32 އަހަރު ފަހުން ސަލްމާން ޚާންއާއި ރޭވަތީ އެކުގައި އެއް ފިލްމަކުން

މީގެ 31 އަހަރުކުރިން ރިލީޒްވި ފިލްމު "ލަވް" ނުވަތަ ދިވެހިން ދަންނަ ނަމުންނަމަ '3ލަވް'އިން ފެނިގެންދިޔަ ޖޯޑު އަލުން އެއް ސްކްރީނަކުން ފެންނާނެކަމުގެ ސިގްނަލް މީޑިއާތަކުން ދީފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްވެރިޔާ ހިމޭޝް އަމިއްލަ ޓްވިޓާ ޕޯސްޓުގައި ބުނެފައިވަނީ، 32 އަހަރު ފަހުން އެކްޓަރު ސަލްމާން ޚާންއާއި "ލަވް"ގެ ބަތަލާ ރެވަތީ ފެނިގެންދާނީ ޔާޝްރާޖް ކުންފުނީގެ ފިލްމު "ޓައިގާ 3"އިން ކަމަށެވެ.

ނުވަދިހައިގެ އަހަރުތަކުގައި ބޮޑު މަޝްހޫރުކަމެއް ހޯދި ލޯބީގެ ލަވަ "ސާތިޔާ، ތޫނޭ ކިޔާ ކިޔާ"އަކީ މި ދެތަރިންގެ ޖޯޑު ގިނަ ބަޔަކަށް ކަމުދިޔަ އެއް ސަބަބުވެސްމެއެވެ. ނޫސްވެރިޔާގެ ޓްވީޓްގައި މި ޚަބަރު ޢާއްމުކުރުމަށްފަހު ބުނެފައިވަނީ، ބަތަލާ ރެވަތީ ފިލްމުގައި ފެނިގެންދާނެ ރޯލަކާބެހޭގޮތުން އަދި މަޢުލޫމާތު ދެވެންނެތް ކަމަށެވެ.

ކުރީގެ ފިލްމުތަކުން ފެނުނު ބަތަލާ ރެވަތީ ފަހުން މުޅިންވެސް ފެނިފައިވަނީ ސަޕޯޓިންގް ރޯލްތަކުންނެވެ. މިހާރު ކެމެރާގެ ފުރަގަހުގައި މަސައްކަތްކުރާ ރެވަތީ ޑައިރެކްޓްކުރާ ފިލްމު "ސަލާމް ވެންކީ" އަންނަ މަހު 9ގައި ރިލީޒްކުރުމަށް ވަނީ ތައްޔާރުވެފައެވެ. ފިލްމު ޕްރޮޑިއުސްކުރުމުގެ އިތުރުން ރެވަ ތީވަނީ ދާދިފަހުން އެމޭޒަން ޕްރައިމްއިން ގެނެސްދިން ތެލުގު ވެބް ސީރީސްއިން ފެނިފައެވެ.

ޑައިރެކްޓަރު މަނީޝް ޝަރްމާގެ "ޓައިގާ 3" އަންނަ އަހަރު އިންޑިއާގެ ދިވާލީ ފެސްޓިވަލާ ދިމާކޮށް ރިލީޒްކުރުމަށް ތައްޔާރުވެފައިވާއިރު މި ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިންގް އެއްކޮށްވަނީ ނިމިފައެވެ. ވިޔަފާރީގެގޮތުން ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ މިސީރީސްގެ މިފަހަރުގެ ފިލްމުން ވެސް ބަތަލާގެ ބައިން ފެނިގެންދާނީ ކެޓްރީނާ ކައިފްއެވެ.

މީގެއިތުރުން އެކްޓަރު އިމްރާން ހާޝްމީ އަދި ވިޝާލް ޖެތްވާ ފިލްމުން ފެނިގެންދާނެއެވެ. އަދި ފިލްމުގެ ވަރަށް ޚާއްސަ ފެނިލުމަކުން އެކްޓަރު ޝާހްރުކް ޚާން ފެނިގެންދާނެއެވެ.

comment ކޮމެންޓް