1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު އަންނަ މަހު ފަހުކޮޅު ހާސިލުވާނެ: މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު އަންނަ މަހުގެ ފަހުކޮޅު ހާސިލްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ، މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2019 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ވުރެ 7.5 ޕަސެންޓު އިތުރުވެފައި ވާކަމަށެވެ. އެހެންކަމުން އަންނަ މަހުގެ ތިން ވަނަ ހަފުތާގައި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 1.46 މިލިއަނަށް އަރައިފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ނޮވެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 103،981އެވެ. ނަމަވެސް 2020ވަނަ ކޮވިޑުގެ އަސަރު ޓޫރިޒަމަށް ކޮށް، އެއަހަރު ނޮވެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ، 25،288އެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު 109،317 ފަތުރުވެރިން ރާއްޖެއައި އިރު، މި އަހަރުގެ ނޮވެމްބަރު މަހުގެ މިހާތަނަށް 111،813 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ކޮވިޑުގެ ކުރިން، 2019ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ، ޗައިނާއެވެ. އެގައުމުން އޭރު 16.7 ޕަސަންޓު ފަތުރުވެރިން ރާއްޖެ އައެވެ. ނަމަވެސް މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަރުތުވެރިން އަންނަނީ އަވައްޓެރި އިންޑިއާއިންނެވެ. އެއީ 14 ޕަސަންޓެވެ.

އިންޑިއާގެ އިތުރުން މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިޔާ އާއި އިނގިރޭސިވިލާތުންނެވެ. ރަޝިއާ މާކެޓުގެ ހިއްސާ 12.3 ޕަސެންޓަށް އަރާ އިރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުން ހިއްސާކުރަނީ 10.9 ޕަސެންޓެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގައި އިޝްތިހާރުކުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ މަގާމު ވެސް ލިބިފައި ވަނީ ރާއްޖެއަށެވެ.

comment ކޮމެންޓް