ހުޅުމާލޭ ފޭސް އެކެއްގައި އިތުރު ސްކޫލެއް އަޅަނީ

ހުޅުމާލޭ ފޭސް އެކެއްގައި ސްކޫލެއް އެޅުމަށް އެޗްޑީސީ އާއި ވިލާ އެޑިއުކޭޝަންއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

ހުޅުމާލެގެ ފޭސް އެކެއްގައި ސުކޫލެއް އެޅުމަށް އެޗްޑީސީ އާއި ވިލާ އެޑިއުކޭޝަނަލް ސާވިސެސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ވިލާ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓާ އަހުމަދު އަންވަރެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ސްކޫލެއް އެޅުމަށް އެޗްޑީސީ އާއި ވިލާ އެޑިއުކޭޝަންއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

ވިލާ އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލެގައި ބިނާކުރުމަށް ހަމަޖެހިފައިވާ އެ ސުކޫލު ހުންނާނީ ހުޅުމާލެ ފޭސް އެކެއްގައެވެ. އެ ސުކޫލުގައި ހަ ފަންގިފިލާ ހުންނާނެއެވެ. އަދި ޖުމްލަ 761 ދަރިވަރުންގެ ޖާގައިގެ އެ ސުކޫލުގައި 20 ކްލާސްރޫމް ހުންނާނެއެވެ.

އެ ސުކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް 1-12ގެ ދަރިވަރުންނަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ކިޔަވައިދެވޭނެ އިންތިޒާމް އެ ސުކޫލުގައި ހަމަޖެހިފައި ހުންނާނެއެވެ.

ވިލާ އެޑިއުކޭޝަނުން ބިނާ ކުރާ އެ ސްކޫލުގައި ރޮބޮޓިކް ލެބެއް ވެސް ގާއިމުކުރަން ވަނީ ނިންމާފައެވެ.

އެޗްޑީސީން ބުނީ އެ ސްކޫލު ހުޅުމާލެގައި ގާއިމްކުރުމުން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ވެސް އާންމުންނަށް ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ސްކޫލެއް އެޅުމަށް އެޗްޑީސީ އާއި ވިލާ އެޑިއުކޭޝަންއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

އެގޮތުން އެޑްމިނިސްޓްރޭޓިވް ދާއިރާއިންނާއި އެކެޑެމިކް ދާއިރާއިން 100 ވަރަކަށް ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެޗްޑީސީން ދާދި ފަހުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް ފަސް ސްކޫލެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި އައިލެންޑާސް އެޑިއުކޭޝަންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

comment ކޮމެންޓް