މަސައްކަތް ކުރަނީ އުފާވެރި އާއިލާއެއް ބިނާކުރުމަށް ހުރި ހުރަސްތައް ނައްތާލަން: ނައިބު ރައީސް

ގެވެށި ގުޅުން ކެންޕޭނުގެ ދަށުން ޝާއިޢުކޮށްފައިވާ ކުޑަކުދިންގެ ވާހަކަފޮތްތަކެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނެރެދެއްވުން / ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އުފާވެރި އާއިލާއެއް ބިނާކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ގެވެށި ގުޅުން ކެންޕެއިންގެ ކުޑަކުދިންގެ ވާހަކަ ފޮތް ސީރީޒް، ސާސްތުރަ މަޖައްލާގެ އޯޑިއޯ ވަރޝަން އަދި އާ ވީޑިއޯ ލަވަ އިފްތިތާހްކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ގެވެށި އަނިޔާގެ މައްސަލަތަކަކީ އަބަދުވެސް މުޖުތަމަޢުގެ ތެރޭގައި އޮތް ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިސަރުކާރު އައުމާއިއެކު މަސައްކަތް ފެށިފައި ވަނީ ގެވެށި ގުޅުން ބަދަހިކޮށް އުފާވެރި ޢާއިލާއެއް ބިނާކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެގޮތުން އުފާވެރި ޢާއިލާއެއް ބިނާކޮށް މުޖުތަމަޢުގައި ހަމަޖެހުން ގާއިމްކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނު ވިދާޅުވީ ގާނުނުތަކަށް ގެނެވުނު ބަދަލުތަކާއި، މަންމައަށް ހަ މަސްދުވަހުގެ މެޓާނިޓީ ލީވް، އަދި ބައްޕަ އަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި، މާހައުލުގައި ދަރިންނާއިއެކު މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެމުންދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް އަލަށް އިމާރާތްކުރާ ސްކޫލުތަކުގައި ފެމެލީ ލައުންޖްތައް ގާއިމް ކުރާނެ ކަމަށެވެ.

ގެވެށި ގުޅުން ކެންޕޭނުގެ ދަށުން ޝާއިޢުކޮށްފައިވާ ކުޑަކުދިންގެ ވާހަކަފޮތްތަކެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނެރެދެއްވުން /

މީގެއިތުރުން، އާއިލީ ގުޅުން ބަދަހިކުރުމަށާއި އުފާވެރި ޢާއިލާއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ގެވެށިއަނިޔާގެ މައްސަލަތައް ރިޕޯޓްކުރުން އިތުރުވެފައިވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ކުޑަކުދިންގެ ޅަފަތުގެ ތަރުބިއްޔަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކުޑަކުދިން އެންމެ ގިނަވަގުތު ހޭދަކުރަނީ ގޭގައި އެކުދިންގެ ޢާއިލާތަކާއެކުގައި ކަމަށްވުމާއެކު ގޭތެރެއިން ފެންނަ ރަނގަޅުކަންކަމާއި ނުރަނގަޅު ކަންކަމުގެ އަސަރު ކުޑަކުދިންނަށް ކުރާ ކަމަށެވެ. އެހެންކަމުން މައިންބަފައިންނާއި މުޖުތަމަޢުގެ ތެރެއިން ކުޑަކުދިންނަށް ރަނގަޅު ނަމޫނާއެއް ދެއްކުމަށް އެދިވަޑައިގެން އެމަނިކުފާނު ވިދާޅުވީ ކުރެވޭ ކެމްޕޭންތަކުންނާއި މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާއެއް ނެރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

ގެވެށި ގުޅުން ކެންޕޭނުގެ ދަށުން ޝާއިޢުކޮށްފައިވާ ކުޑަކުދިންގެ ވާހަކަފޮތްތަކެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނެރެދެއްވުން / ފޮޓޯ: ރައީސް އޮފީސް

އަދި، މިކަމުގައި މުޅި މުޖުމައުގެ އެންމެން ބައިވެރިވުމަށް ވެސް ގޮވާލެއްވިއެވެ.

ގެވެށިގުޅުން ކެންޕެއިން ފަށާފައިވަނީ 2020 ވަނަ އަހަރުގެ 15 ޖުލައިގައެވެ. މިކެމްޕެއިންގެ ތެރެއިން އާއްމުން ހޭލުންތެރި ކުރުމަށް ގިނަ ޙަރަކާތްތަކެއް މިފާއިތުވި ދެއަހަރުގެ ތެރޭގައި ހިންގާފައިވެއެވެ.

comment ކޮމެންޓް