މަނީ ހައިސްޓު ކޮރިއާގެ ދެވަނަ ސީޒަން އަންނަ މަހު!

ނެޓްފިލްސް އިން މިހާތަނަށް ނެރުނު އެންމެ މަގުބޫލު އެއް ޓީވީ ސީރީޒް ކަމަށްވާ "މަނީ ހައިސްޓް"ގެ ދެކުނު ކޮރިއާ ވާޝަންގެ ދެވަނަ ސީޒަން އަންނަ މަހު ނުވައެއްގައި ދެއްކުމަށް ތައްޔާރުވެއްޖެއެވެ.

ގިނަ ބައެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސްޕެއިންގެ މަނީ ހައިސްޓްގެ އޮރިޖިނަލް ވާހަކަ ނިމުމާ އެކު، އެތައް ބަޔަކު އަންނަނީ އޭގެ ރެންޑިޝަންތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކުރެވެނީ އިންޑިއާ އާއި ކޮރިއާއެވެ.

ކޮރިއާއިން ނެރޭ މަނީ ހައިސްޓުގެ ފުރަތަމަ ސީޒަން ނުވަތަ ޕާޓް ވަން "ކޮރިއާ- ޖޮއިންޓް އިކޮނޮމިކް އޭރިއާ" ނެރެފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ. އެއާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕާޓް ޓޫ ނެރުމަށް ހަމަޖެހިފައިވާއިރު މިބައިގެ ޓްރެއިލާ ވަނީ ދައްކާލާފައެވެ.

ޝޯގެ ފުރަތަމަ ބައިގައި އަލިއަޅުވާލަނީ އުތުރު އަދި ދެކުނު ކޮރިއާ ގުޅުވާލަން އުޅޭކަމުގެ ވާހަކަ އަކަށެވެ. ދެ ގައުމުގެ ދެމެދުގައިވާ ސަރަހައްދެއްގައި ގިނަ އަދަދަކަށް ފައިސާތައް ރައްކާކޮށްފައި ހުރެއެވެ. އެ ސީރީޒްގައި އަލިއަޅުވާލާނީ އެ ފައިސާތައް ހޯދުމަށް ވަގުންގެ ގްރޫޕަކުން ރާވާ ރޭވުމެކެވެ.

ދެވަނަ ބައި ކުރިއަށްދާނީ މި ކޮންސެޕްޓުގެ ތެރެއިންނެވެ. ޓްރެއިލާއިން ހާމަވެފައިވާގޮތުގައި ފުރަތަމަ ބަޔަށްވުރެ މި ބައިގައި އެކްޝަން އާއި ސަސްޕެންސް ގިނަ ވާނެއެވެ. ޝޯގެ ބޮޑު ކެރެކްޓަރެއް ކަމަށްވާ "ޕްރޮފެސާ" ރާވާފައިވާ ޕްލޭންތައް ފެއިލްވާ މަންޒަރު ޓްރެއިލާއިން ފެނިގެން ދެއެވެ. އަދި އެހާ ހިސާބުން ދެން ކަންތައް ވާނެ ގޮތް ބެލުމަށް ޝޯއަށް އިންތިޒާރުކުރަން އެބަޖެހެއެވެ.

comment ކޮމެންޓް