އަލިފާން ކޮކާލެއްގެ ލޯބި 12

"ތިބާގެ ދުވަހުގެ ތާވަލްއިން ކޮންމެ ވަގުތުކޮޅެއް ހޭދަކުރާގޮތާއިމެދު ވިސްނައިލާށެވެ. މާނައެއްނެތް މުނިފޫހިފިލުވުންތަކާއި ބޭކާރު ކަންތައްތަކާއިގެން ވަގުތު ހޭދަކުރުމުން އަގުހުރި ވަގުތުތައް ނަގައިލެވެނީއެވެ. ވަގުތު ހޭދަކުރި ގޮތާއިމެދު ސުވާލުކުރެވޭނެއެވެ."

***

"ޑޮކްޓަރ ބުނި އެއްޗަކުން މަންމަ ހާސްވީ. ދޮންބެއަށް އެމީހާ މަންމަ ގާތު ބުނި އެއްޗެއް އެނގުނުތަ؟"

"މަންމަ ކައިރިން އަހަން ޖެހޭނީ.."

"އެއީ ޑޮކްޓަރެއްނޫން. ސިކްރެޓް އެޖެންޓެއް......" އާރިސް ނުރުހުމާއެކު ބުމަ ގާތްކޮށްލިއެވެ."އަދި ދޮންބެއަށް އެނގޭތަ؟ މަންމަމެން މަޖުބޫރުކޮށްގެން އަދާރާ މެރީ އެކުރީ. ހީވާގޮތުން ފާރަލާންވެގެން އެހެންވެ އެ ކޮޓަރީގައި ހުންނަން ބޭނުމެއްނޫން. އަދާރާ ބުނި އެއްޗެއް އެނގޭތަ؟"

އައްޔާޝް ބުމަ އަރުވައިލިއެވެ. އޭރު އޭނަގެ ހިތުގައިވެސް ނުތަނަވަސްކަން އެކުލެވި އާރިސްއަށްޓަކާ ހަމްދަރުދީ އުފެދިގަތެވެ. އާރިސްގެ ވާހަކައިން އެނގެނީ ނަފްސާނީގޮތުން އަސަރުކޮށްފައިވާ ވަރެވެ.

"އޭނަ ބުނީ ލޯބިވަނީ ދޮންބެ ދެކެއޭ..."

"ވަޓް؟" އައްޔާޝް ސިހޭގޮތްވިއެވެ.

"ހަމަ ތެދެއް މިބުނީ. އޭނަ އަމިއްލައަށް އެހުރިހާ އެއްޗެއް ކިޔާފައި ދޮންބެދެކެ ލޯބިވާ ވާހަކަބުނި. ދޮންބެ ފެންނަ ހިސާބުގައި ހުންނަން އާރިސްއާއި ކައިވެނިކުރީޔޯ. އޭނައަށް މާފުކޮށްދޭށޭވެސް ބުނި. އަދި އެވާހަކަ ސިއްރުކޮށްދޭން އެދުނު. ނޫނީ އަދާރާގެ މަންމަ މަރުވެދާނެޔޯ........" އާރިސް ގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ. ހަމަނުޖެހޭ ވާހަކަތައް ދެއްކިޔަސް އާރިސް މިފަހަރު ދެއްކި ވާހަކައިގާ ދޮގެއްނުވާކަން ވިސްނި އައްޔާޝްގެ ހިތަށް ނުބައިގޮތެއްވިއެވެ. އަދާރާދެކެ ފޫހިވާގޮތްވެއްޖެއެވެ. މޫނުބުރުގާ އަޅާފައި ހުރުމުން އޭނަދެކުނީ ވަރަށް މާތް އަޅުވެރިކުއްޖެއްގެ ގޮތުގައެވެ. ނަމަވެސް ނިގާބާއިމެދު މީހުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފައްދަނީ މިފަދަ ވިޔާނުދާ މަދު އަންހެނެކެވެ.

"އޭނަ މަޖަލަށް ބުނި އެއްޗެއްކަން ނޭގޭ.."

"ނޫން ދޮންބެ...މީހަކު ސީރިޔަސްވާނީ އެވަރަށް....."

"އާރި ދެން އޭނައަށް ކޮން ޖަވާބެއްދިނީ؟ ލަދެއް ހުރި އަންހެނެއްނަމަ އެހެން ނުބުނާނެއްނު....މޫނު އަޅައިގެން އުޅެނީ ހަމަ ލަދުގަންނަލެއް ބޮޑުކަމުންތަ؟ތިމާގެ ފިރިމީހާ ގާތުގައި ލޯބިވަނީ ބޭބެދެކެއޭ ބުނާނީ ގޮތެއްފޮތެއްނެތް ނުބައި އަންހެނެއް........" އައްޔާޝް ފޫހިކަމާއެކު ބުނެލިއެވެ.

"އަހަރެން ހީކުރީ އޭނަ ލޯބޮޑުކަމުން ޗައިލްޑްހުޑް ފްރެންޑެއްކަމަށް. އެއްފަހަރު މަންމައާއެކު ކުރި ދަތުރެއްގައި މޫދުކައިރީގައި ހުންނަ ގެއެއްގައި އުޅުނީމެއްނު. އޭރު ބައިސްކަލްގައި އެކުއްޖާއާއެކު ދުއްވާލަންގޮސްވެސް އުޅުނިން. އޭނަގެ ނަމަކަށް ބުނީވެސް އަދަން ކަން ނޭގޭ. އެވާހަކަ ހަދާންކޮށްދިނީމަވެސް ބުނި އެއް..............." ވާހަކަދައްކަމުންގޮސް ކުއްލިއަކަށް ސިއްސައިގެންގޮސްފާ އާރިސް އެއްފަރާތަކަށް ބަލާލައިފިއެވެ. އެދިމާލުގައި ނަޒަރު ހަރުލައިފިއެވެ.އައްޔާޝްވެސް އެދިމާލަށް ބަލައިލާފާ ލޯބޮޑުކޮށްލިޔަސް އެއްވެސް އެއްޗެއް ނުފެނުނެވެ.

"އިޓްސް ހިމް..."

"ކާކު؟"

"ދަ ވޮއިސް........އޭނަ ބުނީ އޭނަގެ ނަމަކީ ލުސިފާއޭ..."އާރިސް ކުއްލިއަކަށް ކާރުގެ ބޮނެޓްމަތީގައި ގޮށްމުށްކަވާފައި ޖެހުމާއެކު އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ."ކަލޭ ކައިރީ ކިތައްފަހަރު ބުނާނީ ދުރަށް ދާށޭ. މަގޭ ކައިރިއަށް ނާންނާށޭ. ކިހާ ދެރަކަމެއްތަ؟ ހަމަވަގުތުން މިތަނުން ދޭ..ކިހާ ބޮޑު މުސީބާތެއްތަ؟"

އައްޔާޝް އާރިސް މަސަލަސްކޮށް ސަމާލުކަން އަތުލަން މަސައްކަތްކުރިއެވެ."އާރި.ހަމަޖެހިބަލަ....އޭޭނަ އިގްނޯކޮށްބަލަ..ވާހަކަ ނުދައްކަބަލަ.އޭރުން ގޮސްދާނެ.."

"ގޯ ޓު ހެލް....." އާރިސް އަތުގައި އޮތް ފޯނުވެސް ހޫރުވައިލީ "ލުސިފާރ"އާއި ދިމާލަށެވެ. އާރިސްގެ އެ ހަރަކާތްތައް ފެނި ހިތަށް އަސަރުކޮށް އައްޔާޝްއަށް ބޮލުގައި އަތް އަޅައިލެވުނެވެ.

"ހެލްއަށް ދާނީ އަހަރެންވެސް ގޮވައިގެންނޯ....ޑޭމް. ކީއްވެ އޭނަ އަހަރެންގެ ފަހަތުން ނުނައްޓައިގެން އުޅެނީ؟އަނގައިން ނުބުންޏަސް އަަބަދު އަނގަ ތަޅުވާ. މަށަށް ޖެއްސުން ކުރީމަ އޭނައަށް ލިބެނީ ކޮން އުފަލެއްކަމެއްވެސް ނޭގޭ....."އާރިސް ގެއަށް ވަންނާން ހިނގައިގަތުމުން އައްޔާޝްވެސް ފަހަތުން ހިނގައިގަތީ ކޮއްކޮއަށް ޝިފާ ދެއްވުމަށް އެދި ހިތާ ހިތުން ދުޢާކުރަމުންނެވެ.

***

ޝުވޭކާރު އައްޔާޝްއާއި ހުސާމް ގާތު އާރިސްގެ ހާލަތު އޮޅުން ފިލުވާދެމުން ދިޔައިރު ލޮލުން ކަރުނަ ހުއްޓުމަކަށް ނައެވެ. ސްކިޒޮފްރީނިއާކަން އެނގުމުން މުޖުތަމައު ދެކޭނެ ގޮތަކާއިމެދު ހާސްވެ ފިކުރުބޮޑުވެ ދަރިފުޅު މަލާމާތާއި ފުރައްސާރައިން ދުރުކުރުމަށްވުރެ އިސްކަން ދޭނެ އެހެންކަމެއްނެތެވެ.މީހުން ދަރިފުޅު ލޭބަލްކުރާނީ މޮޔައެއްގެ ގޮތުގައެވެ.

"ސޯ ހީޒް ކްރޭޒީތަ؟" ހުސާމް އެހިއެވެ.

"ކްރޭޒީއެއް ނޫން ދަރިފުޅު. އާރިސް ޑިފެރެންޓްއީ. ތިގޮތަށް އެހެން މީހުންވެސް ލޭބަލް ކުރާނެކަން އެނގޭތީ މަންމަ ފިކުރުބޮޑުވަނީ. ބައްޕައާއި ވާހަކަދައްކައިގެން އަނެއްކާ ބޭރު ތަނަކަށް ބަދަލުވާން މިވިސްނަނީ. އެހެން މީހުންނަށް ކިރިޔާ ރޭކާލާއިރަށް ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރުވަން ފަހެއްނުޖެހޭނެ. ދަރިންނާއި އާއިލާގެ އިހުސާސްތަކަށް ވިސްނައިލުމެއްނެތި އަބުރު ކަތިލަމުން ދުވާ ނޫސްވެރިން އުޅޭ. އަނެއްކާ ބައްޕަގެ މެންޓަލިޓީއާއިމެދު ވެސް ސުވާލު އުފައްދަން ފަށާނެ..ބައްޕަގެ ފަރާތުން ދަރިންނަށް ވާރުތަވި ކަމެކޭވެސް ކިޔާފާނެ..............."ޝުވޭކާރު ޓިޝޫ ލޮލުގެ ކައިރީގައި މަޑުމަޑުން ޖައްސައިލިއެވެ. ހުސާމް އޭނަގެ މަންމަ ގެނެސް ގަޔާއި ކައިރިކޮށްލީ މަންމަގެ ޖަޒުބާތުތަކަށް ގަދަރުކުރަން ދަންނަ ދަރިއެއްކަން ސާބިތުކޮށްދެމުންނެވެ.

"މަންމާ. ނޯ ވޮރީސް. އަޅުގަނޑު މުއިޒިކް ތެރަޕީއިން ތިކަން ހައްލުކުރާނަން. އާރި އަބަދު މިއުޒިކް އަޑުއަހާ އުޅެންޏާ ބޮލުތެރޭގައި އުޅޭ ޑީމަންސްތައް ރައްކާވެދާނެ...." ހުސާމް ހިނިތުންވެލިއެވެ.

"ބައެއްމީހުން ބުނާނީ ނަފްސާނީ ބަލިތަކާއި ކުރިމަތިލާން ޖެހެނީ އީމާންތެރިކަން ކުޑަވީމައޭ. އެއީ އެހެން އޮންނަ ކަމެއްވެސް ނޫން.. އެކަމަކު ސޭމް ތިބުނިހެން މިއުޒިކް ތެރަޕީއިން ސްކިޒޮފްރީނިއާގެ އުދަގޫތައް ހައްލުވާކަމަށް ޑޮކްވެސް ބުނުއްވި. އަދި ވިޓަމިން ބީއާއި އެންޓިއޮކްސިޑެންޓް، ފިޝް އޮއިލް ކެޕްސޫލްގެ އިތުރުން ޑައިޓާއި ކަސްރަތުކުރަންވެސް އިރުޝާދުދެއްވި....."

"އަޔާ ކޯނޗެއް ތިވިސްނަނީ؟"

"ހިތަށް އަރަނީ ހަމަ ޖިންނީގެ ކަމަކަށް ނުވާނެބާވައޭ........"

"ސާބަހޭ ދޮންބެ. ކޮންއިރަކުން ޖިންނިއަށް ތިހާވަރަށް އީމާންވާންފެށީ؟"

"ހުސާމް މިއުޒިކުން ސިކުނޑީގެ މައްސަލަތައް ރަގަޅުވާނެކަމަށް ދެކެންޏާ ދޮންބެއަށްވެސް އެގޮތަށް ގަބޫލުކުރެވިދާނެ ދޯ.ޖިންނިންނަށް އީމާންނުވެ މުއުމިނަކަށް ނުވެވޭނެ. ކުރިން ދީން އޮޅުން ނުފިލާއޮތީމަ އެގޮތަށް ގަބޫލުކުރެވެނީ........"

"އޯ......."ހުސާމް އެއްބުމަ އަރުވައިލިއެވެ."އެހެންވެ ދޮންބެވެސް އިސްތަށިގަނޑާއި ތުނބުޅިދިގުކޮށްލަނީ؟ބައިދަވޭ ޔޯ ހެއާ ސްޓައިލް އިޒް ޑްރޮޕްޑެޑް ގޯޖަސް..މަންމާ. އަޅުގަނޑުވެސް އެގޮތަށް އިސްތަށިގަނޑު ދިގުކޮށްލަންތަ؟"

"މަންމައަށް ރީތީ ކުރުކޮށް ކޮށާލާފައި އޮތީމަ. އިސްތަށިގަނޑު ދިގުކުރީމަ އަންހެންކުދިން ރީތީ. ބޯއިސްއިންގެ ޑީސެންޓްކަމާއި ފިރިހެންވަންތަކަން އެންމެ ފުރިހަމަގޮތުގައި ފެންނާނީ މިހެން އޮތީމަ...."ޝުވޭކާރު ހުސާމްގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

"އަޅުގަނޑުމެން ރާއްޖެއިން ދިޔައީމަ ބައްޕަ އެކަނިވެރިވެދާނެ. ފެމިލީ އެކިތަންތާ އުޅުނީމަ އާއިލީ ގުޅުމަށް ވާނީ ކިހިނެއްތޯ މަންމާ؟ސްކިޒޮފްރީނިއާއަކީ ލަދުގަންނަންޖެހޭ ބައްޔެއްނޫން. އެހެން މީހުން އެ ސްޓިގްމެޓައިޒް ކުރާތީ މީހުންގެ ސިކުނޑިއަށް އެގޮތަށް ގަބޫލުކުރެވެނީ. ފިލްމުތަކާއި ވާހަކަތަކުގައި މީހުން މަރާ ގާތިލުން ސްކިޒޮފްރީނިއާ ބަލިމީހުން ގޮތުގައި ދައްކުވާދިނުމަކީ ގޯހެއް. އަޅުގަނޑު ދަންނަ ސްކިޒޮފްރީނިއާ މައްސަލަ ހުންނަ ފްރެންޑުން ވައިލެންޓެއްނޫން. އެކަކު ވަރަށް ލަދުރަކި. އާރިވެސް ހަމަނުޖެހޭ ވާހަކަތަކެއް ދޭތެރެއިން ދެއްކިޔަސް ކިހާ ސްވީޓްކޮށް އުޅޭކުއްޖެއް. ހަގީގަތުގައި ނަފްސާނީ ބައްޔެއް ޖެހުނީމަ އަޅާލުމާއި ލޯބި ބޭނުންވާނެ. ދުރުކޮށްލެވޭތީ އަނިޔާވެރިވެވޭތީ އިތުރަށް ގޯސްވަނީ. އަނިޔާވެރި ބަސްތަކުން ލޭބަލްކޮށް އަދި މުޖުތަމައު އިން ބާކީކޮށްލަނީ. އެފަދަ ބައްޔެއް ޖެހުނީމަ ސިއްރުކުރަން ނަހަދާ ޑޮކްޓަރަކަށް ދައްކާ ފަރުވާކުރީމަ ހަމަ ނޯމަލްކޮށް ޖޮބަށްގޮސް އުޅެލެވޭނެ......"އައްޔާޝް އޭނަގެ ޚިޔާލު ދިނެވެ.

"މަންމަވެސް ގަބޫލުކުރަން. ބައެއްމީހުން ޓޫ ވަރަކަށް ސައިކޯޓިކް އެޕިސޯޑުން ރަގަޅުވެސް ވެފައި ހުރޭ. އާރި ތަންކޮޅެއް ގޯސް ދިމާލަކަށް ދާހެން މަންމައަށް ހީވަނީ ބޭހުން ކުރިއެރުމެއް ނުފެނި ދިގުދެމިގެން ދާތީީ، އެހެންނޫނަސް އެއްވެސް މީހަކު މަލާމާތްކޮށް ފާޑުކިޔާ ބުލީކުރަން ނުރުހެވޭ. ކީއްތަވާނީ ސްކޮޓްލޭންޑްގައި މާ އަރާމުކޮށް އުޅެލެވޭނެ. ބައްޕަ ދޭތެރެއަކުން ދުރުވެ އާއިލާއާއެކު ވަގުތު ހޭދަކުރައްވާނެތާ..މަންމަގެ ދަރިއަކު އެންމެން އަނގަ ތެޅުމުގެ ސަބްޖެކްޓަކަށް ވާކަށް މަންމަ ނޭދެން..."

"އަދާރާ ދާނެތަ؟"އައްޔާޝް ސުވާލުކުރިއެވެ.

"ނޭގޭ. އަދާރާ......މަންމަ ހީކުރިގޮތަކަށް ނޫން. އޭނަ އާއި އާރިގެ ގުޅުން ރަގަޅެއްނޫން..އާރި ވެސް އޭނަދެކެ ބިރުން އުޅޭ ކަހަލަ...."

"ނިންޖާ އެއް ފެނުމުން ކޮންމެ މީހަކުވެސް ބިރުނުގަންނަ ވަރެއްނޫނޭ. އަނދިރި ތަނަކުން ފެނިއްޖެއްޔާ އަނބުރައިގެންފާނެ..ޑަމީއެކޭ ތަފާތެއްނެތް. ފޫހިކުއްޖާގަނޑެއް. މި މީހުން އެހާވަރުން މޫނު ފޮރުވައިގެން އުޅެނީ ކީއްވެބާވައޭ ހިތަށް އަރާ..ކޮންމެވެސް ކަމެއް ފޮރުވަން ކަމަށްވާނީ................................."ހުސާމް މަލާމާތްކުރިއެވެ.

"ސޭމް. ގިނަ މީހުން ނިގާބު އަޅާނީ ދީނުގައި އަންގަވާފައިވާތީ. ސިފަ ނޭގޭވަރަށް ކުލަ ހާކާ އަންހެންކުދިންވެސް އެހެންވިއްޔާ ކަމެއް ފޮރުވަން އަޅަނީ. ދީނީކަމެއް ވިއްޔާ ފާޑުކިޔާއިރު އެހެން މީހުން އުޅޭގޮތެއް ނުފެނޭ...."

"ދޮންބެ އެމީހުންގެ ހިތްތައް ފަޅާބެލީތަ؟"

"ދަރިފުޅުމެން ދެން އަރައިރުން ހުއްޓަބަލަ. މިވަރުގެ ބޮޑު ހިތާމައަކާއި ކުރިމަތިވެގެން އުޅޭއިރު މަންމަ އިތުރަށް ސްޓްރެސްނުކުރުވާ. ސޭމްވެސް މެރީކުރަންވީނު... ޖޫނީއާއި ދެކުދިން ކޮން ޒަމާނެއް އެއްކޮށް އުޅޭތާ..ފަރަހްނާޒްވެސް އެކަމާއި ވަަރށް އުފާވާނެ. މަންމަފަދައިން އެކުއްޖާވެސް މެޑިސިންގެ ދާއިރާއިން ކުރިއަށްދަނީ. ތިދެކުދިން ވަރަށް ގުޅޭ. އަޔާގެ ލޯބިވެރިއެއް ނެތްކަން ދެރައީ..."

ހުސާމް ހިނިގަނޑެއްޖަހައިލިއެވެ.

އައްޔާޝް ހިންދިރުވައިލިއެވެ. އޭނަގެ އާއިލާގެ އެއްއުމުރުގެ ޒުވާނުންނާއި އެކުވެރިން ލޯބިވެރިންނާއި ބައިވެރިން ހޯދައިގެން އުފާކުރަމުން ދިޔައިރު އައްޔާޝް އަބަދުވެސް އިންތިޒާރުކުރީ މާތް ސިފަތަކުން ޒީނަތްތެރިކުރެވިފައިވާ އިރުމަތީ އަންހެންކުއްޖަކަށެވެ. ހުޅަނގު އަންހެންކުދިން މިނިވަންކޮށް އުޅޭ އުޅުން އޭނައަށް ކަމުނުދަނީއެވެ. ދެތިން ކުދިން ހަޔާތަށް އައިނަމަވެސް އެކުދިންގެ އުޅުމާއި ގާތްވާން އުޅޭގޮތުން އައްޔާޝް ފޫހިވީއެވެ. ލަދުވެތިކަމާއި އަބުރުވެރިކަން ނެތިއްޔާ އޭނައަށް އެއްގޮތަކަށްވެސް އެކުއްޖަކާއި ގަޔާވެވޭގޮތެއްނުވެއެވެ. އެހެން ހުއްޓާ ޝޭޚު ޔާސިރުގެ ދަރިފުޅު ފެނުމުން ހަޔާތުގެ ބައިވެރިޔަކަށް އެކަށީގެންވާކުއްޖެއް ކަމުގައި ގަބޫލުކުރެވުނެވެ. ފުރަތަމަ އުޅެވުނީ ޝޭޚުއަށް ޖެއްސުމަށް ދާނިޔާ އޭނަގެ ދަންތުރައިގާ ޖައްސާށެވެ. އެމަސައްކަތް ފެށިތަނާ ދީނަށް ހިތް ލެނބި ދާނިޔާއާއި ދުރަށް ދާން ޟަމީރު ވިސްނާދިނެވެ. އޭނަގެ މަންމަވެސް ނުރުހޭނެކަން އެނގިހުރެ އެފަދަ ފިޔަވަޅެއް އަޅަން ނުކެރުނީއެވެ.

***

ހުސާމް އާރިސް އޭނަގެ ކޮޓަރި ގެނެސް ގިޓާ ހިފައިގެން ހެޑްބޯޑަށް ލެނގިލަމުން ލަވައެއްކިޔަންފެށިއެވެ. އާރިސް އެނދުމަތީގައި ހުރަހަށް ކަހަލަގޮތަކަށް މޭމަތީގައި އަތް ބާއްވާލައިގެން ސީލިންއަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. އާރިސް އަދާރާދެކެ ބިރުގަންނަ ވާހަކައާއި އޭނަ ލޯބިވަނީ އައްޔާޝްދެކެ ކަމުގައި ބުނެ ވާހަކަދައްކަން ފެށުމުން ހުސާމްގެ މޫނުގެ ކުލަ ބަދަލުވިއެވެ. ގިޓާ އެއްފަރާތުގައި ބާއްވާފައި އޭނަ އާރިސްއަށް ސަމާލުކަންދިނެވެ. ސްކިޒޮފްރީނިއާއި ބެހޭގޮތުން މައުލޫމާތު ހޯދުމަށްފަހު އޭނަގެ ހިތުގައިވެސް އާރިސްއަށްޓަކާ ހަމްދަރުދީ އުފެދުނެވެ. ހުސްވަގުތުތައް އާރިސްއާއެކު ހޭދަކޮށް އެ ޚިޔާލުތަކުން ނެރެން މަސައްކަތްކުރާނީއެވެ.

ހުސާމް ކާކޮޓަރިއަށް ވަނީ ކޮފީއެއް ބޯލުމަށެވެ. އަދާރާ މޭޒުކައިރީގައި ފޯނާއި ކުޅެން އިންއިރު ކުރިމަތީގައި ހުރީ ހޫނު ޗޮކްލެޓްތަށްޓެކެވެ. ކަޅުކުލައިގެ ފޮތިބޮނޑިއެއް ފިޔަވާ މީހާގެ ހަށިގަނޑުން އެންމެ ތަންކޮޅެއްވެސް ފެންނަނީއެއް ނޫނެވެ. އަތަށްވެސް ލައްވާފައި ހުރީ އެހާ ބޯ އަންގީއެކެވެ. އެކަމަކު ހުސާމްއަށް ޔަގީންވީ އޭނަގެ މޫނަށް އަދާރާގެ ނަޒަރު ހުއްޓުނުކަމެވެ. މޫނު ކުޑަކޮށް އަރިކޮށްލިގޮތުންނާއި ހަރަކާތުން އެކަން ޔަގީންވުމުން ފޫހިކަން އިތުރުވިއެވެ.

"ފަހަރި. ކިހިނެއް ހާލު؟"

"ރަގަޅު އަލްހަމްދުލިﷲ..." އަދާރާގެ އަޑު ކަންފަތުގައި ޖެހުމާއެކު ދެނެފަރިތަ އަޑެއްކަން އެނގުނެވެ. އެތައް އަންހެންކުދިންނާއި ދިމާވެ ވާހަކަ ދައްކާފައިވިޔަސް މާ ކުރީގެ ހަނދާނެއް އޭނަގެ ސިކުނޑީގައި ކޮށްޓަންފެށިއެވެ.

"އަހަންނަށް ހީވަނީ.....ކުރިން ދިމާވެފައި ހުރިހެން.."ހުސާމް ކޮފީތަށި ހިފައިގެން އައިސް މޭޒުގެ އަނެއްފަރާތުގައި ހުރި ގޮނޑީގައި އިށީނެވެ.

"އާރިސްވެސް ދައުވާކުރީ ތިހެން..."އަދާރާގެ ހުނުމުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން އެކުލެވުނެވެ.

"އާރިސްދެކެ ބިރުން އެކޮޓަރިއަށް ނުވަންނަން ތިހުންނަނީ؟" ހުސާމް އެއް ބުމަ އަރުވައިލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު