އޭސީސީއިން ނަހުލާގެ މައްސަލަ ބަލަން ސަރުކާރުން ފުރުސަތެއް ނުދޭނެ: އަދުރޭ

ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ: ---

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލަ އެކޮމިޝަނުން ތަހުގީގުކުރަން ބޭނުންވިޔަސް ސަރުކާރުން އެކަމަށް ފުރުސަތު ނުދޭނެ ކަމަ، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި މިނިސްޓަރު ނަހުލާ އާއި އެމިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު މާލީ ތަނަވަސްކަން ހޯދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި މީގެކުރިން ހުންނެވި ބޭފުޅެކެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އެ އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ގަވާއިދަށް ގެނައި ދެވަނަ އިސްލާހުގެ ނާޖާއިޒް ފައިދާ ނަގައިގެން ކަމަށެވެ.

މިކަމާ ގުޅިގެން އަބްދުއްރަހީމް "ސަން" އަށް ވިދާޅުވީ، ދައުލަތުގެ ވަޒީރަކާމެދު މިފަދަ ބޮޑެތި ތުހުމަތެއް ކުރެވިއްޖެ ނަމަ އެވަޒީރަކު މަގާމުގެ މަސްއޫލިއްޔަތު ތަކުން ދުރުކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ތުހުމަތުތަކާ ގުޅިގެން މިނިސްޓްރީގެ އެހެން މުވައްޒަފުން ސަސްޕެންޑް ކުރާ ކަމުގައި ވަނީ ނަމަ މިނިސްޓަރު ވެސް ސަސްޕެންޑް ކުރެވެން ޖެހޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރަމުންދާ ސަރުކާރެއް ކަމަށާއި، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް މިނިސްޓަރު ނަހުލާއާމެދު ފިޔަވަޅު އަޅަން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

ނަހުލާ މަގާމުން ވަކިކުރާ ހިސާބުން ދެކޮޅަށް ނުކުންނަވާނެކަން ރައީސް ސާލިހަށް އެނގެވަޑައިގަންނަވާނެ. ގާސިމް [ގާސިމް އިބްރާހީމް] ސަރުކާރާއެކު ހުންނެވީ ދެ ސަބަބެއްގައި. އެއީ ދައުލަތުން ބަދަލު ހޯދުން. ނަހުލާގެ ވަޒީރުކަން ދިފާއު ކުރުން. ރައީސް ސާލިހަށް ކެރިވަޑައި ނުގަންނަވާނެ ނަހުލާއާ މެދު ފިޔަވަޅު އަޅާކަށް. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މީގެއިތުރުން އޭނާ ވިދާޅުވީ އޭސީސީގެ މެމްބަރުން މި މައްސަލަ ތަހުގީގުކުރައްވަން ބޭނުން ވިޔަސް، ސަރުކާރުން އެކަމަށް ފުރުސަތު ނުދޭނެ ކަމަށާއި، އެ ހިސާބުން މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި މަގާމުން ވަކިކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ ކުރިން ވެސް ވެފަ އޮތީ އެހެން. އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ނަމުން މިނިވަން، ކަމުން އަޅުވެތި ކޮމިޝަނެއް. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ކޮންމެ ވުޒާރާއެއް ނަމަވެސް އެތަނެއްގެ ހިންގުމާ ހަވާލުވެ ތިއްވެބި ބޭފުޅުންގެ އަމިއްލަ ޖީބަށް ފައިސާ ވަންނަ ގޮތަށް ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ އެ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކުރަން ޖެހޭނެ ކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ވަގަށް އުޅަނދުތަކެއް ރަޖިސްޓްރީ ކުރި ކަމުގެ ތުހުމަތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ވެސް ވަނީ ދާދިފަހުން ސަސްޕެންޑް ކޮށްފައެވެ. އަދި ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ފިޔަވަޅު އަޅައިދިނުމަށް އެދި މިނިސްޓަރު ނަހްލާ ވަނީ ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވައިފައެވެ.

comment ކޮމެންޓް