ބްރޫނޯ ފެނާންޑޭޒްގެ ޖާދޫއާއެކު ޕޯޗުގަލް ދެވަނަ ބުރަށް

ފަނާންޑޭޒް ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ ---

ފީފާ ވޯލްޑްކަޕްގައި ބްރޫނޯ ފެރްނާންޑޭޒް ދެއްކި ތަފާތު މޮޅު ކުޅުމާއެކު އުރުގުއާއިގެ މައްޗަށް ކުރި ހޯދައި، ޕޯޗުގަލް އިން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ޕޯޗުގަލް އަކީ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗާ ހަމައިން ރައުންޑް އޮފް 16 ގެ ޖާގަ ކަށަވަރު ކުރި ފަހު ޓީމެވެ. ޕޯޗުގަލްގެ އިތުރުން ދެން މިހާތަނަށް ރައުންޑް އޮފް 16 ގެ ޖާގަ ކަށަވަރު ކޮށްފައި ވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލް އާއި 2018 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ފްރާންސް އެވެ.

ދެން ހުރި ޓީމުތަކަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރެވޭނީ މާދަމާ ފަށާ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގެ ނަތީޖާ އަށް ފަހުއެވެ.

ޕޯޗުގަލް އިން ރައުންޑް އޮފް 16 ގެ ޖާގަ ކަށަވަރު ކުރީ ލުސައިލް ސްޓޭޑިއަމްގައި އުރުގުއާއިގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް މެޗު ފަށައިގެން ޕޯޗުގަލްގެ ކުޅުން ތަންކޮޅެއް ވަރުގަދަކޮށް ފެނުނުއިރު، މި ހާފު ނިންމާލިއިރު އުރުގުއާއި އިންވެސް ވަނީ ކުޅުމުގެ ފެންވަރު ރަނގަޅު ކޮށް ނުރައްކާތެރި ހަމަލާތަކެއް ޕޯޗުގަލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. މިފަދަ ހަމަލާތައް ގޯލަށް ވަނުމަށް ހުރަހަކަށް ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޯސްޓާ އެވެ. އަދި މި މެޗުގައި ކުޅެން އެރި ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭގެ ފަރާތުންވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މެޗުގެ ހަތަރު ވަނަ މިނެޓުގައި ޕޯޗުގަލްއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ތެރޭގައި ހުރެ ރޮނާލްޑޯ ކޮނޑުން ޖައްސާލި ބޮޅައަކުން ވިލިއަމް ކަވާލިއޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒު ނުވެއެވެ.

މެޗުގެ 32 ވަނަ މިނެޓުގައި އުރުގުއާއީއަށް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބިފައެވެ. އެ ޓީމުގެ ބެންޓަންކުރް ޕޯޗުގަލްގެ ޑެފަންޑަރުން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަށް ހުރަސް އެޅީ ޕޯޗުގަލްގެ ކީޕަރު ޑިއޭގޯ ކޯސްޓާއެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ޕޯޗުގަލްއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މިއީ އޭރިއާ ތެރޭގައި ހުރި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖައްސާލުމަށް، އޭރިއާ ބޭރުގައި ހުރެފައި ބްރޫނޯ ފެނާންޑޭޒް ނަގައިދިން ހުރަހަކުން ވަން ގޯލެކެވެ. މި ބޯޅަ ގޯލަށް ޖެހުމަށް ރޮނާލްޑޯ ރަނގަޅު ޕޮޒިޝަނަށް އެރި ނަމަވެސް އޭނާގެ ބޮލުގައި ބޯޅަ ޖެހިފައެއް ނުވެއެވެ. ބޯޅަ ހުއްޓުވުމަށް އުރުގުއާއިގެ ކީޕަރަށްވެސް އުނދަގޫ ރަނގަޅު ގަޑީގައި ރަނގަޅު ޕޮޒިޝަން އަށް އަރައި ރޮނާލްޑޯ ބޯޅައަށް މަސައްކަތް ކުރުމުންނެވެ.


ޕޯޗުގަލްގެ ލަނޑަށްފަހު އުރުގާއީގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. އެގޮން މެޗުގެ 75 ވަނަ މިނެޓުގައި މެކްސިމިލިއާނޯ ގޯމޭޒް ފޮނުވާލި ހަމަލާ ޕޯޗުފަލްގެ ކީޕަރު ކޯސްޓާގެ އަތުގައި ޖެހިފައި އަމާޒުވީ ގޯލު ދަނޑިއަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ އިތުރު ވަގުތުގެ ތެރޭގައި ޕޯޗުގަލްއިން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެ ގޯލަކީ އުރުގުއާއީ ހާފުތެރެއިން އެ ޓީމުގެ ގިމެނޭޒް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒް ޖެހި ގޯލެކެވެ.

މި މޮޅާއެކު ޕޯޗުގަލް ދެވަނަ ބުރަށް ދަތުރު ކުރިއިރު މިވަގުތު އެޓީމު އޮތީ ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށް ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ގާނާއަށް ދެ މެޗުން ދެ ޕޮއިންޓު ލިބިފައިވާއިރު ތިން ވަނައިގައި ދެކުނު ކޮރެއާ އަދި ތާވަލުގެ ފުލުގައި އުރުގުއާއީ އޮތީ އެއް ޕޮއިންޓާއެކުއެވެ.

މި ގުރޫޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގެ ތެރެއިން އެއް މެޗުގައި ވާދަކުރާނީ ޕޯޗުގަލް އާއި ގާނާ އެވެ. އަނެއް މެޗުގައި ފެންނާނީ އުރުގުއާއި އާއި ސާބިއާގެ ކުރިމަތިލުމެކެވެ.

comment ކޮމެންޓް