އަލިފާން ކޮކާލެއްގެ ލޯބި 11

"ހިތް ހަރުވުމުގެ ފަރުވާއަކީ ގިނަގިނައިން ގުރުއާން ކިޔެވުމެވެ."

***

އެ ވަގުތުކޮޅު ޝުވޭކާރުއާއި އުރުސުލާއާއެކު އަރޫޝާވެސް އެކޮޓަރިއަށް ވަނުމުން އަދާރާގެ ހާސްކަން އިތުރުވިއެވެ.

"ތެދެއް އަދާރާ. އަހަންނަކީ އާރިސްގެ ބޮޑުދައިތަ. މިތާ ފިރިހެނެއްވެސް ހުރީއެއްނޫން. މާކްއަކީ އަދި ކުޑަކުއްޖެއް.....އާރިސްގެ އަންހެނުން ފެނުނަސް ވަކިކުރަން އެނގޭނީ މޫނު ފޮތިކޮޅު ނެގީމަތާ......." އުރުސުލާ އެދުނެވެ. އޭނަގެ މޫނުފެނުމުން އެހެން މީހުންނަށް ލިބެނީ ކޯނޗެއްހެއްޔެވެ؟

"އަދާރާ. އާއިލާ މީހުންނަށް ފެނުމަކީ މައްސަލައެއްނޫން..." އަރޫޝާވެސް ބާރުއެޅިއެވެ.

"ނޫން މަންމާ އެހާ ކޮމްފޮޓަބްލްއެއްނޫން. އަޅުގަނޑު އަދި ވަގުތު ބޭނުން..."އަދާރާ ދެކޮޅުހެދުމުން ޝުވޭކާރުއާއި އުރުސުލާ އެކަކު އަނެކަކަށް ބަލައިލީ ފޫހިވެފައިކަހަލަ ގޮތަކަށެވެ. އަދާރާގެ އުޅުމާއި އަމަލުހުރިގޮތާއިމެދު ދެމީހުންވެސް ނުރުހުންވިއެވެ. މިފަދަ ކުއްޖަކު ޅީދަރިއަކަށް ހެދުނުކަމުގެ މޮޔަހީވިއެވެ. މިނަލްވެސް ބުމަ އަރުވައިލުމަށްފަހު ރަކިގޮތަކަށް ހީލިއެވެ. އޭނަ ބޭނުންވީ އެތަނުން އަވަހަށް ދުރަށް ދިޔުމަށެވެ. އަދާރާ އެހާވަރުން ދުނިޔެއަށް ފިލަންވީ ސަބަބަކާއި އަމިއްލަ މޫނު ދައްކަން ޖެހިލުންވާންވީ ސަބަބެއް ދެނެގަންނަން ޝައުގުވެރިވެސްވިއެވެ.

އަދާރާ ކޮޓަރިއަށް ވަނުމުން އަރޫޝާ ފަހަތުންގޮސް ރުޅިވެރިކަމާއެކު އަޑުލައި އެތައް އިންޒާރެއްދިނެވެ. މޫނުމަތީގައި ޖަހަން އަތްވެސް މަޅައިލުމަށްފަހު އަތް ތިރިކޮށްލިއެވެ.

"މިފަދަ ޝަރަފެއްލިބި އަދާރާ މިގެއިން ނިކުންނަން ޖެހިއްޖެއްޔާ މީހުން މަލާމާތްކުރާނެ ވަރު ދަންނާތި. އެފަދަ ދުވަހެއް ފެނިއްޖެއްޔާ އަދާރާއަށް ފެންނާނީ މަގޭ ފުރާނަނެތް މަސްގަނޑު............"އަރޫޝާ ލޯ އަޅައިލިއެވެ.

"އާރިސްއަށް ދެރަގޮތެއް ނަހަދާތި...ނޫނީ......"

"އެންމެ ރަގަޅު..." އަދާރާ ދަތްތައް ބިންދައިގެންދާހާ ރުޅިއައި ނަމަވެސް ކެތްކުރަން މަސައްކަތްކުރިއެވެ.

"މިގޭތެރޭގައި ހުސާމް ހުއްޓަސް އޭނައަކީ ކާކުކަން ދެނެގެން އުޅެންވާނީ. މިގޭގެ ހަގީގީ ދަރިއަކީ އާރިސް. ހުސާމްއަކީ ނާއިބުރައީސް ދަރިއެއްހެން ބަލާބޮޑުކުރި ކުއްޖަކަށްވިޔަސް ކޮން އާއިލާއަކަށް ނިސްބަތްވާ ކާކުކަން އެނގެނީއެއްނޫން. އާރިސްފަދަ ޖަވާހިރެއް ލިބިފައިވަނިކޮށް އެއްލާލާފައި ހިލައެއް ހޮވާނީ މޮޔައެއް. ހުސާމްއާއި އަނގައިން ބުނެގެން ނުވާނެ...."

އަދާރާ އިތުރު އެއްޗެކޭ ނުބުންޏަސް އޭނަގެ ހިތުގައިވާ ހުސާމްގެ ލޯބި ފޮހޭނެ ގޮތެއް ނެތެވެ. ހުސާމްއަކީ އޭނަގެ ލޯތްބެވެ. ފުރާނައެވެ. ހިތެވެ. ހުސާމް އޭނަގެ ހިތް ޗިސްކުރިޔަސް އެހިތުގައިވާ ލޯތްބަށް ބަދަލެއްނާންނާނެއެވެ. އޭނަ އާރިސްއާއި ކައިވެނިކުރި ސަބަބު މަންމައަށް ބުނެދޭނީ ކިހިނެއްހެއްޔެވެ؟ އެހެން އަންހެންކުއްޖެއްނަމަ ހުސާމްއަށް ދުވަހެއްގެ ކޮޅުންވެސް މާފުދޭނެހެއްޔެވެ؟ އެހާ ނިކަމެތިކޮށްލި މީހެއްގެ ފަހަތުން ދުވާނެހެއްޔެވެ؟ އަދިވެސް ހިތް ރޮނީ ހުސާމްއަށްޓަކައެވެ.

***

މާގިނައިރެއް ނުވެ ފަހަރި ނިގާބު ނަގަން އިންކާރުކުރި ވާހަކަ އެކެއްގެ ކަންފަތުންގޮސް ހުސާމްއާއި އައްޔާޝްގެ ކަންފަތަށް ފޯރިއެވެ. އައްޔާޝް ދެކުނީ ސޯލިހު އަންހެންކުއްޖަކަށްވުމުން ކަމުގައެވެ. ހުސާމް ޖޯކުޖެހިއެވެ. މޫނު ނުދައްކާނީ ކޮންމެވެސް ކަމެއް ފޮރުވަން ކަމުގައި ބުނެ މަލާމާތްކުރިއެވެ. ނިގާބީ އަންހެންކުދިން ފެނުމުން ފޫހިވާ ކަމަށާއި އާރިސްގެ ނަސީބާއިމެދު ހިތާމަކުރާކަމުގައި ބުނެލިއެވެ. އާރިސް އެފަދަ އަންހެންކުއްޖަކާއި ކައިވެނި ކުރަން ބޭނުންވީ އަދި އެކުއްޖާއާއި ބެހޭގޮތުން މާ ގިނަ އެއްޗެއް އެނގިގެން ނޫނެވެ. ކުޑައިރުގެ އެކުވެރިޔާކަމަށް ހީކުރެވި އޮޅުން އަރައިގެންނެވެ.

***

އާރިސްގެ ކޮޓަރީގެ ތަނަވަސްކަމާއި ޒީނަތްތެރިކަން ފެނި އަދާރާ އާޝޯޚުވިއެވެ. މަންމަމެން ދިރިއުޅޭ އެޕާޓްމެންޓަށްވުރެވެސް ބޮޑުކަން ނޭގެއެވެ. އެރެއަށްޓަކާ އެނދުމައްޗަށް ރަތްކުލައިގެ ފިނިފެންމަލުގެ ފިޔަތައް އުކާފައި ކުދިކުދި އުއްބައްތިތަކުން ޒީނަތްތެރިކޮށްފައިވާއިރު ނިކަން ޗާލެވެ. ހުޅުކޮޅުތައް ނަށައިލާއިރު ފަނޑު އޮރެންޖް އައްޔެއް އެތަނަށް ދީފައިވިއެވެ. ލުއި މީރުވަހެކެވެ. އޭނަ ހިތްއެދޭފަދަ ރީތި ރެއަކަށްވިޔަސް ހަޔާތުގެ ބައިވެރިޔާވީ އޭނަ ގެ ލޯބިވެރިޔާގެ ކޮއްކޮއެވެ. އެގުޅުމަށް ހިތްއެދޭނީ ކިހިނެއްހެއްޔެވެ؟ ކޮޓަރިން ނިކުމެގެން އައި އާރިސް ހުރީ ހުދު ޓީޝާޓަކާއި ނޫ ޖިންސެއްލައިގެންނެވެ. އަދާރާ ފެނުމުން ކުޑަކޮށް ހާސްވެފައި ދުރަށް ބަލަންފެށިއެވެ.

"އާރިސް. އަހަރެން ވާހަކައެއް ބުނެލަން ބޭނުން..." އަދާރާ ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ.

"ޓެލް މީ..." އާރިސް މަޑުމަޑުން ނިތްކުރީގައި ހިފެހެއްޓިއެވެ. ކޮންމެވެސް އުދަގުލެއް ވެގެން އުޅޭފަދަ ގޮތަކަށެވެ. ކުއްލިއަކަށް ސިހިފައި ވަކި ދިމާލަކަށް ބަލައިލިގޮތުން މީހަކު ފެނުނުހެން ހީވިއެވެ.

"އަހަރެން މި ކައިވެނިކުރީ މަޖުބޫރުވެގެން. މަންމަ ފޯސްކުރީ. އާރިސް ކުޑައިރުގެ އެކުވެރިޔާކަމުގައި ބުންޏަސް އެހަނދާނެއްނުވޭ. ބީޗަށް ދިޔަ ހަނދާނެއްވެސް ނުވޭ. ތިބުނާ ރެދަން ލީ ބީޗެއްގެ ފޮޓޯތައް ދެކެން އެކަމަކު މާޒީގެ ހަނދާނެއް ނުވި. ފަހަރެއްގައި އާރިސްގެ ޗައިލްޑްހުޑް ކްރަޝްއަކީ އަހަންނެއްނޫން. ސަބަބަކީ........ސޮރީ މިގޮތަށް ވީމަ. އަހަރެން އާރިސްއަށް މަކަރު ހަދާކަށް ނޫން. އެކަމަކު ހަގީގަތް ބުނެފާނަން. ތިއީ ވަރަށް މާތް ކައިންޑް ބޯއިއެއްހެން ހީވޭ. އަހަރެން ލޯބިވަނީ އާރިސްގެ ބޭބެއެއްދެކެ. އަހަރެން އޭނައާއި ކައިވެނިކުރަން ރަންކިޔާ ހުރިހާކަމެއް ނިމި ކައިވެނި މޭޒުދޮށަށް އޭނަ ނައީ....އެކަމަކު އަދިވެސް ހިތުން އެކަން ފިލުވައެއް ނުލެވޭ.އަހަރެން ވަރަށް ލޯބިވޭ އެހާ ނިކަމެތިކޮށް ދެރަކޮށްލީމަވެސް އޭނަ ފެންނަ ހިސާބުގައި އުޅެން ބޭނުންވަނީ. އާރިސް އަހަންނަށް މާފުކުރޭ...އެކަމަކު އަހަރެން މިގޭގައި ހުރިޔަދީ ނޫނީ މަންމަގެ ފުރާނަ...މަންމަ އަމިއްލައަށް މަރުވެދާނެ...ޕްލީޒް....އާދޭސްކޮށްފައި މިބުނަނީ. އަހަރެން ކޮންމެވެސް މަގެއް ހޯދަންދެން މިކަން ސިއްރުކޮށްދީ......" އަދާރާ އާދޭހުގެ ނަޒަރަކުން ބަލަންހުރެ ހިތް ބަންޑުންކޮށްލީ އާރިސްގެ ލޮލުގައިވި މައުސޫމްކަމާއި ހިތްހެޔޮކަމަށް އިތުބާރުކޮށްފައެވެ.

"މްމްމް...އަހަންނަށް ޖާސޫސްކުރަން ތިއައީ؟ އައި ތިންކް......" އާރިސް ވަށައިގެން ނަޒަރު ހިންގައިލުމަށްފަހު ކުއްލިއަކަށް ބުމަކައިރިކޮށްލިއެވެ. އަދި ނިކުމެގެން ދާން ހިނގައިގަތެވެ.

އަދާރާ ފަހަތުން ނުކުތްއިރު އޭނަގެ ހިތް ބިރުން ރޫރޫ އަޅަނީއެވެ. އާރިސް ރުޅިއައީހެއްޔެވެ؟ އޭނަގޮސް އެންމެންގާތު އެ ސިއްރު ފާޅުކުރާނެއެވެ. ސުބުހާނަﷲއެވެ. އާރިސް ދަސްވާންދެން މަޑުކޮށްލެވުނުނަމައެވެ.

އާރިސް ކޮރިޑޯއިން ނިކުތްވަގުތު އޭނަގެ މަންމަ އެދިމާލުން އަންނަތަން ފެނުނެވެ.

"އެކޮޓަރީގައި ތިބި މީހުން ވަރަށް އެއްޗެހި އެބަކިޔާ..."

"ކޮންބަޔެއް ދަރިފުޅާ؟"

"ނޭގޭ. އެމީހުން ބުނަނީ ވަރަށް ބޭޑް މީހެކޭ. ބޭކާރު މީހެކޭ. އަޑު ގަދަކަމުން ބޮލަށް އުދަގޫވެގެން މިއައީ.މިރޭ އެހެން ކޮޓަރިއެއްގައި ނިދާނީ..."

"ދަރިފުޅު..."ޝުވޭކާރު ހާސްކަމާއެކު އަދާރާއަށް ބަލައިލިއިރު އޭނަވެސް ހުރީ އިސްޖެހިފައެވެ. އަދާރާއަށް އާރިސް ދެއްކި ވާހަކަތައް އެހާ ނަގައި ނުގަނެވުނެވެ. ހީކުރީ އާރިސް އެބުނީ އޭނަ އެއްޗެހި ކީކަމުގައެވެ.

"އަދާރާ. އިހަށް ކޮޓަރިއަށް ދޭ..އާރިސް އަދި ނުވެސް ކައިހުރީ....."

"އެންމެ ރަގަޅު.."އަދާރާ ހިތާއި ދެކޮޅަށް ކޮޓަރިއަށް ވަނަސް ހިތުގައި ބިރުވެރިކަން ވަކި ހިއްޕާލާފައިވިއެވެ. މަންމަ ގެނެސްފައި ހުރި އޭނަގެ ދަބަހުން އެއްޗެހި ނަގައިގެން ހެދުން ބަދަލުކޮށްލުމަށްފަހު ސޯފާއަށް އަރާ އޮށޯތްއިރުވެސް އާރިސްގެ ޚަބަރެއްނުވިއެވެ. ބޭބެދެކެ ލޯބިވާ ވާހަކަ ބުނުމުން އާރިސް ގަންނާކުރެއްވި ބިރުން ފިލައިގެން އެހެން ގުރަހައަކަށް ހިޖުރަ ނުކޮށްފިއްޔާ ރަގަޅެވެ. އެކި ޚިޔާލުތަކުގައި އޮތްއިރު ނިދީގެ އެއްވެސް އަސަރެއް އޭނަގެ ލޮލުގައިނެތެވެ. ބޮލާއެއްކޮށް ރަޖާ އޮޅައިގެން އޮވެ ވިސްނަމުން ދިޔައީ ހުސާމްގެ ލޯބި ހާސިލުކުރާނެ ގޮތަކާއިމެދުގައެވެ.

***

ޝުވޭކާރުގެ ގާތް އެކުވެރިޔާ ފަރަހްނާޒްގެ ފިރިމީހާ ޑޮކްޓަރ މަޚުތޫމްއަކީ ނަފްސާނީ ޑޮކްޓަރަކަށްވުމުން އާރިސްގެ ބަލި ހާލަތުގެ ވާހަކަ ކިޔާދޭން ޝުވޭކާރު ނިންމިއެވެ. މަޚުތޫމް އާރިސްއާއި ގަޑިއެއްހާއިރުވާންދެން ވާހަކަދެއްކުމަށްފަހު ޝުވޭކާރު ކެބިންއަށް ގެނެސް އާރިސްގެ ބަލި ބުނެދިނެވެ.

"ސްކިޒޮފްރީނިއާއޭ؟" ޝުވޭކާރުއަށް ޝޮކެއްލިބުނެވެ.

"ލައްބަ. ޕެރެނޮއިޑް ސްކިޒޮފްރީނިއާގެ ހުރިހާ ސިމްޕްޓޮމްސްތައް އެބަހުރި...އަޑުތައް އިވުމާއި ހެލުސިނޭޝަންސް އަދި ޝައްކުކުރުންފަދަ ކަންތައްތައްވެސް. އެހެންވީމަ އަޅުގަނޑު ބޭހެއްދޭނަން........"

ޝުވޭކާރުގެ ހިތް ފަޅައިގެން ދިޔައެވެ. ނަފްސާނީ ބަލިތަކުގެ ތެރެއިން އެންމެ ބާކީކޮށްލާ ލޭބަލްކޮށް މީހުން ބިރުގަންނަ އެއްބައްޔަކީ މިއީކަން އޭނަ ދަނެއެވެ. މޮޔައެކޭވެސް ކިޔައިފާނެއެވެ. އެމީހެއްގެ ދަރިއަކަށް އެފަދަ ބައްޔެއް ކުރިމަތިވުމަށް އެދޭނީ ކާކުހެއްޔެވެ؟ އާރިސްއަށް އެބަލި ވާރުތަވާންވީ ކީއްވެހެއްޔެވެ؟އެ އާއިލާގައިވެސް އެފަދަ މީހަކު ހުރިކަމަކަށް އެނގިފައެއްނުވެއެވެ. ޝުވޭކާރުގެ ލޮލުން ޗިސްލާފައި އޮހިގަތް ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމެން ފެށިތަން ފެނި މަޚުތޫމްގެ ހިތް ހަމްދަރުދީއިން ފުރުމާއެކު ޓިޝޫ ދިއްކޮށްލިއެވެ.

"އައިމް ސޮރީ...."

"މިބޭހުން ރަގަޅުވާނެކަމުގެ އެއްވެސް ޔަގީންކަމެއް އެބައޮތްތޯ؟"

"ސްކިޒޮފްރީނިއާގެ ފަންސަވީސްޕަސެންޓް މީހުން އެއްކޮށް ރަގަޅުވޭ. މަދު ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ހިސާބަށް ބަލި ހާލަތުގޯސްވޭ. ކުރީކޮޅު ފަރުވާދެވިއްޖެއްޔާ ރަގަޅުވާނެކަމުގެ އުއްމީދުބޮޑު. އަދި ތެރަޕީވެސް ބޭނުންވޭ..........."

ޝުވޭކާރުގެ ކަރުނަތައް ހުއްޓުމަކަށް ނައެވެ.

އެކްލިނިކުން ބޭރަށް ނުކުތްއިރު އައްޔާޝްއާއި އާރިސް މަންމަގެ އިންތިޒާރުގައި ރިސެޕްޝަނުގައި މަޑުކޮށްލައިގެން ތިއްބެވެ. ޝުވޭކާރު އަވިއައިނު ލޮލުގައި އެޅީ ޝުއޫރުތައް ފޮރުވުމަށެވެ. އޭނަގެ ލޯބިވާ ދަރިފުޅުގެ ބަލި އެނގުމުން ހިތް ހަލާކުވެ ބަޔާންނުކުރެވޭފަދަ ރިހުމެއް އެތެރެހަށީގައި އުފެދިއްޖެއެވެ. އާރިސްއަށް ހަގީގަތް އެނގުމުން ވާނީ ކިހިނެއްހެއްޔެވެ؟ ދަރިފުޅުގެ ގާތުގައި ބުނަންވީހެއްޔެވެ؟ ފަހަރެއްގައި އާރިސް ހަގީގަތް ގަބޫލުކޮށްފާނެއެވެ. ނަމަވެސް ބަލިގޯސްވާއިރު ހަގީގަތާއި ޚިޔާލީ ދުނިޔެ ދެނެގަންނާކަށް ނޭގޭނެއެވެ.

***

ކާރު ރަގަޅަށް ޕާކް ނުކުރެވެނީސް ޝުވޭކާރު ކާރުގެ ދޮރު ހުޅުވާލާފައި ހިނގައިގަތްގޮތުން އައްޔާޝް ކަންބޮޑުވިއެވެ.

"މަންމަ ރޮއިފަ ދޯ ހުރީ؟" އާރިސް ސުވާލުކުރިއެވެ. އެމޫނުމަތިން އިތުރު ޝުއޫރެއް ނުފެނުނެވެ.

"އާނ....އެހެން ހީވީ..."

"ޑޮކްޓަރ ބުނި އެއްޗަކުން މަންމަ ހާސްވީ. ދޮންބެއަށް އެމީހާ މަންމަ ގާތު ބުނި އެއްޗެއް އެނގުނުތަ؟"

"މަންމަ ކައިރިން އަހަން ޖެހޭނީ.."

"އެއީ ޑޮކްޓަރެއްނޫން. ސިކްރެޓް އެޖެންޓެއް......" އާރިސް ނުރުހުމާއެކު ބުމަ ގާތްކޮށްލިއެވެ."އަދި ދޮންބެއަށް އެނގޭތަ؟ މަންމަމެން މަޖުބޫރުކޮށްގެން އަދާރާ މެރީ އެކުރީ. ހީވާގޮތުން ފާރަލާންވެގެން އެހެންވެ އެ ކޮޓަރީގައި ހުންނަން ބޭނުމެއްނޫން. އަދާރާ ބުނި އެއްޗެއް އެނގޭތަ؟"

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު