ރަޝިއާއަކީ ޓެރަރިޒަމަށް ބާރުދޭ ދައުލަތެއް ކަމަށް ޔޫރަޕުގެ އިއްތިހާދުން ކަނޑައަޅައިފި

ޔޫރަޕްގެ ޕާލިމެންޓް --

ރަޝިއާއަކީ ޓެރަރިޒަމަށް އެއްބާރުލުންދޭ ގައުމެއްގެ ގޮތުގައި ޔޫރަޕް އިއްތިހާދުގެ ޕާލިމެންޓުން ކަނޑައަޅައިފިއެވެ.

ޔޫރަޕުގެ އިއްތިހާދުގެ ޕާލިމެންޓުގައި ނެގި ވޯޓުގައި، ޓެރަރިޒަމް ސްޕޮންސާ ކުރާ ދައުލަތްތަކުގެ ލިސްޓަށް ރަޝިއާގެ ނަން އިތުރު ކުރަން 494 މެމްބަރުން ވޯޓު ދިނެވެ. އެގޮތަށް ނިންމުމާ ދެކޮޅަށް 58 މެމްބަރުން ވޯޓު ދިން އިރު 44 މެމްބަރުން އެއްވެސް ކޮޅަކަށް ވޯޓު ނުދެއެވެ.

"ރަޝިއާއިން ޔޫކްރޭނުގެ އާންމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި، އެ ގައުމުގެ އިމާރާތްތައް ސުންނާފަތި ކުރުމާއި، އިންސާނީ އިތުރު ހައްގުތަކަށް އަރައިގަތުމަކީ ޓެރަރިޒަމްގެ އަމަލުގެ ގޮތުގައި ބެެލޭނެ،" ޔޫރަޕުގެ އިއްތިހާދުގެ ގަރާރުގައި ބުންޏެވެ.

އީޔޫގެ އެ ނިންމުމާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލިޑިމިއާރު ޒެލެންސްކީ ވަނީ އެ އިއްތިހާދަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމެރިކާ ފަދަ ގައުމުތަކުންވެސް މިފަދަ ނިންމުމެއް ނިންމުމަށް ޒެލެންސްކީ އެދިލެއްވިއެވެ.

ޔޫރަޕުގެ އިއްތިހާދުގެ ޕާލިމެންޓުން މިފަދަ ނިންމުމެއް ނިންމި ނަމަވެސް އެކަމާ ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ ބާރެއް އެ ޕާލިމެންޓަކަށް ނޯވެއެވެ.

ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ޔޫރަޕުގެ އިއްތިހާދާއި އެމެރިކާއިން ވަނީ ރަޝިއާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް ރަޝިއާއިން އަންނަނީ މެދުކެނޑުމެއްނެތި ޔޫކްރޭނަށް ހަމަލާދެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް