ކުޅުދުއްފުށީ ފިހާރައަކަށް ކަތިވަޅިއެއް ހިފައިގެން ވަދެ ވައްކަން ކުރި މީހާގެ ބަންދަށް 15ދުވަސް

ކަތިވަޅި ހިފައިގެން ފިހާރައަށް ވަތް މީހާ --- ފޮޓޯ/ ފިހާރައިގެ ވީޑިއޯ ފޫޓޭޖުން

ކުޅުދުއްފުށި ސިޓީގެ ފިހާރައަކަށް މީހަކު ކަތިވަޅިއެއް ހިފައިގެން ވަދެ، 4000އަށް ވުރެ ގިނަ ރުފިޔާ ވަގަށްނެގި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް އިއްޔެ ޖަހައިފިއެވެ.

އެ ވައްކަން ކޮށްފައި ވަނީ ފަރިރީތި ހާޑުވެއާ ކިޔާ ފިހާރައަކުންނެވެ. "ސަން"އާ ވާހަކަދައްކަމުން އެ ފިހާރައިގެ ވެރިފަރާތް މުޙައްމަދު މޫސާ ބުނީ، މި ވައްކަން ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު ގާތްގަނޑަކަށް ފަހަކާއި ފަސްގަޑި ފަނަރަ އެހާކަންހާއިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެދުވަހު ވަނީ 25އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

https://sun.mv/170983

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް އިއްޔެ ޖަހައިފައިވާ ކަމަށެވެ.

އެ ފިހާރައިން ވައްކަން ކުރި މީހާ ފިހާރައަށް ވަނީ ކަތިވަޅިން ޖަހައި ތަޅު ހަލާކުކޮށްލައިގެންނެވެ.

އެ ފިހާރައިގެ ވީޑިއޯ ފޫޓޭޖުން ފެންނަ މަންޒަރަށް ބަލާއިރު، ކަތިވަޅި ހިފައިގެން ވަތް މީހާ ވަނީ ފިހާރައިގެ ފައިސާ އަޅާ ވަތްގަނޑު ހުޅުވުމަށްފަހު ހުރިހާ ފައިސާއެއް ނަގައިގެން ގޮސްފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެވަގުތު ވަތްގަނޑުގައި ގިނަ އަދަދަކަށް ފައިސާ ހުއްޓެވެ.

މިއީ އެ ފިހާރައިން ވައްކަންކުރި ފުރަތަމަ ފަހަރު ކަމަށްވީ ނަމަވެސް، އެ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ އެކި ފަހަރު މަތިން ފިހާރައަށް ވަދެ ބިރު ދައްކާފައިވާ ކަމަށް ފިހާރައިގެ ވެރިފަރާތް މުހައްމަދު ވަނީ ބުނެފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށް ކޯޓުން މުއްދަތު ޖަހައިފައިވާ 25 އަހަރުގެ ފިރިހެން މީހާއަކީ މީގެ ކުރިން ވެސް މިފަދަ އެތައް މައްސަލަތަކެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެކެވެ.

ނަމަވެސް މައްސަލައިގައި ކުރިއަށްދިއުމަށް ބޭނުންވާ ކިތާބީ ހެކި ނެތުމުގެ ސަބަބުން ކޮންމެ ފަހަރަކުވެސް އެމީހާ ދޫކޮށްލަނީއެވެ. މި މައްސަލައިގައި ކުޅުދުއްފުށީގެ ބައެއް ރައްޔިތުން ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

comment ކޮމެންޓް