މިއަދު ވެސް 1975ގެ ފެންވަރުގައި، އާރާސްތު ކުރުމެއް ނެތް!

ގަލޮޅު މޯޗަރީގެ ހާލަތު --- ސަން ފޮޓޯ: ނާއިލް ހުސެއިން

ދިވެހި ރާއްޖޭގައި މޯޗަރީއެއް ހުޅުވީ މީގެ 47 އަހަރު ކުރިން 1975 ވަނަ އަހަރުގައެވެ. އެންމެ ދެ މީހުންގެ ޖާގައިގެ ފިނި ކުރާ ސްޓޯރޭޖަކާއެކު އޭރު ގަލޮޅު މޯޗަރީ ހުޅުވީ އެޒާމަނަށް ބަލާއިރު ފުރިހަމަ ތަނެއްގެ ގޮތުގައެވެ.

މިއަދު އެތަނުގެ ހާލަތު އެންމެ ފަސޭހައިން ސިފަ ކޮށްދެވޭނީ ވެސް ހަމަ އެބީދާއިންނެވެ. ނަވާރަ ސަތޭކަ ހަތްދިހަ ފަސް ވަނަ އަހަރު ހުޅުވުނު، އޭރަށް ފުރިހަމަ މޯޗަރީ އެއްގެ ގޮތުގައެވެ. މި ޒަމާނަށް ފެތޭ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ތަނެއްގެ ގޮތުގައެވެ.

ސަބަބުތައް ބައިވަރެވެ. އެގޮތުން 1985 ވަނަ އަހަރު، އައްޑޫގައި އޭގެ ކުރިން ގާއިމްވެގެންތިބި އިނގިރޭސިން ބޭނުން ކޮށް ބަހައްޓާފައި ދިޔަ ތިން މީހުންގެ ޖާގައިގެ ފިނި ކުރާ ސްޓޯރޭޖެއް މޯޗަރީ އަށް ގެނެވުނީ އެތަނުގެ ޖާގަ ބޮޑު ކުރުމުގެ ގޮތުންނެވެ.

މިއަދުވެސް އެ ތިން ސްޓޯރޭޖްގެ އިތުރުން އެންމެ ފުރަތަމަ ދުވަހު ބޭނުން ކުރި ދެ މީހުންގެ ޖާގައިގެ ފިނި ކުރާ ސްޓޯރޭޖް އަދިވެސް އެބަހުއްޓެވެ. މި ސްޓޯރޭޖްތައް ހަލާކުވެފައި ހުންނަތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވީއިރުވެސް މި ސްޓޯރޭޖްތައް މެއިންޓެނެސް ކުރުމަށް މާ އެދެވޭ މަސައްކަތްތަކެއް މިއަދާ ހަމައަށްވެސް ކޮށްފައެއް ނުވެއެވެ.

އެންމެ ފުރަތަމަ މޯޗަރީއަށް ގެނައި ދެ ކޯލްޑް ސްޓޯރޭޖް. މި ދެ ސްޓޯރޭޖް ހަލާކުވެފައި ހުންނަތާ 15 އަަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ --- ސަން ފޮޓޯ: ނާއިލް ހުސެއިން

މީގެ އިތުރުން، 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީގެ ސަބަބުން، އެމާޖެންސީއެއްގައި އިތުރު 16 މީހުންގެ ޖާގައިގެ ފިނިކުރެވޭ ކޮންޓެއިނަރެއް ގެނައެވެ. އެ ކޮންޓެއިނަރު ވެހޭހާ ވާރެއްގައި، ދޭހާ އަތްވެއްގައި ހަލާކުވެފައި ހުންނަތާ މިހާރު ހަތަރު އަހަރު ވެއްޖެއެވެ. މި ކޮންޓެއިނަރު ހެދުމަށްޓަކައި މި އަހަރު ބަޔަކާ ކޮންސަލްޓް ކުރެވުނު ނަމަވެސް، އެކަމަށްވެސް މާ ބޮޑު އަމަލީ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. ސިޓީ ކައުންސިލްގެ ބަޖެޓުގައި މިކަމަށް ލާރި ނެތީއެވެ.

މިހާރު މޯޗަރީގެ ކެޕޭސިޓީ އަކީ އެންމެ 12 މީހުންގެ ކެޕޭސިޓީއެވެ. އެންމެ 12 މީހުންގެ ކެޕޭސިޓީ އަކީ މަދު އަދަދެއްކަން ދާދި ފަހުންވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައެވެ. މ. ނިރުފެހި ގޭގައި ހިނގައި ދިޔަ އާލިފާނުގެ ހާދިސާގައި 10 މީހަކު މި ދުނިޔެ ދޫކޮށް ދިޔައިރު، އެ އަދަދު އެއަށް ވުރެ އިތުރު ވި ނަމަ އެމީހުން ފިނި ކުރުމަށް ލާނީ ވަކި ކޮންތާކަށް ހެއްޔެވެ؟

ސުނާމީގައި އެމަޖީންސީގައި ގެނައި ކޮންޓެއިނަރު. މި ސްޓޯރޭޖް ހަލާކުވެފައި ހުންނަތާ 4 އަަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ --- ސަން ފޮޓޯ: ނާއިލް ހުސެއިން

މޯޗަރީ އަކީ އާމްދަނީ ލިބޭ ތަނެއް، ނަމަވެސް އަޅާލުމެއް ނެތް!

ދެހާސް އަށާރަ ވަނަ އަހަރާ ހަމައަށް އިސްލާމިކް މިނިސްޓްރީގެ ދަށުގައި އޮތް ގަލޮޅު މޯޗަރީއަކީ ރަނގަޅު އާމްދަނީއެއް ސަރުކާރަށް ލިބޭ ތަނެކެވެ. އެގޮތުން ހަފުތާއެއްގެ މައްޗަށް މަދުވެގެން ތިނެއް ނުވަތަ ހަތަރު މައްޔިތަކު އެ ތަނަށް ގަނޑު ކުރުމަށް ގެނެއެވެ.

ގަލޮޅު މޯޗަރީގެ ހާލަތު --- ސަން ފޮޓޯ: ނާއިލް ހުސެއިން

މޯޗަރީއަށް ކިތަންމެ ކުޑަ އިރުކޮޅަކަށް މައްޔިތަކު ވެއްދި ނަމަވެސް ޗާޖު ކުރަނީ 24 ގަޑިއިރުގެ ޗާޖެވެ. އެގޮތުން އަގުތަކަށް ބަލާއިރު، ދިވެއްސަކަށް ނަމަ 24 ގަޑިއިރަށް 1500 ރުފިޔާ، ވޯކް ވިސާއެއްގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މީހެއް ނަމަ 24 ގަޑިއިރަށް 2500 ރުފިޔާ، ޓުއަރިސްޓް ވިސާގައި ރާއްޖެއަށް އައިސް އުޅޭ ފަތުރުވެރިއެއް ނަމަ 24 ގަޑިއިރަށް 500 ޑޮލަރަށް ވާ ދިވެހި ރުފިޔާ އަދި ދިވެހި ފުލުހުންގެ ފަރާތުން ހަވާލުވާ ފަރާތްތަކަށް 24 ގަޑިއިރަށް 1000 ރުފިޔާ ނަގައެވެ.

މި އަގުތަކުން ސަރުކާރަށް ރަނގަޅު އާމްދަނީއެއް މޯޗަރީން ލިބެއެވެ.

މޯޗަރީ ބެލެހެއްޓުމުގެ ބެލެނިވެރި ފަރާތަކީ މާލެ ސިޓީ ކައުންސިލެވެ. މޯޗަރީގެ ހާލަތާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ސިޓީ ކައުންސިލުން ބުނީ އެތަނުގެ ހާލަތު ސިޓީ ކައުންސިލަށް ވެސް އެނގޭ ކަމަށާއި، އަންނަ އަހަރަށް މޯޗަރީ މަރާމާތު ކުރުމުގެ މަސައްކަތްތަކަށް ބަޖެޓު ވެސް ކޮށްފައިވާ ކަމަށެވެ.

ގަލޮޅު މޯޗަރީގެ ހާލަތު --- ސަން ފޮޓޯ: ނާއިލް ހުސެއިން

މޯޗަރީއަށް މިހާރު 50 އަހަރު ވާން ކައިރިވެފައި ވާއިރު، އެތަނުން ކުރިއެރުމެއް ފެންނާކަށެއް ނެތެވެ. މައްޔިތާ މޯޗަރީއަށް ގެނައުމަށްފަހު އެންމެ ފުރަތަމަ ބޭއްވޭ ފިލާގަނޑުން ފެށިގެން އެތަނުގައި ބިނާ ކޮށްފައި ހުރި އިމާރާތަށް ބެލިޔަސް މެއެވެ.

އެ އިމާރާތުގެ ސީލިންގެ ތަންތަނުން ހުރީ ފަޅައިގެން ގޮސްފައެވެ. އާސަހަރާއަށް ބަދަލު ކުރުމުގެ ކުރިން ހިނަވާގެއްގެ ގޮތުގައި ބޭނުން ކުރި ގަލޮޅު ސަހަރާގެ ހިނަވާގެ މިހާރު ސިފަވަނީ ދަރު ބަދިގެއެއް ގޮތަށެވެ. ހަލާކުވެފައި ހުންނަތާ ހަތަރު އަހަރު ވެފައިވާ ކޮންޓެއިނަރު ހުރީ ދަބަރުން ފޯވެފައެވެ. ބޭނުން ނުކުރާތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކޯލްޑް ސްޓޯރޭޖް ވެސް މިހާރު ހުރީ ބާ ދަގަނޑަށް ވެފައެވެ.

މިއީ ދިވެހި ރާއްޖޭގެ އެންމެ ބޮޑު މޯޗަރީގެ ހާލަތެވެ. މި ތަނުގެ ހާލަތު މިއަށްވުރެ ރަނގަޅުވާން ޖެހެއެވެ. މި އަންނަ އަހަރަށް މާލެ ސިޓީ ކައުންސިލުން ދިން އުންމީދީ ޚަބަރާއި އެއް ގޮތަށް އެ ކައުންސިލުން މަސައްކަތް ކުރުމަކީ އެންމެ ބޮޑު އުންމީދެވެ. އެއްވެސް ސަރުކާރަކުން އަޅައި ނުލާ، ވާވަލުވާން ދޫކޮށްފައި އޮތް ގަލޮޅު މޯޗަރީގެ ހާލަތު މިޒަމާނަށް ފެތުމަކީ އެންމެ ބޮޑު އުންމީދެވެ.

comment ކޮމެންޓް