ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް އެކުލަވާލާފައިވާ "ހައިލެވެލް ސްޓިއަރިން ކޮމިޓީ"ގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮމިޓީގެ ބޭފުޅުންނާ މަޝްވަރާ ކުރެއްވިއެވެ.

ރައީސް ޗެއާކުރެއްވި މި ބައްދަލުވުމުގައި ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން މިއަހަރު ފެބުރުއަރީ މަހު ފާސްކުރުމަށް ފަހު، ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާކަން ޖެންޑާ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންއަށް އަހުލުވެރިކުރުމަށް ގިނަ އިދާރާތަކަށް މައުލޫމާތު ސެޝަންތައް ކުރިއަށްގެންދެވިފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

މި ބައްދަލުވުމުގައި ކޮމެޓީގެ މެންބަރުން ވަނީ ޤައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި، ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ވަކި އިދާރާތަކުން ކުރެވޭ ކަންކަން ދެނެގަނެ، ޖެންޑާ މެއިންސްޓްރީމް ކުރުމަށް އިދާރާތަކުން ކުރާ ރަނގަޅު މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް އެމްޖީއީއެމް ސެޓިފިކޭޝަން ދިނުމަށް ނިންމާފައެވެ.

ހަމަ އެއާއެކު، އަންނަ އަހަރަށް ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމަށް އެކުލަވާލެވިފައިވާ މަސައްކަތްތަކުގެ ޕްލޭން ވަނީ ފާސްކޮށްފައެވެ. މި އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން 84 އިދާރާއަށް ވުރެ ގިނަ އިދާރާއަކާ އެކި މަސައްކަތްތައް ހަވާލުކުރެވިފައިވާކަމާއި، މި އެކްޝަންތައް ހުށަހަޅާފައިވަނީ އެ އިދާރާތަކުގެ ބައިވެރިވުމާއެކުގައިކަން ކޮމިޓީގެ މެންބަރުން ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ ކޮމިޓީގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޖެންޑާ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީގެ އިތުރުން ކަމާގުޅުން ހުރި މިނިސްޓްރީތަކުގެ ވަޒީރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

"ހައިލެވެލް ސްޓިއަރިން ކޮމިޓީ"ގެ މަޤުސަދަކީ ޤައުމީ ފެންވަރުގައި ޢަމަލުކުރާނެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި، ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރަމުންދާ މިންވަރު މޮނިޓާކޮށް، އިތުރަށް ހަރުދަނާކުރަންވީ ކަންކަމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމެވެ.

comment ކޮމެންޓް