނީ ފައިނޭންޝިއަލް އެލިޖިބިލިޓީގެ އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ގެންގޮސް ޝަރުތުހަމަވާ މީހުންނަށް ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި ޝަރުތުތައް ހަމަ ނުވާ މީހުންގެ ޔުނިޓްތައް ކެންސަލްކޮށް، ވެއިޓްލިސްޓްގައިވާ މީހުންނަށް ފުރުސަތު ދިނުމުގެ މަސައްކަތް ވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

ވިނަރެސް ފުލެޓުތަކަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާޅެ ފޭސް ދޭއްގައި ތަރައްގީ ކުރި ފްލެޓްތަކެކެވެ. މި ފްލެޓްތައް އެޅުމަށް ހަވާލުކުރީ ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެވެ.

comment ކޮމެންޓް