މުޖުތަމައުގައި އެއްބައިވަންތަކަން ގާއިމުކުރުމަށް ދުލަކީ ވަރުގަދަ ވަސީލަތެއް: ޚުތުބާ

ހުކުރު ނަމާދެއްގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މުޖުތަމައުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ގާއިމުކުރުމުގައި ދުލަކީ ވަރުގަދަ ވަސީލަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، އިސްލާމްދީނަކީ އިންސާނާ މާތްކުރައްވައި ނަފްސު ރައްކާތެރިކުރެއްވި ދީން ކަމަށެވެ. އަދި އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން ނަފްސު ސަލާމަތްކޮށް ރައްކާތެރިކުރުމަށް އިސްލާމްދީން ބާރުއަޅާކަމަށާއި ހާއްސަ ގޮތެއްގައި އެއްވެސް ހައްގަކާ ނުލައި އެހެން މީހުންގެ ކަރާމަތާއި އިއްޒަތް ނަގައިނުލުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމަށް ޚުތުބާގައި ބުންޏެވެ.

އެގޮތުން އެހެން މީހުންގެ ކުއްތަކާއި އައިބުތަކާއި އުނި ސިފަތައް ހޯދައި ކަޝްފުކުރުން ވަނީ މަނާ ކުރައްވާފައި ކަމަށާއި އެއީ އިންސާނާގެ ދުނިޔެ އާއި އާޚިރަތް ފަސާދަކުރާ ބަލިމަޑުކަމަކަށް އެކަން ވެދާނެތީ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މީސްމީހުންގެ ސިފައަށާއި ކުލައަށާއި ފޭރާން އަޅައިއުޅޭ ގޮތަށް ފާޑުކިޔައި މަލާމާތްކޮށް ފުރައްސާރަކުރުމަކީ މާތްﷲގެ އަމުރުފުޅުތަކާ ޚިލާފުކަމެއްގެ ގޮތުގައި މިއަދުގެ ހުކުރު ޚިތުބާގައި ފާހަގަކުރިއެވެ.

ޚުތުބާގައި ބުނި ގޮތުގައި މުޖުތަމައުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ގާއިމުކުރުމަށް ދުލަކީ ވަރަށް ވަރުގަދަ ވަސީލަތެެކެވެ.

"އިސްލާމްދީން ގޮވައިލަނީ ތިބާގެ ދުލާއި އަތުގެ އަނިޔާވެރިކަމާއި ގޯނާތަކުން މީސްތަކުން ދުރުހެލިކުރުމަށް. މީސްތަކުންގެ ޖާނާއި މާލާއި އަބުރަށް އަރައިނުގަތުމަށް. މާއްދީ އަދި މާނަވީ ގޮތުން ވެސް އެއްވެސް ދުޝްމަނުކަމެއް ނުބޭއްވުމަށް،" ޚުތުބާގައި ބުންޏެވެ.

ދުލުން ގޯނާކުރުމާ ދުރުހެލިވުމުގެ މާނައަކީ ނެތިމޮށުމާއި މަލާމާތްކުރުމާއި ފުރައްސާރަކުރުމާއި ދެބައޮޑުވުންފަދަ ކަންކަމުން ދުރުހެލިވުން ކަމަށް ޚުތުބާގައި ބުންޏެވެ.

"ހަޑިހުތުރު ބަސްތަކުން އެހެން މީހުންނާ ވާހަކަދެއްކުމާ ދުރުހެލުވުން. މީސްތަކުންގެ ހައްގުތައް ނިގުޅައިގަތުމުން އެއްކިބާވުން. އެހެން މީހުންނަށް އަނިޔާވެރިވުމުގައި ތިމާގެ ދުލުން އެއްވެސް މީހަކަށް އެހީތެރިނުވުން،" ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން އިސްލާމްދީން ގޮވައިލަނީ ބަސްބުނުމުގައި އަދުލުވެރިވުމަށް ކަމަށާއި އެހެން ކަމުން އެހެން މީހުންގެ އުނި ސިފަތަކައިގެން އަވަދިނެތި އުޅުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިސްލާހުކުރަން މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

comment ކޮމެންޓް