ސްޓެލްކޯ ބިއްދޮށުން، ފަތާ ޓްރެކް ކުރިމަތީ، ބޮޑުތަކުރުފާނު މަގުގެ ދަށުގައި ވަޅުލައިފައިވާ ސްޓެލްކޯގެ ފެން ހޮޅި މަރާމާތުކުރުމަށްފަހު ސިމެންތިން ޕެޗު އަޅައި ތާރު ނޭޅި ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
މަގަށް ބިމު އަޑިން ލޮނު ފެން އަރަން ފެށީ އެ ކުންފުނީގެ އިންޖީނުތައް ފިނިކުރުމަށް ބޭނުންވާ އައުޓް ފްލޯ ހޮޅިއަކަށް ލިބުނު ގެއްލުމެއްގެ ސަބަބުންނެވެ.
އެ މައްސަަލަ ހައްލުކުރަން ހަފުތާއެއްހައި ދުވަސް ނެގިއެވެ. އެކަން ކުރީ އެ ފެން ހޮޅި ވަޅުލައިފައިވާ ހިސާބުން ތާރުގަނޑު ކަނޑައިގެންނެވެ.
އެ މައްސަލަ ހައްލުކުރިތާ މިހާރު އިތުރު މަސް ދުވަހެއްވާން ގާތްވެފައިވާއިރު އަދިވެސް އެ ތަން ހުރީ މަސައްކަތް ނިންމުމަށްފަހު ސިމެންތި ޕެޗު އެޅި ގޮތަށެވެ.
ވާރޭ ވެހި އެ ޕެޗުގެ މަތީ ފެންބޮޑުވެ އެ ޕެޗު ވެސްވަނީ އަޑިވެފައެވެ. އޭގެ ސަބަބުން ވެހިކަލް ދުއްވުމުގައި ބައެއް ދަތިތަކާ ކުރިމަތިވާކަމަށް އާންމުން ބުނެއެވެ.
އެ ތަންކޮޅުގައި ތާރު އެޅުން ލަސްވާތީ "ސަން"އިން ސުވާލުކުރުމުން ސްޓެލްކޯ އިން ބުނީ މަސައްކަތް ލަސްވަނީ ތާރު އަޅައިދޭނެ ބަޔަކު ނުލިބިގެންކަމަށެވެ. އެގޮތުން މިހާރު ހަތަރު ފަހަރު ޓެންޑާކޮށްގެން ވެސް މަސައްކަތްކޮށްދޭނެ ބަަޔަކު ނުލިބުނުކަމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ރާއްޖޭގައި ތާރު އަޅައިދޭ އެއްވެސް ކުންފުންޏެއް ނެތް ކަމަށާއި އެމްޓީސީސީއާއި އެޗްޑީސީއިން ވެސް ތާރު އަޅަނީ ސަބްކޮންޓްރެކްޓަށް ހަވާލުކޮށްގެންކަމަށް ސްޓެލްކޯއިން ބުންޏެވެ.
"މި ސަރަހައްދުގައި ވެސް އެ ކަން ކުރާ ތިބެނީ އެންމެ ބައެއް. އެއީ އެމްއެމް އެކްސްޕޯޓްސް. އިންޑިއާ ކުންފުންޏެއް. މޯހަން މުޕްތާއޭ ކިޔާ ބައެއް. ދެންވާ ގޮތަކީ އެ ކުންފުނީގެ ޕޮލިސީ އޮންނަ ގޮތުން ފަސް މިލިއަނަށްވުރެ ދަށްވެއްޖެޔާ އެ މީހުން ބިޑެއް ނުކުރާނެ،" ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެހެންނަމަވެސް ކުޑަ ތަންކޮޅެއްގައި ތާރު އަޅަން ފަސް މިލިއަން ރުފިޔާ ޚަރަދުނުކުރެވޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަދި ދެން އެ ތަންކޮޅުގައި ތާރު އަޅާއިރު ސްޓެލްކޯއިން ހަދައިފައިވާ ބަސް ސްޓޮޕްކުރިމަތީ ހެދިފައިވާ ބޮޑު ދެ ވަޅުގަނޑު ވެސް ރަނގަޅުކޮށްދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.
އެހެންނަމަވެސް ސިޓީ ކައުންސިލްގެ ކަންބޮޑުވުން ވެސް މި މައްސަލައިގައި އެބައޮތެވެ.
އެގޮތުން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ މިއަދު "ސަން"އަށް ވިދާޅުވީ ސްޓެލްކޯއިން އެ ތަނަށް ސިމެންތި އެޅީ ކައުންސިލުން އެ ކަން ނުކުރުމަށް އަންގައިފައިވަނިކޮށްކަމަށެވެ.
"ކައުންސިލުން އެންގީ އެ ތަނުގައި ތާރު އަޅައިފައިނޫނީ އެ ތަން ނުހުޅުވަން. ސަބަބަކީ ސިމެންތި އެޅީމާ ދެން އެ ތަނަށް ލިބޭ ގެއްލުން މާ ބޮޑުވާނެ. އަދި އެ ތަން ދެން އޮންނާނީ އެގޮތަށް ދޫކޮށްލައިފައި،" ޝިއުނާ ވިދާޅުވިއެވެ.
އެއާއެކު ކައުންސިލުން ވެސް ވަނީ އާންމުންގެ ފާޑުކިޔުމާއި ނުތަނަވަސްކަން އެ މައްސަލައިގައި އަމާޒުވަމުން އަންނަކަމަށް ބުނެފައެވެ. އަދި ސްޓެލްކޯއިން އެ ކަމުގައި އަވަސް ފިޔަވަޅެއް އަޅައިދޭން ސިޓީ ކައުންސިލުންވަނީ އެދިފައެވެ.