އަމިއްލަ ރަށުން ބޯހިޔާވަހިކަމަށް ކުރި އެގާރަ އަހަރުގެ އިންތިޒާރު ނިމުމަކަށް

ކުޅުދުއްފުށީ ބަންޑާރަހިޔާގެ ރޯހައުސްތައް --ކޭއޯފޮޓޯ

ކުޅުދުއްފުށީގައި މީގެ 11 އަހަރު ކުރިން ބިން ހިއްކީ އެ ރަށުގައި އޮތް ބިމުގެ ދަތިކަމަށް ކޮންމެ ވެސް ހައްލެއް ހޯދުމަށެވެ.

އެއާއެކު ގެދޮރުވެރިކަމުގެ އިންތިޒާރުގައި ތިބި އެ ސިޓީގެ ރައްޔިތުންނަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ހިއްކި ބިމުގައި 2011ވަނަ އަހަރު ރޯހައުސްތަކެއް އިމާރާތްކުރަން ފެށިއެވެ.

އެއީ 165 ރޯހައުސެވެ. އެ މަސައްކަތް ނޫމަޑި ރިސޯޓްސްއަށް ހަވާލުކުރުމުން އެ ކުންފުނިން ސަބްކޮންޓްރެކްޓަށް ހަވާލުކުރީ އައިލެންޑް ލައިން ކުންފުންޏަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ފުރަތަމަ ނިންމުނީ އެންމެ 60 ރޯހައުސެވެ.

އެއާއެކު ނުނިމި ހުރި 105 ރޯހައުސްގެ މަސައްކަތް ނިންމަން މި ސަރުކާރުން މި އަހަރުގެ އޭޕްރީލް މަހު ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރިއެވެ.

ކުޅުދުއްފުށީ ބަންޑާރަހިޔާގެ ރޯހައުސްތައް --ކޭއޯފޮޓޯ

އެ ކުންފުނިން އެ މަސައްކަތް ނިންމައި ރޯހައުސްތައް ހަވާލު ކުރުމާއެކު ރޯހައުސްތައް ލިބުނު މީހުންނަށް އެ ތަންތަނުގެ ތަޅުދަނޑި ހަވާލުކުރަން މިދިޔަ ހޮނިހިރު ދުވަހު ވަނީ ފަށައިފައެވެ.

އެކަމާ ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު "ސަން"އަށް ބުނީ މި ބުރުގައި 85 މީހަކަށް ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ލިސްޓުތައް ބަލައި ދެނެގަންނަންޖެހޭ ކަންކަން މި ހޯދަނީ. މިސާލަކަށް ރޯ ހައުސްތައް ލިބޭ މީހުންގެ ތެރޭގައި އެ މީހެއްގެ ނަންމަތީ ބަންޑާރަ ގޯއްޗެއް ނުވަތަ ބިމެއް އޮތްތޯ ބަލަނީ މި، ޕްލޭނިން މިނިސްޓްރީ މެދުވެރިކޮށް. އޭގެ ފަހުން ލިސްޓުން އުނިކުރަންޖެހޭ މީހުން އުނިކޮށް، ބަދަލުތައް ގެންނާނެ،" އެ ކައުންސިލްގެ މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.

މި ރޯހައުސްތައް ހަވާލުކުރުމަކީ އެ ސިޓީއިން ބޯހިޔާވަހިކަމަށް އެދި ތިބި ގިނަ ބައެއްގެ އިންތިޒާރަށް ނިމުމެއް ގެނުވިކަމެކެވެ.

ކުޅުދުއްފުށީ ބަންޑާރަހިޔާގެ ރޯހައުސްތައް --ކޭއޯފޮޓޯ

ރޯހައުސް ލިބުނު އެ ރަށުގެ މީހަކު މިއަދު "ސަން"އަށް ކިޔައިދިން ގޮތުގައި އޭގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.

"އަޅުގަނޑު އުޅުނީ ދެ ކުދިން ގޮވައިގެން އެއް ކޮޓަރީގައި. އަޅުގަނޑުގެ އަމިއްލަ އެއްވެސް ތަނެއް ނެތް. ވަކި އާއިލާއެއްގެ ގޮތުގައި ދިރިއުޅުމެއް ފަަށަން ބޭނުންވެފައި ތިބި ގިނަ ބަޔަކަށް ވެސް މިއީ ލިބޭނެ ފުރުސަތެއް،" އޭނާ ބުންޏެވެ.

ހަމައެއާއެކު އިޖްތިމާއީ މައްސަލަތަކަށް ވެސް މީގެ ސަބަބުން ހައްލު ލިބޭނެކަމަށް އޭނާ ބުންޏެވެ.

ރޯހައުސްތަކުގެ ހައްގުވެރިންނަށް ތަޅުދަނޑި ހަވާލުކުރުން އެއްކޮށް ނިންމާލެވޭނީ އަންނަ މަހުގެ ތެރޭގައި ކަމަށް ކުޅުދުއްފުށީ ސިޓީގެ ކައުންސިލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް