ރޫމޭނިއާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ސިޔާމް އައްޔަންކުރި ކަމުގެ ރަސްމީ ލިޔުން ހަވާލުކޮށްފި

ރޫމޭނިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ކޮންސިއުލޭޓްގެ އޮނަރަރީ ކޮންސުލް އަކަށް އައްޔަންކޮށްފައިވާ އަޙްމަދު ސިޔާމް މުޙައްމަދަށް މަގާމުގެ ރަސްމީ ލިޔުން ހަވާލުކުރައްވަނީ --

ރޫމޭނިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ކޮންސިއުލޭޓްގެ އޮނަރަރީ ކޮންސުލް އަކަށް އައްޔަންކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދަށް މަގާމުގެ ރަސްމީ ލިޔުން ހަވާލުކޮށްފިއެވެ.

ސަން ސިޔާމް ގްރޫޕުން މާލެ އަތޮޅުގައި ހިންގާ އޮޅުވެލި ރިސޯޓުގައި މިރޭ އޮތް ބައްދަލުވުމެއްގައި ސިޔާމަށް ލިޔުން ހަވާލުކޮށްދެއްވީ، ލަންކާގައި ހުންނަ ރޫމެނިއާ އެމްބަސީގެ ޗާޖް ޑި އެފެއާޒް ވިކްޓާ ޗިއުޑިއާ އެވެ.

ސިޔާމް އެ މަގާމަށް އައްޔަންކޮށްފައިވާކަން އެންމެ ފުރަތަމަ ހާމަކުރީ ވެސް ލަންކާގައި ހުންނަ ރޫމޭނިއާގެ އެމްބަސީންނެވެ. އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދިވެހި ދައުލަތުގެ އިދާރާތުގެ ފުރިހަމަ އެއްބާރުލުން ސިޔާމަށް ދެއްވުމަށް ވެސް އެ އެމްބަސީން ވަނީ އެދިފައެވެ.

މީގެ އިތުރުން ރޫމޭނިއާގެ ފޮރިން މިނިސްޓަރު ބޮގްޑަން އައުރެޝްޗު މީގެ ކުރިން ނެރުއްވި ބަޔާނެއްގައި ވެސް ވަނީ ރާއްޖޭގައި ހުންނަވާ އެގައުމުގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ސިޔާމް އައްޔަން ކުރެއްވިކަމަށް ވިދާޅުވެފައެވެ.

ރާއްޖެއާއި ރޫމޭނިއާގެ ގުޅުން މިހާރަށް ވުރެ ވަރުގަދަ ކުރުމަށާއި ރޫމޭނިއާގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަން ޖެހޭ ކަންތައްތަކާ ގުޅުން ހުރި އިރުޝާދު ސިޔާމަށް ދެއްވާފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ރޫމޭނިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް ކަމަށް ދާދި ފަހަކާ ޖެހެންދެން ހުންނެވީ މުޙައްމަދު މާހިރު ދީދީއެވެ.

ރޫމޭނިއާ އާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުންތައް ގާއިމުކުރީ 1979ގައެވެ.

comment ކޮމެންޓް