ފީފާ ވޯލްޑްކަޕް 2022 ގައި ރޭ ޕޯޗުގަލް އަދި އުރުގުއާއީ ބައްދަލުކުރި މެޗަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މެޗެކެވެ. އެ މެޗު ކާމިޔާބުކޮށް 2016 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރިއެވެ.
ނަމަވެސް މެޗުގައި ޕޯޗުގަލް ހޯދި ކާމިޔާބީ އާއި އެ ޓީމުން ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށްވުރެ، މީހުންގެ ސަމާލުކަން ބޮޑަށް ހުއްޓުނީ އެ މެޗުގައި ޕޯޗުގަލްއިން ކާމިޔާބުކުރި ފުރަތަމަ ގޯލަށެވެ. އުރުގުއާއީ ޕެނަލްޓީ އޭރިއާގެ އަރިމަތިން، ޕޯޗުގަލްގެ ބްރުނޯ ފެނާންޑޭޒް ނަގައިދިން ހުރަހަށް، އެ ޓީމުގެ ތަރި ރޮނާލްޑޯ ބޮލުން ޖަހަން އެރިއެވެ. އަދި ބޯޅަ ގޮސް ގޯލުގެ ތެރެއަށް ވަނުމުން އެންމެ ބޮޑަށް އުފާ ފާޅުކުރި ކުޅުންތެރި އަކީވެސް ރޮނާލްޑޯ އެވެ.
ރޮނާލްޑޯ އާއި މި ލަނޑު ހަގީގަތުގައި ކާމިޔާބު ކުރި ބްރޫނޯގެ އިތުރުން ޕޯޗުގަލްގެ މުޅި ޓީމާއި ފީފާ އަދި މެޗު ބަލަން ތިބި ފަރާތްތަކާއި މަޝްހޫރު މީޑިއާ ތަކުންވެސް ނިންމީ މިއީ ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑެއް ކަމަށެވެ.
ގޫގުލް ސާޗް އިންޖީން އިންވެސް ދެއްކީ އެއީ ރޮނާލްޑޯގެ ލަނޑެއްގެ ގޮތުގައެވެ. ޕޯޗުގަލް އިން ލަނޑު ޖެހިކަން ހާމަކޮށް ފީފާ އިން ކުރި ޓުވީޓުގައި ވެސް ފުރަތަމަ ބުނީ އެއީ ރޮނާލްޑޯގެ ލަނޑެއް ކަމަށެވެ.
އެހެންނަމަވެސް އޭގެ އިރުކޮޅެއް ފަހުން ދަނޑުގައި ނަތީޖާ އިއުލާނު ކުރި އިރު މިއީ ބްރޫނޯ ޖެހި ލަނޑެއް ކަމަށް އިއުލާނު ކޮށްފައިވެއެވެ. ފީފާ އިން ވެސް ވަނީ ފަހުން އެއީ ބްރޫނޯގެ ލަނޑެއް ކަމަށް ބުނެފައެވެ.
އެޑިޑާސް އިން ރޮނާލްޑޯގެ ބޮލުގައި ބޯޅަ ނުޖެހޭކަން ކަށަވަރު ކޮށްދޭ
މިއަހަރު ވޯލްޑްކަޕްގެ މެޗުތަކުގައި ކުޅޭ ބޯޅައައިން ވެސް ފެންނަނީ 21 ވަނަ ގަރުނުގެ އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީއެވެ. ކުޅިވަރު ސާމާނު އުފައްދާ ކުންފުނި އެޑިޑާސްއިން ފަރުމާކުރި "އަލް ރިހްލާ" ބޯޅައިގައި އެ ކުންފުނިން ވަނީ ކަނެކްޓަޑް ބޯލް ޓެކްނޮލޮޖީ މުޅިން އަލަށް ހިމަނައިފައެވެ.
ކަނެކްޓަޑް ބޯލް ޓެކްނޮލޮޖީ އަކީ އެ ބޯޅައިގެ ތެރޭގައި ހިމަނާފައިވާ އެޑިޑާސްގެ މުޅިން އައު ސަސްޕެންޝަން ސިސްޓަމެކެވެ. އެ ސިސްޓަމްގައި ހިމެނޭ މޯޝަން ޑިޓެކްޝަން ސެންސާ އިން، ބޯޅައިގެ ހުރިހާ ހަރަކާތެއް ދެނެގަންނާނެއެވެ. އަދި އެއްކުރާ މައުލޫމާތު ވަގުތުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އަށް ފޮނުވާނެއެވެ.
ރޭގެ މެޗުގައި ރޮނާލްޑޯގެ ބޮލުގައި ބޯޅަ ނުޖެހޭކަން އެޑިޑާސްއިން ވަނީ ޔަގީންކޮށްދީފައެވެ. އެ ބޯޅައިން ނެގުނު މައުލޫމާތުގެ އަލީގައި އެ ކުންފިނުން ބުނީ އެ ބޯޅައިގައި ރޮނާލްޑޯގެ ބޯ ޖެހިފައި ނުވާކަމަށެވެ.
ރޮނާލްޑޯ ބުނަނީ އެ ގޯލު ޖެހީ އޭނާ ކަމަށް
މަޝްހޫރު ފުޓުބޯޅަ ނޫސްވެރިޔާ އެލެކްސީ ލަލާސް ރިޕޯޓުކޮށްފައިވާ ގޮތުގައި، ރޭގެ މެޗަށްފަހު ޕިއާސް މޯގަންއަށް ރޮނާލްޑޯ މެސެޖު ކޮށްފައިވެއެވެ. އެ މެސެޖުގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު ޖެހީ އޭނާ ކަމަށް ރޮނާލްޑޯގެ މެސެޖުގައި ބުނެފައިވާ ކަމަށް ލަލާސް ބުނެފައިވެއެވެ.
ޕިއާސް މޯގަން އަކީ ރޮނާލްޑޯ އާއި ގާތް ގުޅުމެއް ބާއްވާ ނޫސްވެރިއެކެވެ. އޭނާ ބޮޑަށް މަޝްހޫރު ވެފައި ވަނީ ޓީވީ ޕްރޮގްރާމްތަކާއި، މަޝްހޫރު ޝަޚްޞިއްޔަތުންގެ އެކްސްކްލޫސިވް އިންޓަވިއުތައް ގެނެސްދޭ މޮޅު ޕްރެޒެންޓަރެއްގެ ގޮތުގައެވެ.
ދާދިފަހުން ޕިއާސް މޯގަންގެ "90 މިނެޓްސް" ޕްރޮގްރާމުގައި ރޮނާލްޑޯ ދެއްކި ވާހަކަތަކަކާއި ގުޅިގެން މުޅި ފުޓުބޯޅަ ދުނިޔެއަށް ސިހުން ގެނުވިއެވެ.
ޕޯޗުގަލްގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނަނީ ގޯލު ޖެހީ ރޮނާލްޑޯ ކަމުގެ ހެކި ކުރިކަމަށް
ރޭގެ މެޗުގައި ޖެހި ފުރަތަމަ ގޯލަކީ ރޮނާލްޑޯ ޖެހި ގޯލެއްކަން ކަށަވަރުވާ މިންވަރަށް، ހެކި އެބަހުރިކަމަށް ޕޯޗުގަލް ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ސްޕެއިންގެ އެލް ޗިރިންގުއިޓޯ ޓީވިން އަދި ޕޯޗުގަލްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕޯޗުގަލް އޮތީ ރޮނާލްޑޯ ގޯލު ޖެހިކަމުގެ ހެކި ފީފާއަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
މެޗުގައި ފެނުނު މި ގޯލާއި ގުޅޭގޮތުން އެކި ފަރާތްތަކުން އެ މީހެއްގެ އަމިއްލަ ރައުޔު އިއްވާއިރު، މިކަމާ ގުޅޭގޮތުން ބްރޫނޯ ފެނާންޑޭޒް ބުނީ، ހުދު އޭނާ ވެސް ހީކުރީ މިއީ ރޮނާލްޑޯ ޖެހި ލަނޑެއް ކަމަށާއި، ލަނޑަށް ފަހު އުފާ ފާޅު ކުރީވެސް އެގޮތަށް ނިންމައިގެން ކަމަށެވެ.
އަދި އޭރިއާ ތެރެއަށް ބޯލަ ފޮނުވާލީ ރޮނާލްޑޯ އަށް ހުރަސް ކޮށްދިނުމުގެ މަގްސަދުގައި ކަމަށާއި، އެއީ ގޯލަށް ޖެހުމަށް ފޮނުވާލި ހަމަލާއެއް ނޫން ކަމަށް ވެސް ބްރޫނޯ ބުނެފައިވެއެވެ.
ބްރޫނޯ އިތުރަށް ބުނީ، މުހިންމީ ލަނޑު ޖެހީ ކޮން ކުޅުންތެރިއެއް ބެލުން ނޫން ކަމަށާއި، މުހިންމީ ޕޯޗުގަލް އަށް ލަނޑު ޖެހުން ކަމަށް އަދި ކާމިޔާބީ ހޯދުން ކަމަށެވެ.
ރޭގެ މެޗުގައި ޖެހި ދެ ލަނޑާއެކު ބްރޫނޯ ޕޯޗުގަލް އަށް ޖަހައިދިން ލަނޑުގެ ޖުމްލަ އަދަދު ވަނީ 13 އަށް އަރާފައެވެ. އަދި އެއީ އޭނާ ވޯލްޑް ކަޕުގައި ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑު ތަކެވެ.
ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު ހަދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލްގެ ޖާޒީގައި 118 ލަނޑު ޖަހައިފައެވެ. އަދި ވޯލްޑް ކަޕުގައި އޭނާ ވަނީ ގައުމީ ޖާޒީގައި އަށް ލަނޑު ރޮނާލްޑޯ ޖަހާފައިވެއެވެ.
ރޮނާލްޑޯ އަކީ ފަސް ވޯލްޑް ކަޕެއްގައި ކުޅެ އެ ފަސް ވޯލްޑް ކަޕުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ.