ހުޅަނގުން ޕްރޮމޯޓްކުރާ އެއްޖިންސުން ގުޅުން ހިންގުމުގެ އަމަލަށް، ޕޫޓިން ފާޑުވިދާޅުވެއްޖެ

ޕޫޓިން

މޮސްކޯ (27 ނޮވެމްބަރު 2022): ހުޅަނގުން އިންސާނީ ހައްގެއްކަމަށް ހަދައިގެން އުޅޭ އެއްޖިންސުން ގުޅުން ހިންގުމުގެ މުޑުދާރު އަމަލަށް ރަޝިއާގެ ރައީސް ވްލަދިމީރު ޕޫޓިން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރަޝިއާގެ "ތާސް" ނޫސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ޕޫޓިން ވިދާޅުވީ ހުޅަނގުން ގެންދަނީ އެއްޖިންސުން ގުޅުން ހިންގުމުގެ މުޑުދާރު އަމަލު ހުއްދަކޮށް އެއީ ގާނޫނީ އަދި ޝަރުޢީ ކަމަކަށް ހަދައިގެން އެކަން އެގޮތަށްކުރަން އެހެން ގައުމުތަކަށްވެސް ޕްރެޝަރުކުރަމުން ކަމަށާއި ހުޅަނގުގެ މިޕްރެޝަރާ ދެކޮޅަށް ދުނިޔޭގެ ގައުމުތައް ފާރަވެރިވާންޖެހޭ ކަމުގައެވެ.

ޕޫޓިން ސިފަކުރެއްވިގޮތުގައި އެއްޖިންސުން ގުޅުންހިންގުމުގެ މުޑުދާރު އަމަލަކީ އަންހެނުންނާއި ފިރިހެނުންނާ ދެމެދުގައި ތަބީއީގޮތުން ލައްވާފައިވާ ތަބީޢީ ޖިންސީ ގުޅުންތައް ގަޑުބަޑުކޮށް އެގުޅުމުގެ ތެރެއިން އަންނަ އިންސާނީ ދަރިފަސްކޮޅު ނައްތާލުމުގެ އަމަލެކެވެ.

އެއްޖިންސުގެ ގުޅުން ޕްރޮމޯޓް ކުރުމަށް ހުޅަނގުން ގެންގުޅޭ އައިޑިއޮލޮޖީއާ ދެކޮޅު ކޮންމެ ގައުމަކާ އަދި ފަރުދަކާ ދެކޮޅަށް ހުޅަނގުން ޕްރޮޕަގެންޑާތައް ފަތުރައި އެފަރާތެއް ޝައިނާތަނަށް ހެދުމަށް ހުޅަނގުން މަސައްކަތްކުރާ ކަމަށާއި މިއީ އިންސާނީ ނަސްލާ ދެކޮޅަށް ހުޅަނގުން ކުރާ ހަނގުރާމައެއްކަމަށް ޕޫޓިން ސިފަކުރެއްވިއެވެ.

ޕޫޓިން ވިދާޅުވިގޮތުގައި ހުޅަނގުން ޕްރޮމޯޓްކުރާ އެއްޖިންސުގެ ގުޅުންތަކަކީ އިންސާނީ ތަބީއަތާ ފުށުއަރާ އަދި އިންސާނީ ނަސްލު ދެމެހެއްޓުމާ މުޅިން ފުށުއަރާ އަމަލެކެވެ. އެއްޖިންސުގެ ގުޅުމުގެ ފަލްސަފާގައި ދަރިއަށް އޮންނަނީ މަންމައަކާ ބައްޕައެއް ނޫންކަމަށާއި ފިރިހެނުންގެ ތެރޭގައި އެއްޖިންސުން ގުޅުންހިންގާމީހުން ދެކޭގޮތުގައި އެމީހުންގެ ދަރިންނަށް އޮންނަނީ އެއްނަންބަރު ބައްޕައާއި ދެނަންބަރު ބައްޕައެކެވެ. އަދި އެއްޖިންސުން ގުޅުން ހިންގާ އަންހެނުންގެ ނަޒަރުގައި ދަރިންނަށް އޮންނަނީ މަންމައަކާ ބައްޕައެއްގެ ބަދަލުގައި އެއްނަންބަރު މަންމައަކާއި ދެނަންބަރު މަންމައެކެވެ. މިއީ ފިތުރަތުގެ އުސޫލާ މުޅިން ޚިލާފު ކަމެއްކަމަށް ޕޫޓިން ވިދާޅުވިއެވެ.

ރަޝިއާގެ ޕާލަމެންޓުން އިއްޔެވަނީ އެގައުމުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުން މަނާކުރުމުގެ ބިލެއް ފާސްކޮށްފައެވެ. މި ބިލްގައިވާގޮތުން އެއްޖިންސުން ގުޅުންހިންގުން ޕްރޮމޯޓް ކުރުމާއި އެކަމުގެ ޝިޢާރުތައް އުފުލުމާއި އެކަމަށް މަގުފަހި ކުރުވުމާ އަދި ޖިންސު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ކުރުމަކީ ރަޝިއާގައި ކުރުން މަނާކަމެކެވެ.

މިކަންކަން ހިންގާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމާނާކުރުންވެސް މިބިލްގައި ހިމެނެއެވެ. މީގެތެރޭގައި މިކަންކުރާ އާދައިގެ ފަރުދުން އެއްލައްކަ ރުބެލް އިން އަދި ސަރުކާރުގެ މުވައްޒަފުން ދެލައްކަ ރުބެލްއިން އަދި މުއައްސަސާ ނޫނީ ކުންފުނިތައް އެއް މިލިޔަން ރުބެލްއިން ޖޫރިމަނާކުރުން ހިމެނެއެވެ. މިބިލްގައި ޕޫޓިން ސޮއިކުރެއްވުމާއެކު ރަޝިއާގެ ގާނޫނަކަށް ވެގެންދާނެއެވެ.

ޝައިތާނިއްޔަތާއި ހަވާ ނަފްސަށް އިންސާނުން ހެއްލުމުގައި ހުޅަނގުން ގެންގުޅޭ އަދި ފަތުރަމުންދާ ޕްރޮޕަގެންޑާތަކުގެ ދަލުގައި ޖެހި އެކަން ކޮޕީކުރާ ރަޝިއާ މީހުންނަކީ ރަޝިއާގެ އަމިއްލަވަންތަކަމާއި އެގައުމުގެ އެއްބައިވަންތަކަމާއި ސަގާފަތަށް ކުރިމަތިވާ ބޮޑު ފިތުނައެއްކަމަށް ތަންކޮޅެއްކުރިން ޕޫޓިންވަނީ ސިފަކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް