އެކްޓަރު ނާގާ ޗައިތަންޔާގެ އާފިލްމުގެ ނަމަކީ ''ކަސްޓަޑީ''

ތެލުގޫ އިންޑަސްޓްރީ އަދި މިހާރު ހިންދީ ފިލްމުތަކުންވެސް ފެންނަ އެކްޓަރު ނާގާ ޗައިތަންޔާގެ ކުރިޔަށްއޮތް ފިލްމުގައި އެކްޓަރު ފެނިގެންދާނެގޮތް ދައްކާލައިފިއެވެ.

"ކަސްޓަޑީ"ގެ ނަމުގައި އުފައްދާ މިފިލްމަކީ، ތަމަޅަ ޕްރޮޑިއުސަރު ވެންކަތް ޕްރަބޫގެ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރ ނާގާގެ ފޭނުންނާ ހިއްސާކޮށްފައިވަނީ އެކްޓަރުގެ 36ވަނަ އުފަންދުވަހާ ގުޅުވައިގެންނެވެ. ޕޯސްޓަރުގައި އެކްޓަރު ފެންނަނީ ވަރަށް ގިނަ ފުލުހުންގެ ބެލުމުގެ ދަށުގައި އެމީހުންގެ ބާރުގެ ދަށުގައި އެކްޓަރު ވަނިކޮށެވެ. ޕޯސްޓަރުގައި ފެންނަގޮތުގައި ޚުދު ނާގާވެސް ހުންނަނީ ފުލުސް ޔުނީފޯމްގައެވެ. ފިލްމުގެ ޕޯސްޓަރާއެކު ދީފައިވާ މެސެޖުގައި ބުނަނީ، ބަދަލެއް ގެންނަން އެދޭނަމަ އެންމެ ފުރަތަމަ އެގެންނަ ބަދަލުގެ ފެށުމަކީ އެމީހަކުކަމުގައި ވާންޖެހޭނެކަމަށެވެ.

ފިލްމު "ކަސްޓަޑީ"އަކީ، އެކްޓަރު ނާގާއާއި ޑައިރެކްޓަރު ވެންކަތް ޕްރަބޫ އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މިފިލްމާބެހޭ މާބޮޑު ތަފްސީލެއް ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން އަދި ހާމައެއް ނުކުރެއެވެ. ރިޕޯޓުތައް ބުނާގޮތުން އެކްޓަރު ނާގާއާއެކު ފިލްމުގައި ދެން ފެންނާނީ ތަމަޅަ އެކްޓަރު އަރްވިންދް ސްވާމީއާއި ބަތަލާ ކްރިތީ ޝެޓީ އަދި ސާރަތް ކުމާރްއެވެ. އެކްޓަރު ނާގާ ޗައިތަންޔާ އެންމެފަހުން ފެނުނީ މިއަހަރު ރިލީޒްވި ފިލްމު "ލާލް ސިންގް ޗައްދާ"އިންނެވެ. ފިލްމުގައި ނާގާ ފެނުނީ އެކްޓަރު އާމިރް ޚާންއާއެކު މިލިޓަރީ ބޭސްއެއްގައި މަސައްކަތްކުރާ ރަޙްމަތްތެރިއެއްގެ ރޯލްއިންނެވެ.

ތިރީސް ހަ އަހަރުގެ ނާގާ ޗައިތަންޔާއަކީ، ތަމަޅަ އެކްޓަރު ނާގަރްޖުނާގެ ދޮށީ ދަރިފުޅެވެ. 2015ވަނަ އަހަރު ސައުތް ސިނަމާގެ މަޤުބޫލު ބަތަލާ ސަމަންތާ ރުތް ޕްރަބޫއާއި ކައިވެނިކޮށް ދެމީހުންގެ ކައިވެނި ރޫޅިފައިވަނީ މިދިޔައަހަރުއެވެ. ދެމީހުންގެ ވަކިވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެކްޓަރު ނާގާއަށްވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް