ރަންވީރު ސިންގްގެ ''ސާކަސް ފެމިލީ'' މި ޑިސެމްބަރުގައި

ރަންވީރު ސިންގް ލީޑްރޯލަކުން ފެންނަ 'ސާކަސް ފެމިލީ' މި ޑިސެމްބަރު މަހު ރިލީޒްކުރަން ނިންމައިފިއެވެ.

ބޮލީވުޑް ތަރި ރަންވީރު ސިންގްގެ އިންސްޓަގްރާމްގައި އިއްޔެ ވަނީ މި ފިލްމުގެ ޕޯސްޓަރެއް ހިއްސާކޮށް ފިލްމުގެ ފަސްޓް ލުކް ދައްކާލާފައެވެ. ރަންވީރު ޑަބަލް ރޯލަކުން ފެންނަ މި ފިލްމަކީ ރޯހިތު ޝެޓީ ޑައިރެކްޓުކުރާ ފިލްމެކެވެ. ފިލްމުގައި އޭނާ އާއެކު ޖެކްލީން ފެނާންޑޭޒް އާއި ޕޫޖާ ހޭގްޑޭގެ އިތުރުން ވަރުން ޝަރްމާ އާއި ޓީކޫ ޓަލްސާނިއާ އާއި ޖޮނީ ލެވާ އަދި ސަންޖޭ މިޝްރާ ފެންނާނެއެވެ.

މި ފިލްމުގެ ޕޯސްޓަރު ޝެއާ ކުރަމުން ރަންވީރު ބުނެފައިވަނީ މިއީ ދެގުނަ މަޖާ ފިލްމެއް ކަމަށެވެ. ރަންވީރުގެ އަންހެނުން ދީޕިކާ ޕަޑުކޯން އާއި އަޖޭ ދޭވްގަންގެ ގެސްޓް އެޕިއަރެންސް އެއްވެސް މި ފިލްމުގައި ފެންނާނެ ކަމަށް ވަނީ ބުނެފައެވެ.

'ސާކަސް ފެމިލީ' ގެ ޓްރެއިލާ އަންނަ ހަފުތާގައި ރިލީޒްކުރާ އިރު މި ފިލްމަކީ 1982 ވަނަ އަހަރު ސަންޖީވް ކުމާރު އާއި ދެވެން ވަރްމާ ނެރުނު 'އަންގޫރު'ގެ ރީމޭކް އެއް ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ. އެހެންނަމަވެސް، ފިލްމުގެ ޓީމުން ބުނާ ގޮތުގައި މި ފިލްމަކީ 'އަންގޫރު' ގެ ސީދާ ކޮޕީ އެއް ނޫނެވެ.

މި ފިލްމަށްފަހު ރަންވީރު ދެން އެންމެ އަވަހަށް ފެންނާނީ ކަރަން ޖޯހަރުގެ 'ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ'ގައެވެ. މި ފިލްމުގައި އޭނާ އާއެކު ލީޑް ރޯލުން ފެންނާނީ އާލިއާ ބަޓްއެވެ. މިއީ އަންނަ އަހަރު އޭޕްރީލްގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ.

comment ކޮމެންޓް