20 އަހަރަށްފަހު ސެނެގާލް ވޯލްޑް ކަޕުގެ ދެވަނަ ބުރަށް

ގޯލު ޖެހުމަށްފަހު ސެނެގާލައިން އުފާ ފާޅުކުރަނީ---

ދުނިޔޭގައި ބާއްވާ ފުޓުބޯޅައިގެ އެންމެ ހައިބަތު ބޮޑު މުބާރާތް، ފީފާ ވޯލްޑް ކަޕުގެ ރައުންޑް އޮފް 16 އަށް، 20 އަހަރުގެ މެދުކެނޑުމަކަށްފަހު ސެނެގާލް އިން ދަތުރު ކޮށްފިއެވެ.

ސެނެގާލުން އެންމެފަހު ރައުންޑް އޮފް 16 ގައި ކުޅެފައި ވަނީ 2002 ވަނަ އަހަރު ޖަޕާން އަދި ސައުތު ކޮރެއާ ގައި ބޭއްވި ވޯލްޑް ކަޕުގައެވެ. އެފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލާއި ހަމައަށް ސެނެގާލް ދަތުރު ކޮށްފައިވެއެވެ.

މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ސެނެގާލުން ހޯދީ، ގަތަރުގެ ޙަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް އޭގެ ފަހު ދެމެޗުގެ ތެރެއިން ސެނެގާލް އަދި އެކުއެޑޯ ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބު ކޮށްގެންނެވެ.

މިއީ 1990 ވަނަ އަހަރަށްފަހު އެފްރިކާގެ ޓީމަކުން ސައުތު އެމެރިކާގެ ޓީމެއްގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރުކަން ވެސް ފާހަގަ ކޮށްލެވެއެވެ. 1990 ވަނަ އަހަރު ކެމަރޫން އިން ވަނީ ވޯލްޑް ކަޕުގައި ކޮލަމްބިއާގެ މައްޗަށް ކުރި ހޯދާފައެވެ.

އެކުއެޑޯގެ މައްޗަށް ކުރިހޯދި މި މެޗުގައި ސެނެގާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ޖުމްލަ 14 ހަމަލާއެއް އުފައްދާފައިވެއެވެ.

މެޗު ފަށައިގެން ސެނެގާލްއިން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، މެޗުގެ އަށް ވަނަ މިނެޓުގައި ސެނެގާލްގެ ޔޫސުފް ސަބަލީގެ އެހީއާއެކު ބޮއުލޭ ޑިއާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އަދި މެޗުގެ 23 ވަނަ މިނެޓުގައި ވެސް ސެނެގާލް އިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން އިސްމާއިލާ ސާ ފޮނުވާލި ބާރު ހަމަލާ އެކުއެޑޯގެ ޑިފެންޑަރެއް ގައިގައި ޖެހިފައި ދިޔައީ ބޭރަށެވެ.

ސެނެގާލް އިން މެޗުގައި ލީޑު ނެގީ، ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. މިއީ އެކުއެޑޯގެ އޭރިއާ ތެރެއިން އިސްމާއިލްް ސާއަށް އެކުއެޑޯގެ ޕިއެރޯ ހިންކޭޕީ ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުން، ސާ ކާމިޔާބު ކުރި ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން އެކުއެޑޯގެ ކުޅުން ރަނގަޅުކޮށް، ސެނެގާލްގެ ގޯލަށް ނުރައްކާކޮށްފައިވެއެވެ. އެގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ޓޮރެސް ޖައްސާލި ބޯޅައަކުން ކައިސޭޑޯ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އޭގެ ތިން މިނެޓުފަހުން ސެނެގާލްއިން ވަނީ އިތުރު ގޯލެއް ޖަހައި އަލުން ލީޑު ނަގައިފައެވެ. މިއީ އޭރިއާ ތެރޭގައި ހުސްކޮށްހުރެފައި ކަލިދޫ ކުލިބާލީ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

އެކުއެޑޯއިން ސެނެގާލްގެ މައްޗަށް ހޯދި މޮޅާއެކު ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރު ކުރީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކުރީ ފަހު މެޗުގައި ގަތަރުގެ މައްޗަށް ކުރި ހޯދި ނެދަލެންޑްސް އެވެ. ތިންވަނައިގައި އެކުއެޑޯ އޮތްއިރު ފުލުގައި އޮތީ ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވި ގަތަރެވެ.

comment ކޮމެންޓް