ޓްވިޓާގެ ވެރިފައިޑް ޗެކްމާކްތައް އަނެއްކާވެސް ދޫކުރަން ފަށަނީ

ޓެސްލާގެ ސީއީއޯ އެލަން މަސްކް.-- ފޮޓޯ: ގެޓީ އިމޭޖަސް

ޓްވިޓާގެ ވެރިފައިޑް ޗެކްމާކްތައް އަނެއްކާވެސް ދޫކުރަން އެ ކުންފުނިން ނިންމައިފިއެވެ.

ޓްވިޓާގެ ވެރިފިކޭޝަން ޗެކްމާކް ނުވަތަ ބްލޫޓިކް އަލުންދޫކުރަން ފަށާނެކަން އިއުލާން ކުރީ ކުންފުނީގެ ވެރިޔާ އީލޯން މަސްކްއެވެ. އޭނާ ކުރި ޓްވީޓެއްގައިވާ ގޮތުން ޗެކްމާކް އަލުން ދޫކުރަން ފަށާނީ އަންނަ ހުކުރު ދުވަހުއެވެ.

މަސްކް ބުނީ މިފަހަރު ޗެކްމާކްތައް ދޫކުރާނީ ތަފާތުކޮށް ކަމަށެވެ. އެގޮތުން ޗެކްމާކް ދޫކުރާއިރު އެކައުންޓްގެ ބާވަތާއި ބޭނުންކުރާ ފަރާތަށް ބެލުމަށްފަހު ރަން ކުލައާއި އަޅި ކުލައާއި ނޫ ކުލައިގެ ވެރިފިކޭޝަން ޗެކް ބޭނުން ކުރެވޭނެކަމަށް ޓްވިޓާއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އެ ޗެކް އެކްޓިވޭޓް ކުރުމުގެ ކުރިން ހުރިހާ އެކައުންޓެއް މެނުއަލްކޮށް ވެރިފައި ކުރާނެ ކަމަށް ވެސް މަސްކް ބުންޏެވެ. އަދި އެ ނިޒާމާ ބެހޭ އިތުރު ތަފުސީލު އަންނަ ހަފުތާގައި ދޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ޓްވިޓާއިން ވެރިފައިޑް ޗެކްމާކް ދިނުން ހުއްޓާލީ އެ ޕްލެޓްފޯމްގައި މަޝްހޫރު މީހުންނާއި ކުންފުނިތަކުގެ ނަމުގައި ބަޔަކު އެކައުންޓުތައް ހަދައި، ދޮގު ވާހަކަތައް ފަތުރާތީއެވެ.

މިދިޔަ މަހުގެ ކުރީކޮޅު ވަގު އެކައުންޓްތައް ގިނަ އަދަދަކަށް އުފައްދައި. ޓްވިޓާއިން ފޭކު އެކައުންޓުތައް ސާފުކުރުމަށް ކުރި މަސައްކަތަށް ފުރައްސާރަކޮށް ގިނަ ވެރިފައިޑް އެކައުންޓްތައް ހެދިއެވެ.

ޓްވިޓާއަށް މަސްކް ގެންނަ ބަދަލުތަކާ މެދު ހިތްހަމަނުޖެހި ވަރަށް ގިނަ މީހުން ދަނީ ޑިސްކޯޑް ނުވަތަ މަސްޓޮޑޮން ފަދަ، ޓްވިޓާއަށް ވުރެ ފީޗާތައް ގިނަ ޕްލެޓްފޯމްތަކާ ގުޅެމުންނެވެ.

ޓްވިޓާގެ ވެރިފިކޭޝަން ނިޒާމަށް މަސްކް ގެންނަ ބަދަލުތައް މީހުން ބަލައިގަންނާނެ މިންވަރެއް އަދި ކަށަވަރު ނުވެއެވެ.

comment ކޮމެންޓް