ކުރީގެ އަނބިމީހާއަށް އަނިޔާކޮށް ގޭގެ ދޮރު ވައްޓާލި ފުލުހަކު ނުވަ މަހަށް ޖަލަށް

އަނިޔާއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން: ކުރީގެ އަނބިމީހާއަށް އަނިޔާކުރި ފުލުހަކު ނުވަ މަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ އަނބިމީއަށް އަނިޔާކޮށް ގޭގެ ދޮރު ވައްޓާލި ފުލުހަކު ނުވަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން ތިން ދައުވާއެއް އުފުލީ ދ. ބަނޑިދޫ, ގެލެކްސީ, އަހްމަދު އިރުޝާދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން މުދަލަށް ގެލުން ދިނުމާއި އަނިޔާއެއް ދިނުމުގެ ދައުވާއެވެ.

އެ ހާދިސާ ހިނގާފައިވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ. ހާދިސާ ހިނގިއިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ފުލުހެއްގެ ގޮތުގައެވެ.

ކުރީގެ އަނބިމީހާއަށް ގުޅުމަށްފަހު ދަރިންނަށް ބޭނުންވާ ބައެއް ތަކެތި ހިފައިގެން އަނބިމީހާ އާއި ދަރިން ދިރުއުޅެމުންދިޔަ ގެއަށް އޭނާ ގޮސްފައިވަނީ އެކުވެރި އިތުރު ފުލުހަކާ އެކުއެވެ. ނަމަވެސް އެކުވެރިޔާ ބޭރުގައި ބެހެއްޓުމަށްފަހު އެ ގޭގެ ދެވަނަ ފަންގިފިލާއަށް އިރުޝާދު ވަންނަން ދިޔުމުން ކުރީގެ އަނބިމީހާ ދޮރު ނުހުޅުވާނެ ކަމަށް ބުންޏެވެ. އަދި ދެތިން ފަހަރު ދޮރުގައި ތެޅުމަށްފަހު ދޮރު ވައްޓާލައި އިރުޝާދު އެތެރެއަށް ވަން ކަމަށް ބައެއް ހެކިވެރިން ވަނީ ބުނެފައެވެ.

އިރުޝާދުގެ ދެ ދަރިންނާއި ކުރީގެ އަނބިމީހާގެ އިތުރުން ދެން އެ ގޭގައި އުޅެމުންދިޔައީ އިތުރު ދެމަފިރިއަކާއި އެ ދެ މީހުންގެ ތިން ދަރިންނެވެ.

ރޯދަމަހުގެ އިރު އޮއްސެމުންދިޔަ ވަގުތު ގޭގެ ދޮރު ދެފަޅިކޮށްލައި އިރުޝާދު އެގެއަށް ވަދެ އޭނާގެ ގަޔަށް އަތްލައި އަނިޔާކޮށްފައިވާ ކަމަށް ކުރީގެ އަނބިމީހާ ވަނީ ހެކިބަސް ދީފައެވެ. އަދި އޭރު އެ ގޭގައި ދިރިއުޅުމުންދިޔަ އަނެއް ދެމަފިރިން ވެސް ވަނީ އޭނާގެ ހެކިބަހަށް ބާރުލިބޭ ގޮތަށް ހެކިބަސްދީފައެވެ. އިރުޝާދު އޭނާގެ ކުރީގެ އަނބިމީހާއަށް އަނިޔާކުރަން ފެށުމުން ދުރުކުރި ކަމަށް ވެސް ވަނީ ބުނެފައެވެ.

ތިން ދައުވާއަށް އިރުޝާދު އިންކާރު ކުރި ނަމަވެސް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ނިންމާފައެވެ. އެގޮތުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުން ކުށްވެރިވެ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އަނިޔާއެއް ދިނުމުގެ ކުށުގައި ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި މުދަލަށް ގެއްލުން ދިންކަން ސާބިތުވުމުން އިއްވާފައިވަނީ ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް