ކުރިއަށްއޮތް ތަނުގައި އޮރެންޖުގެ އަގަށް ވާނީ ކިހިނެއް؟

މާޗް 23، 2021: އަމީނީމަގު ލޯކަލް މާރުކޭޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ބާޒާރުގައި އޮރެންޖްގެ އަގު އިންތިހާއަށް އުފުލުނު ޚަބަރަކީ އިއްޔެ ނޫސްތަކުން އެންމެ ފާހަގަކޮށްލެވުނު އެއް ޚަބަރެވެ. އޮރެންޖާއި އާފަލުގެ އަގުތައް މަޑުމަޑުން އުފުލެމުންދާތާ ހަފުތާއެއް ވެއްޖެއެވެ. އެހެންވެ ގިނަ މީހުންނަށް ހީކުރެވިފައި އޮތީ މިއީ ޖީއެސްޓީ އަންނަ މަހުން ފެށިގެން ބޮޑުކުރަން ނިންމުމުން އައި ބަދަލެއް ކަމަށެވެ.

މާލޭ ބާޒާރުގައި އޮރެންޖް ލިބުން ދަތިވެ، އޮރެންޖުގެ އަގުތައް ވަނީ މީގެ ކުރިން ނުއުފުލޭވަރަށް އުފުލިފައެވެ. އާއްމު ގޮތެއްގައި މާލޭ ބާޒާރުގައި އެންމެ އަގު ބޮޑުވެގެންވެސް ފަސް ރުފިޔާއަށް އޮރެންޖެއް ކުރިން ލިބެއެވެ. ނަމަވެސް އިއްޔެ އާއި މިއަދު އޮރެންޖެއްގެ އަގު ވަނީ 12 ރުފިޔާއަށް މައްޗަށްގޮސްފައެވެ.

"ސަން" އާ ވާހަކަދެއްކެވި ބައެއް ވިޔަފާރިވެރިން ބުނީ، ބާޒާރުގައި މިހާރު އޮރެންޖް ލިބުން ދަތިނަމަވެސް މި މަހުގެ 10 ނުވަތަ 15 ހާ ތަނުގައި ކުރިއެކޭ އެއްގޮތަށް އޮރެންޖު ލިބޭނެ ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ވިއްކަން ބަހައްޓާފައި ހުރި އޮރެންޖުތަކެއް--- ފޮޓޯ/ސަން

ރާއްޖެއަށް މޭވާގެ ބާވަތްތައް އެތެރެކޮށް ވިއްކަމުން ދާ މަޑިހާ ނުވަތަ އުފަންވެލި ޝޮޕުން ބުނީ މި ދުވަސްކޮޅު އޮރެންޖް ލިބުމުގައި ދަތިކަމެއް އުޅޭކަމަށެވެ.

"އާއްމުކޮށް އޮރެންޖް ގެންނަ އެއް ޤައުމަކީ ދެކުނު އެފްރިކާ. އެޤައުމުން އޮރެންޖް ލިބުމުގައި ދަތިކަމެއް އެބަހުރި. ދެން ޔުކްރެއިން ހަނގުރާމައިގެ ސަބަބުންވެސް ތަކެތި ލިބުމުގައި ދަތިކަމެއް އެބައުޅޭ" މަޑިހާގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ.

ވިޔަފާރިވެރިން ބުނީ، އެންމެ އަވަސް ވެގެންވެސް މާލޭ ބާޒާރަށް އޮރެންޖު ގެނައުމަށް ހަފުތާއެއް ނުވަތަ ދެ ހަފުތާއެއް ހާ ދުވަސް ނަގާނޭ ކަމަށެވެ. އޭރަށް ހެޔޮ އަގުގައި އޮރެންޖް ލިބޭނެ ކަމަށް އެ ވިޔަފާރިވެރިން ބުނެއެވެ.

މާލޭ ބާޒާރުމަތީ ބައެއް ފިހާރަތަކުން އޮރެންޖެއް 12 ރުފިޔާއަށް ލިބެން ހުރިއިރު، އޯޑަރުދިނުމުން ބައެއް ގޮޅިތަކުން އޮރެންޖެއް 20 ރުފިޔާއަށް ޑެލިވަރީކޮށްދެއެވެ. މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އެންމެގިނައިން އޮރެންޖް އެތެރެކުރާ ޤައުމުތަކުގެ ތެރޭގައި ދެކުނު އެފްރިކާ އަދި މިސްރު ހިމެނެއެވެ.

ބޭރުގެ މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުން މިދުވަސްވަރު ދެކުނު އެފްރިކާއިން އޮރެންޖް އެކްސްޕޯޓް ކުރުމުގައި ތާށިކަމެއް އުޅެނީ، އޮރެންޖް ގަސްތަކަށް ޖެހުނު ފަންގަސް ބަލީގެ ސަބަބުންނެވެ.

ދެކުނު އެފްރިކާގެ އޮރެންޖު ދަނޑެއްގައި އޮރެންޖް ގަހަކަށް ފަންގަސް ބަލި ޖެހިފައި-- ފޮޓޯ/ސިޓްރަސް އިންޑަސްޓްރީ

ބައެއް އެހެން ދިވެހި ވިޔަފާރިވެރިން ބުނީ ބާޒާރުން އޮރެންޖް ލިބުން މިވަގުތު ދަތިވިނަމަވެސް ކުރިއަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި އޮރެންޖް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެ ގޮތުން ކަނޑުމަގުން ގެންނަ އޮރެންޖް ޝިޕްމަންޓް ލިބުން ލަސްވާނަމަ އެއާފްލައިޓުކޮށް މެލޭޝިއާ ފަދަ ޤައުމުތަކުން އޮރެންޖު އެތެރެކޮށް ބާޒާރަށް ނެރޭނޭކަމަށް ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ.

"މެލޭޝިއާގައި ހަމަ ގައިމުވެސް އޮރެންޖް ވަރަށް ބައިވަރު އެބައޮތް. މެލޭޝިއާ އިން ރާއްޖެއަށް ކަނެކްޓިވިޓީވެސް ރަނގަޅު. މިހާރުވެސް ފްލައިޓުން ކާގޯ ގެންނަވަރު ވަކި މަދެއްނޫން" ރާއްޖެއަށް ބޭރުގެ ބައެއް އެއާލައިންތައް ގެންނަ ކުންފުންޏެއްގެ ވެރިއަކު ސަންއާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

މާލޭ ބާޒާރުގައި އޮރެންޖް މަދުވުމާ ގުޅިގެން އޮރެންޖު ވިއްކާ ފިހާރަތަކުން އަންނަނީ އޮރެންޖުގެ އަގު އިންތިހާއަށް ބޮޑުކުރަމުންނެވެ. މިކަމާއި ގުޅިގެން ސަންއާ ވާހަކަދެއްކި ބައެއް އާއްމުން ބުނީ ބާޒާރުން ތަކެތި ލިބުން ދަށްވާއިރަށް ބައެއް ވިޔަފާރިވެރިން ތަކެތީގެ އަގުތައް މައްޗަށް ޖައްސާލާ ކަމަށެވެ.

" އެއްޗެއް ލިބުން މަދުވުމަކީ އަދި އެ އެއްޗެއްގެ އަގުބޮޑުކުރަންޖެހޭ ސަބަބެއްނޫން. މީގެ ދެދުވަސް ކުރިން ފަސް ރުފިޔާއަށް އޮރެންޖު ވިއްކި މީހުން މިހާރު އެބަވިއްކާ އޮރެންޖެއް 12 ރުފިޔާއަށް. ދެން ބުނާނެ އާ ޝިޕްމަންޓެކޭ" ދަތުރުވެރިންގެ މާރުކޭޓުގައި ހުރި މީހަކު މި ނޫހާ ވާހަކަދައްކަމުން ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓްގައި މީހަކު އޮރެންޖު ގަންނަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޮރެންޖުގެ އިތުރުން މާލޭ ބާޒާރުގައި އާފަލުގެ އަގުތައް ވެސް ވަނީ މައްޗަށް ޖެހިލާފައެވެ. ކުރިން ފަސް ރުފިޔާއަށް ވިއްކި ރަތް އާފަލު ބައެއް ފިހާރަތަކުން މިހާރު ހަތް ރުފިޔާއަށް ވިއްކައެވެ. މީގެ އިތުރުން ބައެއް ފިހާރަތަކުގައި ކުރިން ހަ ރުފިޔާއަށް ވިއްކި ފެހި އާފަލުގެ މިހާރު ވިއްކަނީ 10 ރުފިޔާ އަށެވެ.

މާލޭ ބާޒާރުގައި އޮރެންޖް އަދި އާފަލުގެ އަގު ބޮޑުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނަމުން ދަނީ އެ ތަކެތީގެ އަގު ބޮޑުވީ ސަރުކާރުން ޖީއެސްޓީ ބޮޑުކުރަން ނިންމުމުން ކަމަށެވެ. ނަމަވެސް އޮރެންޖާއި އާފަލަކީ ޓެކްސް ނަގާ އެއްޗެއް ނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު