"ތިއީ ޚާއްސަ އަދި ޔުނީކް ފަރާތެއްކަން އެނގޭހެއްޔެވެ؟ ކައުނު ކުރިއަށްވުރެވެސް ރަގަޅުތަނެއްކަމުގައި ވަނީ ކަލާ މިތަނުގައި ދިރިއުޅޭތީއެވެ."

***

ލައިކާއަށް އާޔާ އައިސްކްރީމްއާއި ފްރޮސްޓީ މާ ގިނައިން ކާންދެނީ ދޯ. އެކަން ހުއްޓާލާފައި ކަސްރަތުކުރުވަން ގެންދަން ޖެހޭ. އޭގެފަހުން ލައިކާގެ ސްޓޯރީ ނޫހުހައި ޖެހީމަ އެހެން މީހުން އިންސްޕަޔާވާނެ..ސަތޭކަ ކިލޯއިން ސާޅީހަށް ދާއިރު ލޫޅާފަތިކަމުން އެހެން މީހުން ޖޭވެގެން މަރުވާނެކަން ޔަގީން.........." ކާއިނާތު ހިތަށް އެރި އެއްޗެއް ދިމާލަށް ބުނެލަން ފަހެއްނުޖެހޭނެއެވެ.

"ކާކު ޖޭވެގެން މަރުވީ؟ ހާދަ ވަސްގަނޑު ރަގަޅޭ...." ލައިކާ ނޭފަތް ދަމައިލިއެވެ.

"ކައި ނިމިއްޖެ. ހަކުރުނާޅާ ކަޅުކޮފީއެއް ލިބިދާނެ.."ކާއިނާތު ސީރިޔަސްވިއެވެ.

"އޭނ؟" ލައިކާ އައިނު ރަގަޅުކޮށްލަމުން ތުންފިތައިލިއެވެ. އެހީއަކަށް އެދި ބަލައިލެވުނީ އާޔާއަށެވެ.

"އާޔާ މަގޭ ގާތް އެކުވެރިއަކަށް ވެއްޖެ. އެހެންވީމަ ދެން މިތާ ހިނގާނީ މަގޭ ރޫލްސް. އޭގެ ތެރޭގައި ލައިކާއަށް މިތަނުން ފެނާއި ކަޅުކޮފީ ނޫން އެހެން އެއްޗެއް ލިބެން ނެތް...." ކާއިނާތު ދަތްދޮޅީގައި އަތް ވިއްދާލިއެވެ.

"އޯ......."ލައިކާ އިސްޖެހިއެވެ. ބުނާނެ އެއްޗެއްވެސް ނޭގުނެވެ.

އެވަގުތު ކާއިނާތުއަށް ފޯނެއް އައިސްގެން ދާން ހިނގައިގަތުމުން ރޮވިފައި އިން ލައިކާގެ ބުރަކަށީގައި އާޔާ ފިރުމައިލިއެވެ."ނޯ ވޮރީސް. އޭނަ ނެތްގަޑިއެއްގައި އަހަރެމެން ދެމީހުން ރަގަޅަށް ކައިލާނީ. ކޯނޗެއް ބޭނުމީ؟"

ލައިކާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ. އިރުގަނޑެއް ނުވަނީސް ލައިކާ ފްރޮސްޓީ ތަށްޓަކާއެކު ޕިއްޒާ ދެތިން ފޮތި އަދި ބާގާއެއް ހިފައިގެން އައިސް ބަނޑަށް ޖެހިފައިވާކުއްޖެއްހެން ކާންފެށިއެވެ. އެހާވަރުން ކާއެއްޗިއްސާއިހެދި އުޅޭކުއްޖަކު ހުއްޓުވުމަކީ އިންސާފެއް ނޫނެވެ. ދުނިޔޭގައި ހުރިހާ ވައްތަރެއްގެ އިންސާނުން އުޅެން ޖެހޭނެކަމާއި ބަލަން ޖެހެނީ އެމީހާގެ ސިފައަށް ނޫންކަމުގައި އާޔާ ގަބޫލުކުރެއެވެ. ފަލަވިޔަސް ހިކިވިޔަސް އޭނަގެ އެކުވެރިންގެ ހިތް އެންމެ ރަގަޅަށް އެނގެނީ އޭނައަށެވެ. ރަހުމަތްތެރިންގެ ތެރޭގައި ދެވައްތަރުގެ ކުދިންވެސް އުޅޭއިރު އޭނަ ދުވަހަކުވެސް އެއިން ކަމަކަށް ފާޑުކިޔާފައި އެއްޗެކޭ ނުބުނެއެވެ.

***

ނަރުގިސްއާއި ދެދަރިންކަމަށްވާ އަދްރިއަންއާއި އާޔާ މޭޒުދޮށުގައި ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން ތިއްބެވެ. އަދްރިއަން ޕޭންކޭކަށް މޭޕްލް ސިރަޕް އަޅައިގެން ކަމުން ދިޔައިރު އާޔާ ކެއީ ޗީޒް ޕާނާއި އޮމްލެޓެކެވެ.

"އަޅުގަނޑަށް އާ ފްރެންޑެއް ލިބިއްޖެ..." އާޔާ ޚަބަރެއްދިނެވެ.

"ކާކުތަ؟ ވަރަށް ސްޕެޝަލް ފްރެންޑެއްހެން ތި ޚަބަރު އިއްވީ..ދޮންބެއާއި މީޓްކޮށްދޭންވާނެ.........." އަދްރިއަން ބުނެލިއެވެ. އަދްރިއަންވެސް އާޔާފަދައިން އިސްކޮޅުން ދިގުވެފައި ކަސްރަތީ ހަށިގަނޑެއް ލިބިފައިވެއެވެ.

"ކާއިނާތު.. މަޝްހޫރު ޖާނަލިސްޓެއްނު..."

"އެއްކަލަ ދޮގު ޚަބަރު ގެނެސްދޭ ކުއްޖާ ދޯ. ދޮންބެވެސް އޭނައާއި ފްރެންޑް. ކުރީދުވަހުވެސް ސައިރަސް އަންނަ ވާހަކަ ބުނަންވެގެން ގުޅި. އަދި ކުރީ ދުވަހު ޒުހަލް ދަންޖެހިގެން މަރުވި ވާހަކަ ބުނެފައި ފޮޓޯވެސް ފޮނުވި އެކަމަކު ނިމުނުއިރު އެ ޚަބަރުވެސް ދޮގަކަށް ވީމަ ކާއިނާތުއަށް އިތުބާރުކުރުން ހުއްޓާލައިފިން. އެކަމަކު ގޯސްކުއްޖެއްވެސް ނޫން. ތަރިތަކުގެ އިލްމަށް މޮޔަވެފައި ހުންނަ ކުއްޖެއްވީމަ ލައިކްވެސް ވެވޭ. ބައެއްފަހަރު ހިތަށް އަރާ އެގޮތަށް ދޮގުހެދުމުގެ ސަބަބުން އިބުރަތަކަށްވާ ވަރުގެ ލަނޑެއްވެސް ލިބިދާނެއޭ. ވަރަށް ތަފާތު ކުއްޖެއް......."

"ކެއަރފްރީގޮތެއްވެސް ހުރޭ.."

"މަންމަގެ ދެ ދަރިންގެ އެކުވެރިއެއްވީމަ ތި ކުއްޖާއަށް ދައުވަތުވެސް ދޭންވާނެ..ތިކުއްޖާއާއި ބައްދަލުކުރާހިތްވެއްޖެ........"ނަރުގިސްގެ ހިތުގައި އެހެން ކަހަލަ ޝައްކެއް ހިނގައިގަތެވެ. އެ އަންހެންކުއްޖާ އޭނަގެ ދަރިފުޅުގެ ހިތް އަތުލީހެއްޔެވެ؟ އަދްރިއަން އަންހެންކުއްޖެއްގެ ވާހަކަ މަންމަ ގާތުގައި އަލަށް ދެއްކުމުން އެނގުނީ އެކުއްޖާ ޚާއްސަވަރެވެ. އެހެނޭ ކިޔާފައި އަދި އެކުއްޖާގެ ހަގީގަތް ބަލާނުލާ ޅީދަރިއެއްގެ ގޮތުގައި ބަލައިގަންނަން އޭނަގެ ޟަމީރު ހުއްދައެއް ނުދޭނެއެވެ. ހަޔާތުގެ ބައިވެރިން ހޯދުމުގައި ދަރިންނަށް މިނިވަންކަން ދީފައި އޮތަސް އެކުއްޖަކީ އެކަށީގެންވާފަދަ ކުއްޖެއްތޯވެސް ބަލައިލުމުގައި ގޯހެއް ނެތެވެ.

"އެކަމަކު އަދި އަހަރެމެން ދެމީހުން ފޯނުން ނޫންގޮތަކަށް ވާހަކަދެއްކިފައެއްނެތް.. އަހަރެން އަޑު ތޫލިކޮށް ދެއްކީމައާއި ނަން ބުނީމަ އެޑްރިއާނާއޭ ބުނިކަމަށް ހީކޮށް މަށަށް ގޮވާ އުޅެނީ އެނަމުން. އޭނަ ހީކުރަނީ އަހަންނަކީ ގާލްއެއްކަމަށް.........."އަދްރިއަން ކުޑަކޮށް ހެމުން ބުނެލިއެވެ.

"ވަޓް؟" އާޔާ ލޯބޮޑުކޮށްލިއެވެ.

"އާދް......އެކަމަކު..." ނަރުގިސް ބޭރުފުށުން ރުޅިއައިކަމަށް ހެދުނަސް ހިތަށް ލިބުނު ފިނިކަން ބަޔާންކޮށެއް ނުދެވޭނެއެވެ. ނުދަންނަ ގޮތްނޭގޭ ކުއްޖަކާއި ރައްޓެހިވެގެން ގެއަށް ގެނައުމަށްވުރެ އެކުއްޖެއްގެ އާއިލާއާއި މިޒާޖާއި އުޅުން ދަނެގެން ކައިވެންޏާއި ހަމަޔަށް ދިޔުން ބުއްދިވެރިއެވެ.

"އޭނަ އަމިއްލައަށް އެހެން ނިންމީ. އަސްލު ވީގޮތަކީ ކާއިނާތު ގުޅުމުން އަހަރެން ހީކުރީ އެހެން ގާލްއެއްކަމަށް. ޖެއްސުމަށް އަންހެން އަޑަކުން ވާހަކަދެއްކުނީމަ އެފަހުން ފްރެންޑްވެވުނީ. އޭނަ ބޭނުންވީ ނޯވާ ނޫހުން ކުއްޖަކާއި ފްރެންޑްވެ އެގޮތަށް ސްޓޯރީސްތައް ޝެއާކުރަން ކަމުގައި ބުނީ....އެގޮތަށް ގުޅުން ކުރިއަށް އައީ.އާޔާއާއި ކިހިނެއް ދިމާވީ؟"

އާޔާ އޭނަގެ ދޮންބެއަށް ކާއިނާތުއާއި ބައްދަލުވީގޮތް ކިޔައިދޭންފެށިއެވެ.

އެންމެން އެކި ވާހަކަތަކުގައި ތިބެ ނާސްތާ ނިންމާލާފައި ތެދުވުނެވެ.

***

ޒުހަލްގެ ހާލަތު މަޑުމަޑުން ރަގަޅުވަމުންގޮސް ވާހަކަދެއްކޭވަރު ވުމުން ފުލުހުން ބަޔާން ނަގަން ދިޔައެވެ. ޒުހަލް ދަންޖެހުނީ އަމިއްލައަށް ނޫންކަމާއި އެކުވެރިއަކު އޭނަ މަރައިލަން ދިން ހަމަލާއެެއްކަން އެނގުމުން އެންމެނަށް ޝޮކެއްލިބުނެވެ. އެފަދަ ހަމަލާއެއް ދޭންވީ ސަބަބެއް އެކަކަށްވެސް ވިސްނައިގަންނާކަށް ނޭގުނެވެ. ޒުހަލްއަށްވެސް އެކަން ވަނީ ނޭގުމުގެ ތެރޭގައެވެ. އޭނަ ކޯކްތަށި ބުއިމަށްފަހު ހެޔަށްގޮތެއްވާން އުޅުނުކަން އެނގުނު ކަމަށާއި ހޭލެވުނީ ހޮސްޕިޓަލުގައި އޮތްވާކަމުގައި ޒުހަލް ބުންޏެވެ. އެކުވެރިޔާ އެ ކޯކްތަށްޓަށް އެއްޗެއް އަޅާފައި ހުރެދާނެކަމާއިމެދު ޝައްކުކުރެވުުނީ އޭނަ އެ ބުއިމަށްފަހު އައި ބަދަލުތަކުންނެވެ. ޒުހަލްގެ އެކުވެރިޔާ ބުނީ އޭނަ ޒުހަލްއަށް ގެއްލުމެއްދޭން ހިތަށްވެސް ނާރާކަމަށެވެ. ޒުހަލްގެ ސިކުނޑީގައި އެފަދަ ވާހަކައެއް ރާވާލާން ޖެހުނު ސަބަބެއް އޭނައަށް ނޭގޭކަމުގައި ބުނީ ހައިރާންވެފައެވެ. ހެއްކެއް ނެތުމުން އެކުވެރިޔާ ދޫކޮށްލަން ޖެހުނީއެވެ. އެހިސާބުން އަސަލް އަޒުމް ކަނޑައެޅީ އެ ވާހަކައިގެ ހަގީގަތާއި ހަމަޔަށް ފީނަން ކިތަންމެ ބުރަ މައްސަކަތެއްކުރަން ޖެހުނަސް އޭނަ އެކަން ކޮށްފައި ނޫނީ ނުހުއްޓުމަށެވެ.

***

އެއްވެސް އިންސާނަކަށްޓަކާ ފަޅިސިކުންތު މަޑުޖެހުމެއްނެތި ވަގުތު އޭގެ ވާޖިބު އަދާކުރަމުން ދިޔައެވެ. އަވަދިނެތް ދިރިއުޅުމުގެ ސަބަބުން ބޭނުންވާ ގިނަ ކަންތައް ކުރުމުގެ ފުރުސަތު ނުލިބި ވަގުތު ދާލެއް އަވަސްކަމުން ގަޑި އަވަސްވަނީކަމުގައި ބައެއްމީހުންނަށް ހީކުރެވެއެވެ. ދިރާސާކުރާ މީހުން އެއަށް ކިޔަނީ "ޓައިމް ޕްރެޝާ"އެވެ. އެއީ ސްޓްރެސްއާއިއެކު އެކީގައި ދާ އެއްޗެކެވެ. ދެމަސް ފާއިތުވީއިރު ކާއިނާތުގެ ދިރިއުޅުމަށް އިތުރު ބަދަލެއް ނާދެއެވެ. ހެދުނު ތެދުވެ ވަޒީފާއަށް ދާން ތައްޔާރުވުމަށްފަހު ދުވާލު ބޮޑުބައި ހޭދަކުރެވެނީ ކައުނު ނޫހުގެ މުވައްޒަފުންނާއެކުގައެވެ. ހަވީރު ނޫނީ ރޭގަނޑު އެކުވެރިންނާއި އާއިލާއަށް ކޮންމެވެސް ވަރެއްގެ ވަގުތެއް ދެވުނަސް ރޭގަނޑު އަށެއް ޖެހުމުން އަމިއްލަ ނަފުސާއި އޭނަގެ ފަލަކީ ދުނިޔެއަށް ނޫނީ ވަގުތު ދޭން ހިތް ނޭދެއެވެ. އޭނައާއި ސައިރަސްގެ ޚިޔާލީ ލޯބީގެ ވާހަކައިގެ ސަފުހާތައް ލިޔުމަށް ދޫކޮށްލެވޭ ވަގުތުތަކެވެ. އެހެން މީހަކު އެދެމީހުންގެ ހަޔާތުގެ ސަފުހާތަކަށް ވައްދަން އޭނަގެ އެއްވެސް ޝައުގެއްނެތެވެ.

ހަނދު އޭގެ އެންމެ ފުރިހަމަ ކަމާއެކު ބިމަށް އަލީގެ ވާރޭ ވެއްސަމުން ދިޔައިރު އަސަލްއާއި ކާއިނާތު ގޮނޑުދޮށުގައި ކެއުމަކަށް އިންސާފުކުރަން ތިއްބެވެ. ރަތްކުލައިގެ އުއްބައްތީގެ ހުޅުކޮޅާއި އެކު ހަނދުވަރުގެ ރީތި އަލީގައި ކާއިނާތު ފެންނަލެއް ފުރިހަކަމަކުން އަސަލްއަށް ކަޅިވެސް ޖަހާނުލާ ބަލަން އިނދެވުނެވެ. އަސަލް ބުނިގޮތުން އެގޮތަށް އެކަކު އަނެކަކުގެ ލޮލަށް ގިނައިރު ބަލަން ހުރުމުން ލޯބި އިތުރުވެ ގުޅުން ވަރުގަދަވާނެއެވެ.

"އެކަމަކު މިނިޓެއްހާއިރަށް ބަލަން ޖެހޭނީ. ސަބަބަކީ އަހަރެމެންނަށް މި ބެލެނީ އަސްލު މީހާގެ ފުރާނައަށް. އެކަން ކާއީ ދަންނަންތަ؟" އަސަލް ގެ ރީތި ދެލޯ އަދިވެސް ހުއްޓިފައިވަނީ އޭނަގެ މޫނަށެވެ.

"މާގިނައިރު ބެލުމުން ކިހިނެއްވާނެ؟"

"ބައެއްފަހަރު ހެލުސިނޭޓްވާން ފަށާފާނެ އިނގޭ. އަހަރެން ކާއީއަށް ބަލާ ބަލާ ފޫއްސެއްނުވޭ. ކާއީއަށް އެނގޭތަ؟ ތި ލޮލުގެ ރީތިކަން. ފަލަކުން ދެތަރި ގެނެސް ލޮލުގެ ބަދަލުގައި ހުރިފަދަ. އެހާ ވިދާ ރީތި ލޮލެއް......"އަސަލްގެ ޖުމްލައިން ކާއިނާތުއަށް އުފާވެރިކަމެއް ލިބުނެވެ. ތައުރީފަކީ ކޮންމެ އަންހެންކުއްޖަކުވެސް ބޭނުންވާ އެއްޗެކެވެ. ބީރައްޓެއްސެއްގެ ފަރާތުންވިޔަސް ހެވެވެ.

"މިހާރުވެސް އަސަލް ވަރަށް ލޯބިވަމެއްނު...އިތުރަށް ވަންޏާ މޮޔަވެދާނެ..."ކާއިނާތު ކަންބޮޑުވިއެވެ. ހަގީގަތް ފާޅުކުރާނެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. އޭނަގެ ލޯތްބަކީ އަސަލްއެއް ނޫނެވެ.

"ވިލް ޔޫ މެރީ މީ ކާއީ؟" އަސަލް މުށް ހުޅުވައިލަމުން ނެގި އަނގޮޓިއަށް ނަޒަރު ހުއްޓުމާއިއެކު ކާއިނާތު ސިހޭގޮތްވިއެވެ. އޭނަ ފަހަރެއްގައިވެސް އަސަލްގެ ފަރާތުން އެފަދަ ހުށަހެޅުމަކަށް އުއްމީދުކޮށްފައެއްނެތެވެ.

"މަންމަ ގަބޫލުނޫނޭ ކިޔާފައި ކިހިނެއްތިހެދީ؟" ކާއިނާތުގެ ހިތް ފިނިވާގޮތްވިއެވެ.

"އެއީ ހަގީގަތެއްނޫން. އަހަންނަށް އޭރު ކައިވެނިކުރަން ފަސޭހަ ނުވީމަ މަންމަގެ ބޮލުގައި އަޅުވައިގެން އުޅެވުނީ. މަންމައާއި ޒުހަލްގެ ނަފްސާނީ މައްސަލަތަކެއް ހުރުމުން ކާއީއަށް އަހަރެންގެ އާއިލާއާއިއެކު އުޅެން އުދަގޫވެދާނެތީ ބޭނުންނުވީ. އެކަމަކު މިހާރު މަންމަގެ ކަންތައް ކޮށް އެކީގައި އުޅޭނެ ކުއްޖަކު ހޯދައިފިން. އެހެންވީމަ އަހަންނަށް ކާއީއަށް ވަގުތުދެވޭނެ ދޯ..މަންމައާއި ބައްދަލުކުރުވަން ގެއަށް ގެންދަންވެސް ބޭނުން. މަންމަ ވަރަށް ސްވީޓްވާނެ އަނެއްހެން. ކާއީ ލޯބިވާނެކަން ޔަގީން. އަދި މަންމައަށްވެސް ކާއީ ކަމުދާނެ........" އަސަލް އަދިވެސް އިނީ އަނގޮޓި ދިއްކޮށްލައިގެންނެވެ. ކާއިނާތުގެ އަތުގައި މަޑުމަޑުން ހިފަހައްޓައިލުމުން އަތް ދަމައިގަނެވުނެވެ.

"ސޮރީ އަސަލް. އައިކާންޓް. އަދި މިހާ ބޮޑު ކޮމިޓްމެންޓަކަށް ރެޑީއެއްނޫން..." ކާއިނާތު އެސްފިޔަތައް ތިރިކޮށްލިއެވެ. މިހުރިހާ ދުވަހު ހިތުގައި ހުރި ޖުމްލަތައް އެންމެ ސިކުންތުކޮޅެއްގެ ތެރޭގައި ބަންޑުންކޮށްލެވިއްޖެއެވެ.

އަސަލްގެ މޫނަށް އެތައް ޖަޒުބާތުތަކެއްވެރިިއެވެ. ހިތާމައާއި މޮޅިވެރިކަން ލަދުވެތިކަން އަދި ހައިރާންކަމެވެ. އިވުނު އަޑު ގަބޫލުނުކުރެވުނު ފަދައެވެ. އަސަލްގެ މޫނަށް އެރި ކުލަތައް ފެނި ކާއިނާތުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

"އަސަލް. ވައި ދަ ލޯންގް ފޭސް؟ އަދި ރުޅިވިއެކޭވެސް ނުބުނަން. ދުނިޔެ ހުސްވީއެއްނޫނޭ. މިހުރިހާ ދުވަހު ކާއީ ޕްރޮޕޯސްކޮށް ވަރުބަލިވެ ދަތްކޮޅު ފޭބީމަ މީހަކާއި އިންނަން ހިތުން ވައުދުވިތަނާ އަސަލް ސަޕްރައިޒް ދިނީމަ ނޫނެކޭ ބުނެވުނީ. ތިކަމާ އެބަ ވިސްނަން. ." ކާއިނާތު ކުޑަކޮށް ހީލިއެވެ.

އަސަލް އެ ކުޑަ ފޮށި ހުޅުވާފައި އަނގޮޓި ފޮށިތެރެއަށް ލިއެވެ. އަނގައިން ބުނާނެ ހިތްވަރެއްވެސް ނެތްފަދައެވެ. ކާއިނާތު އުފަލުން އެއްބަސްވާނެކަމުގެ ޔަގީންކަމާއެކު އޭނަ ކައިވެންޏަށް އެދުމުން އޭނަގެ ހިތް ހަލާކުކޮށްލައިފިއެވެ. އެންމެ ރަގަޅެވެ. ކާއިނާތުއަށްޓަކާ އޭނަ އަބަދުވެސް އިންތިޒާރުކުރާނެއެވެ. އެވަރަށްވެސް ލޯބިވެއެވެ. ކުޑައިރުއްސުރެ އެކީގައި އުޅެ ކާއިނާތުގެ ހުރިހާ ރަގަޅު އަދި ގޯސް ސިފަތަކާއެކުގައިވެސް ހިތުގައި ލޯބި އުފެދި އެކީގައި އެތައް ރީތި ހަދާންތައްވެސް މާޒީގެ ސަފުހާތަކުގައި ލިޔެވިއްޖެއެވެ. ވީއިރު މުސްތަގުބަލަކީވެސް އެދެމީހުންގެ އެއްޗަކަށް ނުވާންވީ ސަބަބެއްނެތެވެ.

އަސަލް ދެރަވެ ލޯ ފެންކަޅިވީތަން ފެނި ކާއިނާތުގެ ހިތަށް އުދަގޫތަކެއްވިއެވެ. އަބަދު އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރުމުން އިޝްގީ ލޯބި ނޫނަސް އަސަލްއަށްޓަކާ ހިތުގައިވާ ޖާގަ ބޮޑެވެ. ކާއިނާތު އިނގިލި ދިއްކޮށްލިއެވެ."ޕްލީޒް. އަނގޮޓި އަޅުވާދީ...ކޮންމެވެސް ދުވަހަކުން މެރީ ކުރާނަން ވިއްޔަ.."

އަސަލް ހިތާމަވެރި ހިނިތުންވުމަކާއެކު އަނގޮޓި އަޅުވާދިނުމަށްފަހު އެއް އިނގިލިން ލޯ ފޮހުނުތަން ކާއިނާތު ދުށްޓެވެ. އަސަލްގެ ހިތުގައިވި ފުން ލޯބި ކާއިނާތުގެ ހިތަށް ކުޑަ ލޮޅުމެއް ގެނުވިއެވެ. އޭނަގެ ކުށެއް އެބައޮތްހެއްޔެވެ؟ކުށަކީ އުމުރުން ބާރައަހަރުން ފެށިގެން ހިތްދެވުނީ ކާކަށްކަން ސިއްރުކޮށްގެން އަސަލް އުފާކުރުވަން އަސަލްގެ ކޮންމެ އެދުމަކަށް އާއެކޭ ބުނެވުނުކަމެވެ.

***

ސައިރަސް މިފަހަރު އައީ ސިއްރުންނެއް ނޫނެވެ. އޭނަ ރާއްޖެ އަންނަކަން ހުރިހާ ޚަބަރު ފަތުރާ ވަސީލަތްތަކަށް އެނގި އެންމެން އެދުވަހަށް ބޭގަރާރުކަމާއެކު އިންތިޒާރުކުރިއެވެ.

ސައިރަސްއާއި ބައްދަލުވުމުގެ އުފަލުގައި ކާއިނާތު ދެތިން ގަޑިއެއްހާއިރު ކުރިން ތައްޔާރުވާންފެށިއެވެ. މަޑުނޫކުލައާއި ހުދުކުލައެއް އެކުލެވޭ ހެދުމުގެ މަތިން ސޫޓެއްލާފައި ކުރުކޮށް ބުރުގާ އެޅުމަށްފަހު ލުއި މޭކަޕެއްކޮށްލުމުން ލޯގަނޑުން ފެނުނީ ތަފާތު އަންހެންކުއްޖެއްހެންވެސް ހީވިއެވެ. ރަސްމީ އަދި ހަރުދަނާ އަންހެނަކު ކާއިނާތުގެ ބަދަލުގައި ހުރުމުން ހިތަށް ހަމަޖެހުމެއް ލިބި އުފާވެރި ރާގެއް ހިތުގައި ކުޅެލިއެވެ. އަގުބޮޑު ސެންޓްފުޅިން ކަރުދޮށާއި އަތުގައި ކުޑަކޮށް ހާކައިލުމަށްފަހު ކޮންމެވެސް ވަރަކަށް ހެދުމަށް ޖަހައިލުމުން ތަނުގައި ދުވަންފެށީ ފުރާނައަށްވެސް ދިރުމެއް ލިބޭފަދަ ހިތްގައިމު ވަހެކެވެ. އެހާވަރުން ރީތިވެލައިގެން ކާރަކަށް ގުޅައިގެން އިންތިޒާރުގައި އެތައް އިރެއްވާންދެން ހުންނަން ޖެހުނުހިދު ރުޅިގަދަވެ އެތައް އެތިވަރެއް ޑްރައިވަރާއި ދިމާލަށް ހިތާހިތުން ކިޔައިލެވުނެވެ.

" ކޮން ކުއްޖެއް؟ ހަމަ ކާއިނާތުއާއި ވައްތަރެއްނޫން...." ހާޖަރު ބަދިގެ ފަރާތުން ނިކުމެގެން އައީ ކޮންމެވެސް އެއްޗެއް ކައްކަން އިނދެފައެވެ. ކުއްލިއަކަށް މަންމަ އޭނަގެ މޫނުގައި އަތް ޖައްސައިލުމުން ދިޔާ އެއްޗެއް އުނގުޅުނުހެން ހީވެފައި ހަޅޭއްލަވައިގަނެވުނެވެ. މަންމަ ސިހުނުވަރުން ފަހަތަށް ޖެހުނުވަގުތު ކާއިނާތުގެ އަތުގައި ހިފެހެއްޓުނީ ހަށިގަނޑު ސަމާލުކުރުމަށެވެ.

"މަންމާ...."ކާއިނާތު މޫނު ހުތުރުކޮށްލިއެވެ. އޭރު ޑްރައިވަރު ބަރުގޮނު އަޅަނީއެވެ. ލަސްވެގެން އުޅެނީ މިހާރު ޑްރައިވަރަށެވެ. އޭނަ އިންތިޒާރުކުރި ވަރު އެމީހާގަނޑަށް ނޭގެނީހެއްޔެވެ؟

"ކާއިނާތު ކަން ޔަގީން ނުވެގެން މަންމަ މޫނުގައި އަތްޖެއްސީ..ލޮލުގައިވެސް އަނދުން އަޅާ ފޯކޮށްފައި. ކާއިނާތުއަކީ ތިހެން އުޅޭ ކުއްޖެއްނޫން...." ހާޖަރު އަނގަ ފުރާ ދުފާލައިގެން ހުރިއިރު ތުންފަތުގައި ފުޅާ ހިނިތުންވުމެކެވެ.

"މަންމަ ލޮނުމެދު ކޮށަން ހުރެފައިދޯ ތިއައީ؟ ހާދަ ވަސްގަދައޭ..."

"ހޫމް ބޯކިބަލެއް އަޅަން އުޅެފައި....ފެންކޮޅެއް ގެންނަންތަ؟ ހެދުމުގައި ރީދޫކޮޅެއް ހޭކިއްޖެ..........."

ކާއިނާތު ދެފައި ތަޅައިގެންފާ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. ރުޅިގަދަވެގެންގޮސް މުޅިކުއްޖާ ރޫރޫ އަޅަނީއެވެ."މަންމަވެސް ދެން ހާދަ މޮޔައޭ، ކަޓުކަންތައް އެހެން ކޮށްލާއިރު އަހަރެންގެ ފީލިންގްސްތަކަށް ނުވިސްނާނެ. މުޅި ހެދުމާއި މޭކަޕް ޚަރާބުކޮށްލައިފި. ދެން މި ލޮނުމެދު ވަސްގަނޑު ފިލުވައިލާނީ ކިހިނެއް؟ ގަޑިވެސް ޖެހެނީ. އަނެއްކޮޅުން އެ ޑްރައިވަރު ފާޚާނާއަކަށް ދާން ޖެހުނީކަން ނޭގޭ. ހާދަ އަޑުހަރޭ.....ޕިސް ޕިސް..."

ކާއިނާތު މޫނު ކުޑަކޮށް ދޮވެލާފައި ފައުންޑޭޝަންކޮޅެއް ހާކައިލުމަށްފަހު ދުވަމުންގޮސް ކާރަށް އެރިއެވެ.

"ބާރަށް ދުއްވާ..."ކާއިނާތު އަމުރުކުރިއެވެ.

ރިޒޯޓާއި ހަމަޔަށް ފޯރުނުއިރު އޭނަ ނަފްސާނީގޮތުން ލޮޑުވެއްޖެއެވެ. އިންޓަވިއު ފެށުނުކަން އެނގުމުން ދެރަވިޔަސް ނަސީބަކުން އެތެރެއަށް ވަދެވުނެވެ. ސައިރަސް ފެނުމާއެކު އޭނަގެ ހިތް އޭގެ މަގާމު ދޫވެގެން އުދުއްސައިގަތްހެން ހީވިއެވެ. ހަމަލޮލުން ފެނުމުން އަނބުރައިގަންނަހާ ރީއްޗެވެ. އިސްކޮޅުން އެހާ ދިގުވެފައި ސްމާޓެވެ. ޗޮކްލެޓްކުލައިގެ ރީތި އިސްތަށިގަނޑު ސްޓައިލްކޮށްލާފައިވާގޮތާއި އެ ތޫނު ދެލޯ އޭނަގެ މައްޗަށް ހުއްޓުނުގޮތަށް ގަރުނަކަށް ހަރުލާފައިވި ފަދަ އިހުސާސެއްކުރެވުނެވެ. އެހެންމީހުންގެ ސަމާލުކަންވެސް ހިދުކޮޅަކަށް ހުއްޓުނެވެ.

"ސޮރީ ލަސްވީމަ."ކާއިނާތު މާފަށް އެދިފައި އަވަހަށް ގޮނޑިއެއްގައި އިށީނެވެ. އޭނައާއި ގާތުގައި އިން ކުއްޖާ ކޮންމެވެސް ވަރަކަށް ނޭފަތް ގުރުޑުކޮށްލައިފިއެވެ.

ނޯވާ ނޫހުގެ ނޫސްވެރިޔަކު ސުވާލެއްކޮށްލިއެވެ." ޖައްވުގައި ފުރަތަމަ ވީވަގުތު ކުރެވޭ އިހުސާސްތަކަކީ ކޮބައިތޯ؟ އެދުނިޔޭގައި އެއްވެސް ތަފާތުކަމެއް އިހުސާސްކުރެވޭތޯ؟"

ސައިރަސް ވާހަކަދައްކަން ފެށުމުން ކާއިނާތުއަށް މޭގައި އަތް ޖައްސައިލެވުނެވެ. އަޑާއި ރާގުގެ ރީތިކަން އޭނަގެ ހިތް ރޭސްކޮށްލައިފިއެވެ. ސައިރަސް ބުނިގޮތުން އެއީ އަޖައިބުވެ ނޭވާ ހުއްޓުނުފަދަ ވަގުތުކޮޅެކެވެ. އުމުރުން ހަގުކަމާއެކު އޭނައަށް ދުނިޔެއިން ބޭރުގައި ހުރެވުނުކަން އިހުސާސްވުމާއެކު ކޮންމެވެސް ވަރަކަށް ފަހުން މޭނުބައިކުރާގޮތެއްވިޔަސް އެކަން ހުއްޓުނެވެ. ހަތްމިލިއަން ޕައުންޑްގެ ގޮވާ ރޮކެޓް ފިއުލްއާއެކު ވާއިރު ފުރަތަމަ ކޮޅު ކޮންމެވެސް ވަރަކަށް ހާސްކަމާއި ބިރުވެރިކަން ހިތުގައި ހިނގައިގަތްކަމަށާއި ފަހުން މީހާ ހަމަޔަކަށް އެޅުނުކަމުގައި ބުނެލިއެވެ. އުޅަދުގައި ދެގަޑިއެއްހާއިރު އިންނަން ޖެހުމުން ކޮންމެވެސް ވަރަކަށް ނިދުނެވެ.

"ޖައްވަށް ދުރުވެވުނީތީ އެކަމާއި ރިގްރެޓް ކުރައްވަންތޯ؟"

"ނޫން. ދުވަހެއްގެ ކޮޅުންވެސް އެކަމާއި ހިތާމައެއް ނުކުރަން. ނުވެސް ކުރާނަން. އަޅުގަނޑު މިހާރު އެތައް ފަހަރެއްގެ މަތިން ޖައްވަށްގޮސް އެތައް ގަޑިތަކެއް އެތާގައި ހޭދަކޮށް އެތައް ކަންތައްތަކެއް ތަޖުރިބާކޮށްފިން. އެއްފަހަރު ކެޕްސޫލެއްގައި އެކަނިމާ އެކަނި ދިޔައިން. އެއަށްވުރެ އުފާވެރި އަޖައިބުކުރުވަނިވި ތަޖުރިބާއެއް ކުރެވިފައެއްނެތް. އެހާވެސް ރީތި ހިތްގައިމު ހަދާންތަކަކާއި އެ ދަތުރުތައް ގުޅުފައިވޭ. އެކަމަކު ކޮންމެވެސް ވަރަކަށް ބިރުވެރި އާދަޔާ ޚިލާފު ކަންތައްތަކާއިވެސް ދިމާނުވެއޭ ނުބުނާނަން.."ސައިރަސް ވާހަކަދައްކަމުން ދިޔައިރު ކާއިނާތު އެސްފިޔަވެސް ޖަހައިނުލާ އަނގަ ހުޅުވިފައި ބަލަން އިނެވެ. ސައިރަސްއަށް ކާއިނާތުގެ ތޫނު ދެލޮލުން އެނގުންވަނީކަން ނޭގެއެވެ. ސައިރަސްގެ ލޯވެސް އެންމެ ގިނައިން ހުއްޓެންފެށީ ކާއިނާތުގެ މޫނަށެވެ.

ކޮންމެ ނޫހަކަށް ދެ ސުވާލު ކުރަން ލިބުނަސް އެ ސުވާލާއި ވިއްދައިގެން ނޫސްވެރިން އިތުރު ސުވާލެއް ކުރަން މަގުފަހިކުރުވަނީ އޮޅުވާލައިގެންނެވެ." ތިހެން ވިދާޅުވީމަ އަޅުގަނޑުގެ ހިތަށް އަރަނީ ޖައްވުން ދިމާވެދާނެ ބިރުވެރިކަމަކީ އޭލިއަންއެއްގެ ނޫނީ......އެފަދަ އެހެން ބާރެއްގެ ކަމެއްބާވައޭ...."

"ޖައްވުން ފެންނަނީ ކޮންފަދަ ކަންތައްތަކެއްތޯ؟"

"ޖައްވުން އެނބުރި ދުރުވުމުން ދިރިއުޅުމަށް ކުރަނީ ކޮން އަސަރެއްތޯ؟"

"ތިބޭފުޅާ ޖައްވަށް ދުރުވުމުން އެއްވެސް ކަހަލަ ނަފްސާނީ އުދަގޫތަކެއް ނޫނީ މައްސަލައެއް ކުރިމަތިވިތޯ؟ ޕެނިކް އެޓޭކް ކްލޮސްޓްރޮފޯބިއާ ރުޅިގަދަވުންފަދަ ކަންތައްތަކުގެ ވާހަކަ މިދެންނެވީ......"

އެކި ނޫސްވެރިންގެ ސުވާލުތަކަށް ސާބިތުކަމާއެކު ޖަވާބުދެމުންގޮސް ކާއިނާތުގެ ވަގުތުކޮޅު ޖެހުމުން އެ ތޫނު ނަޒަރު ކާއިނާތުގެ މޫނަށް އެއްކޮށް ހުއްޓުނެވެ. ސައިރަސްގެ ރީތިކަމާއި އެލޮލުގެ ތޫނުކަން ކާއިނާތު ގަނޑުކޮށްލައިފިއެވެ. އޭނަ ހާސްވެގެންގޮސް އަރުތެރެ ބެދުނެވެ. އަޑުބޭރުވާނެކަމާއިމެދު ޝައްކުވިއެވެ. ޕެނިކް އެޓޭކްއަކީ ދަންނަ އެއްޗެއްވެސް ނޫނެވެ. މިވީހާތަނަށް އޭނަ ދުވަހަކު ކުރިމަތިލާން ޖެހުނުކަމެއް ނޫނެވެ. އޭނަވަނީ ގައުމުގެ އިސްވެރިންނާއި އެތައް ކޮންފެރެންސްތަކުގައި ޖެހިލުމެއް ނެތި ސުވާލުތައް ކޮށްފައެވެ. މިވަގުތު އޭނައަށް ކުރިމަތިވީ ބުނަން ނޭގޭފަދަ އުދަގޫތަކެކެވެ. ހިތް އަވަސްވެ މޭމައްޗަށް ބާރުކޮށް ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ. މުޅި ހަށިގަނޑު ފިނިވެ ހިއްސުތައް ކެނޑި މަރުވަނީހެން ހީވެގެން ހަޅޭއްލަވައިގަންނަން އަނގަވެސް ހުޅުވުނެވެ. ކައިރީގައި އިށީދެގެން އިން ޒުވާނާއަށް އޭނަގެ އިހުސާސްތައް އޮޅުންފިލީކަން ނޭގެއެވެ. ވަގުތުން ފެންފުޅިއެއް ދިއްކޮށްލުމުން އޭނަ ފުޅީގައި ތުންޖެހިގޮތަށް ބޯންފެށިއެވެ. ނޭވާއެއްލީވެސް ފެންފުޅި ހުރިގޮތަށް ކަރަށް އޮއްސާލާފައެވެ. ބާކީ ހުރި ފެންފޮދު މޫނުގައި ހާކައިލެވުނީ ވެސް އޮޅިގެންނެވެ.

"ތެންކިއު...." ކާއިނާތުއަށް ބުނެވުނީ ވައި އަޑަކުންނެވެ.

އެންމެންވެސް އޭނައަށް ބަލަން ތިބިއިރު އެތަނަށް އަޖައިބެއްފަދަ ހިމޭންކަމެއް ވެރިވެއްޖެއެވެ.

"އައްސަލާމް އަލައިކުމް. އަޅުގަނޑުގެ ނަމަކީ ކާއިނާތު. ކައުނު ނޫހުގެ........" ކާއިނާތު ކަރުކެހިލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު