ޑޮކްޓަރުން ފިލުން އާންމުވާތީ އެޅޭނެ ފިޔަވަޅެއް ބަލަނީ

ލެޕެރޮސްކޮޕީއެއް ހަދުމުގެ ތެރެއިން --- ފޮޓޯ/ ހެލްތުލައިން

ބޭރު ޑޮކްޓަރުން ފިލާ މައްސަލައިގައި ހައްލެއް ހޯދައި އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން އިމިގްރޭޝަންއާއެކު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

ރާއްޖޭގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުން ވަކި އެއްޗެއް ނާނގާ ފިލާ މައްސަލަ ދޭތެރެއަކުން ދިމާވެއެވެ. މިފަހުން ޅ. އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ޑޮކްޓަރު ފިލުމުން އެ ހޮސްޕިޓަލްގެ މަސައްކަތްތަކަށް ވެސް ވަނީ ބުރޫއަރައިފައެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލް މިއަދު "ސަން"އަށް ވިދާޅުވީ ޑޮކްޓަރުން ފިލާ މައްސަލަ މިހާރު ދިމާވާ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދައި ހެދޭނެ ގޮތެއް ހޯދުމަށް މިހާރު އިމިގްރޭޝަންއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާދިލް މިހެން ވިދާޅުވީ ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ ކިއުބާއަށް ނިސްބަތްވާ އޮޕްރޭޝަން ޑޮކްޓަރު ސަބަބެއް ނާންގާ ފިލި މައްސަލައާ ގުޅިގެން ސުވާލުކުރުމުންނެވެ.

https://sun.mv/170963

އާދިލް ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުން އަންނަ ޑޮކްޓަރުންގެ ޕާސްޕޯޓް ކުރިން އޮންނާނީ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް ފަހުން ގާނޫނުތަކަށް އައި ބަދަލުތަކާ ގުޅިގެން އަދި އިންސާނީ ހައްގުތަކުގެ ތެރެއިން ކޮންމެ މީހެއްގެ ވެސް ޕާސްޕޯޓް މިހާރު އޮންނަން ޖެހެނީ އެމީހެއްގެ އަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އެހެން އޮތީމަ މިސާލަކަށް މާލެ އައިއްސަ ވެސް ފުރައިގެން ދަނީ. އެހެންވީމަ މިކަން އަޅުގަނޑުމެން އެބަ ބަލަން މި ނޫން ގޮތަކަށް ގެންދެވޭނެ ގޮތެއް. މިކަން ކުރެވޭނީ ސަރުކާރުގެ އެހެން އިދާރާތަކާ މަޝްވަރާކޮށްގެން. އަޅުގަނޑުމެންނަށް ތި މައްސަލަ ފާހަގަކުރެވިފަ އޮތީ،" އޭނާ ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ ޑޮކްޓަރުން ފިލާ މައްސަލައިގައި އަޅާނެ ފިޔަވަޅެއް މިވަގުތު ސީދާ ބުނުން ދަތި ކަމަށާއި އަޅާނެ ފިޔަވަޅުތަކެއް ނިންމާނީ އިމިގްރޭޝަންއާ މަޝްވަރާ ކުރުމަށްފަހު އެ އިދާރާގެ ވެސް ލަފަޔާ އެކުގައި ކަމަށެވެ.

ހަމައެއާއެކު މި މައްސަލައަށް އެންމެ އަވަހަަށް ދާއިމީ ހައްލެއް ގެނެވޭނެ ދުވަހެއް އެނގޭނީ ބޭރުން އަންނަ މީހުންނާ ގުޅުންހުރި މިނިސްޓްރީތަކާ މަޝްވަރާކުރުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހާއްސަކޮށް އިމިގްރޭޝަންއާއެކު ބާއްވާ ބައްދަލުވުމުން އެނގޭނީ. ވިސްނައިގެން ހުރީ ފާއިތުވި ހަފުތާގައި ބާއްވަން. އެކަމު އެކި ސަބަބުތަކާހުރެ ނުވެ ދިޔައީ. މިހާރު މި ބަލަނީ އަންނަ ހަފުތާގައި އެ ބައްދަލުވުން ބޭއްވޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ އެކި ދާއިރާތަކުގެ ޑޮކްޓަރުން ގެނައުމަށް އަބަދުވެސް އިއުލާނުކުރާ ކަމަށެވެ. ނަމަވެސް ޑޮކްޓަރުން ގެނައުމަށް ނަގާ ވަގުތު ވަރަށް ބޮޑަށް ވެސް ދިގުލައިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން އެހެން ދިމާވި ނަމަވެސް ޑޮކްޓަރުން މަދު ތަންތަނަށް ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ އަހަރެއްގެ ތެރޭގައި ޑޮކްޓަރުން އަނބުރާ ދާ މައްސަލަ ދިމާވާތީ އަބަދުވެސް 30ވަރަކަށް އާއްމު ޑޮކްޓަރުން ހޯދުމަށް އިއުލާނުކުރާ ކަމަށެވެ. އަދި ކޮންމެ ހަފުތާއެއް ކަހަލަ ގޮތަކަށް އިންޓަވިއޫތައް ވެސް ބާއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއް މަސްދުވަހުގެ ތެރޭގައި ޑޮކްޓަރުން ނެގި ނަމަވެސް އެމީހުން ރާއްޖެ އަންނަން ވެސް ނަގާ ދެތިން ހަފުތާ. އެކަހަލަ ކަންކަމަށް ނަގާ ވަގުތު،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން ބޭނުން ވަނީ ޑޮކްޓަރުން މަދު ހުރިހާ ތަނަކަށް ވީ އެންމެ އަވަހަކަށް ޑޮކްޓަރުން ހަމަޖައްސައިދޭން ކަމަށް އާދިލް ވިދާޅުވިއެވެ.

ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބައެއް ބިދޭސީން ފިލައިގެން ދާ މައްސަލައަކީ މިހާރު ދިމާވާ މައްސަލައެކެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ޓީޗަރުންގެ އިތުރުން ލޭބަރުން ވެސް ހިމެނެއެވެ.

comment ކޮމެންޓް