ދަރިއަކު ހުއްޓަސް ގައުމީ ޓީމަށް ކުޅުމުގައި ދެން ހުރަހެއް ނޯންނާނެ!

އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން ދަރިންނާއެކު ފުރަނީ--- ފޮޓޯ/ މަހުލޫފް

ކުޅިވަރު ކުޅުމަކީ ރާއްޖޭގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ޚާއްސަ ގޮތެއްގައި ގައުމީ ޓީމުތަކަށް ކުޅުމަކީ އަދި މުބާރާތްތަކުގައި ކުޅުމަށް ނުވަތަ އެހެންވެސް ގޮތަކުން ރާއްޖެ ތަމްސީލު ކުރުމަށް ގައުމުން ބޭރަށް ދާން ޖެހިއްޖެ ނަމަ، މިއީ ގައުމީ ޓީމުތަކަށް ކުޅޭ ބައެއް ކުޅުންތެރިންނަށް އެކަމުގައި އުނދަގޫތަކެއް ހުރި ކަމެކެވެ.

އެގޮތުން ކުޑަ ދަރިއަކު ހުންނަ ކުޅުންތެރިއެއް ނަމަ، ދަރި ބަހައްޓާފައި ގައުމުން ބޭރަށް ދާން ޖެހޭނަމަ، ޓީމާއިއެކު ގައުމު ތަމްސީލު ކުރުމަށް ލިބުނު ފުރުސަތު ދޫކޮށްލަން މަޖުބޫރުވާ ފަހަރުތައްވެސް އާދެއެވެ.

އެހެންނަމަވެސް މި ސަރުކާރުން ކުޅިވަރުގެ ކުރިއެރުމަށާއި، ކުޅިވަރު ކުޅުންތެރިންނަށް އެހީތެރިވެދިނުމަށް ގެންގުޅޭ ހާއްސަ ސިޔާސަތުގެ ދަށުން މިވަނީ މި މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދީފައެވެ.

ރާއްޖޭގެ ގައުމީ ޓީމުތަގެ ކުޅުންތެރިން، އެއްއަހަރު ނުވާ ދަރިއަކު ހުންނަ ނަމަ ބެލެނިވެރިއަކާއެކު އެ ކުއްޖެއް ގޮވައިގެން މުބާރާތްތަަކަށާއި، ޓްރެއިނިންގް ދަތުރުތަކަށް ދެވޭގޮތް، މި ސަރުކާރުން މިވަނީ ހަދައިދީފައެވެ.

މިކަން ހާމަކޮށްފައި ވަނީ މި ސަރުކާރަށް ހަތަރު އަހަރު ފުރިގެން ދިޔައިރު ސަރުކާރުގެ އެންމެ ހިންގުންތެރި ވުޒާރާ ހިންގެވުމާ ހަވާލުވެޑައިގެން ހުންނެވި ވަޒީރު، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓު އަހްމަދު މަހްލޫފެވެ.

މިނިސްޓަރު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވިހެއުމަށްފަހު ގައުމީ ޓީމުގެ ކުޅުންތެރިން ކުޅުން ހުއްޓާލަަން ދެން ވިސްނަން ނުޖެހޭނެކަމަށެވެ.

އެގޮތުން އިއްޔެ ރާއްޖޭގެ އަންހެން ގައުމީ ޓީމު ސައުދީއަށް ޓްރެއިނިންގް ކޭމްޕަށް ފުރާފައިވަނީ އެއް އަހަރުނުވާ ހަތަރު ކުދިންނާއި އެކުގައި ކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

މީގެ ކުރިން އެފަދަ މުބާރާތްތަކަށާއި ޓްރެއިނިން ދަތުރުތަކުގައި ބައިވެރިވެވެނީ ކުޅުންތެރިންނާއި އޮފިޝަލުންނަށް އެކަންޏެވެ.

ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމު އިއްޔެ ސައުދީއަށް ކުރި ދަތުރަކީ އަންނަ މަހު 18 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރި ދަތުރެކެވެ.

އެއީ ޔޫތު މިނިސްޓްރީ އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގުޅިގެން ކުރި މަސައްކަތުން ލިބުނު ފުރުސަތެކެވެ.

އެ ޓީމުތަކުން ޒުވާނުންގެ މަރުކަޒު އިންޑޯ ކޯޓުގައި ފަރިތަކުރަން ނިންމާފައިވަނިކޮށް ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ އެ ކޯޓުގައި ފަރިތަކުރުމަށް ދަތިތަކެއް ހުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މިނިސްޓަރު މަހުލޫފް ވަނީ އެ ކުޅުންތެެރިންނާ ބައްދަލުކޮށްފައެވެ.

ކުޅުންތެރިންނަށް އެއް އަހަރު ނުވާ ދަރިފުޅާއި ބެލެނިވެރި އަކު ގޮވައިގެން ގައުމީ ޓީމުތަކުގެ ދަތުރުތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދީފައިވާއިރު، ކުޅިވަރު ތަކުގެ މެދުގައި އޮތް ތަފާތު ނައްތާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ޓީމުތަކުގެ ކުޅުންތެރިންނަށް އަންނަނީ ހަމަހަމަ އުސޫލުން އެލަވަންސް އެއް ދެމުންނެވެ.

މީގެއިތުރުން ހަމައެކަނި ފުޓުބޯޅަ އަށް ރާއްޖޭގައި ދީފައިވާ އިސްކަން ނިމުމަކަށް ގެނެސް، ހުރިހާ ކުޅިވަރެއްގައިވެސް ހަމަހަމަ ފުރުސަތުތަކެއް، ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމުގައި އާއި، ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކުޅެވޭނެ އިންތިޒާމްތައް ހަމަ ޖެއްސުމުގައި މި ސަރުކާރުން ވަނީ ފަހި ކޮށްދީފައެވެ.

comment ކޮމެންޓް