ރާގު ބަދަލުވެ މީކާއީލް ރައީސް ޞާލިޙްގެ ފަޅިއަށް

ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް --- ފޮޓޯ/ މަޖިލިސް

މީގެ ކުރިން ސަރުކާރަށް ފާޑު ވިދާޅުވެ ރައްޔިތުން މަޖިލީހުގައި ވާހަކަދެއްކެވި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް، މިހާރު ސަރުކާރަށް ފާޑު ވިދާޅުވުން ހުއްޓާލައްވައި މަޖިލީހަށް ސަރުކާރުން ހުށަހަޅާ ކަންކަމަށް ތާއީދުކުރައްވަން ފެއްޓެވުމުން އޭނާއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އެމްޑީޕީ ދެބައިވެ އެ ޕާޓީގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަކާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނެއް އޮވެއެވެ. ނަޝީދުގެ ފެކްޝަނުން ސަރުކާރުން ހުށަހަޅާ ކަންކަމަށް އެއްބާރުލުން ނުދީ ފާޅުގައި ދެކޮޅު ހަދައެވެ.

އެގޮތުން މީކާއީލް އަކީ މީގެ ކުރިން އަބަދުވެސް މަޖިލިސް ޖަލްސާތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާ ބޭފުޅެކެވެ.

އެގޮތުން ސަރުކާރު ޖަވާބުދާރީ ނުކުރުވައި މެންބަރުން އަމިއްލަ ފައިދާއަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ، ސަރުކާރުން މަޖިލީހަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވެސް މީކާއިލް ކުރިން ވަނީ ސަރުކާރަށް ކުރައްވާފައެވެ.

https://twitter.com/zariyand/status/1597261629686972416

ހަމައެއާއެކު ނަޝީދުގެ ފެކްޝަންގެ މެންބަރުންނާއެކު އެއް ވިސްނުމެއްގައި މަޖިލީހުގައި ބަހުސް ކުރައްވައި އެ މެންބަރުންނާއެކު މީކާއިލް ވަނީ މީގެ ކުރިން މަސައްކަތް ކުރައްވާފައެވެ.

ނަމަވެސް މިހާރު ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔުންތައް އަމާޒުވެގެން އުޅެނީ ކުރިއާ ޚިލާފަށް މިހާރު އެއްވެސް ވަރަކަށް މަޖިލީހުގައި ސަރުކާރަށް ފާޑުވިދާޅުނުވާތީއެވެ.

އެންމެ ބޮޑަށް އޭނާއަށް ފާޑުކިޔައިފައިވަނީ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހަށް ތާއީދުކޮށް މަޖިލީހުގައި ވާހަކަދައްކަވައި އެ ބިލު ފާސްކުރުމަށް ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވުމުންނެވެ.

އެއީ ރައީސް ނަޝީދަށް ތާއީދުކުރައްވާ ހުރިހާ މެމްބަރުން މަޖިލީހުގައި ވާހަކަދެއްކެވީ ޓެކްސް ބޮޑުކުރުމާ ދެކޮޅަށެވެ. އަދި ވޯޓު ދިނީވެސް ސަރުކާރުން ހުށަހެޅި އިސްލާހާ ދެކޮޅަށެވެ.

މީކާއިލް ވަނީ ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި އިސްލާހަކީ ހެޔޮ ނިޔަތެއްގައި ރައްޔިތުންގެ ފައިދާއަށްޓަކައި ގެންނަ ބަދަލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ އެ ބިލަށް ތާއީދު ކުރައްވައި ވާހަކަދައްކަވައިފައެވެ.

މީގެ އިތުރުން އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހެޅި ބަޖެޓާ ދެކޮޅަށް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ވާހަކަދައްކަވައި ވޯޓު ދެއްވިއިރު މީކާއީލް ވަނީ ބަޖެޓަށް ތައުރީފްކުރައްވައި ވާހަކަދައްކަވައިފައެވެ. އަދި ވޯޓު ދެއްވީވެސް ސަރުކާރާ އެއްކޮޅު މެމްބަރުންނާއެކު ޓެކްސް ބިލު ފާސްކުރުމަށެވެ.

އެހެންކަމުން މީކާއީލްގެ ރާގު ބަދަލުވެ ރައީސް ނަޝީދުގެ ފެކްޝަން ދޫކުރައްވައި ރައީސް ޞާލިޙުގެ ފެކްޝަނަށް ބަދަލުވީކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން މީކާއީލް ތާއީދުކުރައްވާ ފެކްޝަން ބަދަލުކުރެއްވީތޯ ސުވާލުކުރުމުން އޭނާ މިއަދު "ސަން"އަށް ވިދާޅުވީ ފެކްޝަނަކީ އެއްވެސް އިރެއްގައި އޭނާ ގަބޫލުކުރައްވާ އެއްޗެއް ނޫން ކަމަށެވެ.

"ކުރީގަވެސް ފާޑުކީ މައްސަލަތަކަށް ބަލާފައި. އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު ގޮތަށް. ދެންވެސް ކަންތައް ކުރާނީ އެހެން. ފާޑުކިޔަން ޖެހެންޏާ ކިޔާނަން، އަޅުގަނޑު އެއްވެސް ފެކްޝަނެއް ނޫން،" އޭނާ ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވި ގޮތުގައި އެމްޑީޕީ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވުމުން، އޭނާ އަބަދުވެސް ޕާޓީގެ ތެރެއިން ހިފަހައްޓަން ޖެހޭ އުސޫލުތައް ހިފަހައްޓަވާނެއެވެ. އެގޮތުން އެންމެ ފަހުން ވެސް ކަންތައްކުރެއްވީ އެގޮތުގެ މަތިން ކަމަށާއި ޕާޓީން ނެރޭ ވިޕް ލައިނަކާ ޚިލާފު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގައި ވައުދުވީ ވާގިވެރިވެ، ޖަވާބުދާރީ ކުރުވުމުގެ އިތުރުން ފާރަވެރިވާން ކަމަށާއި އަމަލު ވެސް ކުރަން ޖެހޭނީ އެގޮތުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތްތާނގައި ވެސް ޕާޓީގެ އުސޫލުތަކަށް އިޚުތިރާމު ކުރައްވާނެ ކަމަށާއި އެކަންކަމާ ޚިލާފުވުމަކީ އޭނާ ގަބޫލުކުރާ ގޮތެއް ނޫން ކަން މީކާއިލްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް