ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރެއް އައްޑޫގައި ހަދަނީ

ދިވެހި ފުލުހުން --- ފޮޓޯ/ ރައީސް އޮފީސް

އަައްޑޫގައި ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރެއް ހަދަން ނިންމައި، އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ފުލުހުންގެ އެދުމުގެ މަތިން އައްޑޫގައި ހަދަން ނިންމާފައިވާ ރީޖަނަލް ހެޑްކުއާޓަރު އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

މިއީ މާލެ އިން ބޭރު ރަށެއްގައި ހަދާ ފުލުހުންގެ ފުރަތަމަ ރީޖަނަލް ހެޑްކުއާޓަރެވެ.

ފިނޭންސްގެ އިއުލާނުގައިވާ ގޮތުން އެ މިނިސްޓްރީން ހުޅުވާލި އެ ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވާން ޖެހެއެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ އަށަކާ ހަމައަށެވެ. އަދި ރަޖިސްޓްރޭޝަނަށް 500ރުފިޔާގެ ފީއެއް ދައްކަން ޖެހޭ ކަމަށް އެ އިއުލާނުގައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އައްޑޫގައި ހަދަން ނިންމާފައިވާ ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރުގެ ބީލަމަށް ކުރިމަތިލާއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 200،000ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އައްޑޫގައި ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރު ހަދަން ނިންމާފައިވާއިރު، އެ ސިޓީގައި ފުލުހުންގެ ވަރަށް ގިނަ މަރުކަޒުތައް މިހާރުވެސް އެބަހުއްޓެވެ.

އެގޮތުން ގަން ޕޮލިސް ސްޓޭޝަނާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ހަދައި މި އަހަރު ހުޅުވި ޕޮލިސް އެކެޑަމީ ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

comment ކޮމެންޓް