ދަރިވަރުންނަށް އަނިޔާ ކުރާތީ ބިދޭސީ ޓީޗަރަކު ސަސްޕެންޑުކޮށްފި

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއް ގެ ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބ. އަތޮޅު ރަށެއްގެ ސުކޫލެއްގެ ބިދޭސީ ޓީޗަރަކު ދަރިވަރުންނަށް އަނިޔާކުރާކަމުގެ ޝަކުވާ ލިބިގެން އޭނާ ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އެރަށު ސްކޫލުގެ ބިދޭސީ ޓީޗަރަކު ދަރިވަރުންތަކަކަށް އަނިޔާކުރާ މައްސަލައެއް ރޭގެ ވަގުތެއްގައި އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

"އެރަށުގެ ޓީޗަރަކު ދަރިވަރުންތަކަކަށް އަނިޔާކުރި މައްސަލައެއް މި މިނިސްޓްރީގެ ސަމާލުކަމަށް އައިސްގެން އެ ޓީޗަރު ވާނީ ވަޒީފާއިން ސަސްޕެންޑްކޮށްފަ،" އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހަށާއި ޖެންޑާ މިނިސްޓްރީއަށް މިހާރު ހުޅަހަޅާފައިވާއިރު، ދަރިވަރުންނަށް އެ ޓީޗަރު ކުރީ ކޮން އަނިޔާތަކެއް ކަމެއް އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.

އިތުބާރު ހިފޭ މަސްދަރަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި ދަރިވަރުންނަށް އަނިޔާކުރި މައްސަލައިގައި ސަސްޕެންޑްކުރީ އެ ރަށު ސްކޫލުގައި ފިޒިކްސް ކިޔަވައިދެމުން އަންނަ އިންޑިއާ ޓީޗަރެކެވެ.

ދަރިވަރުންތަކަކަށް ބިދޭސީ ޓީޗަރަކު އަނިޔާކުރި މައްސަލައެއް ފެންމަތިވެފައި މިވަނީ، ރާއްޖޭގެ ސްކޫލްތަކުގައި ދަރިވަރުންނަށް ޓީޗަރުންގެ ފަރާތުން އެކި ބާވަތްތަކުގެ އަނިޔާ ލިބޭކަމުގެ ގިނަ މައްސަލަތައް ފެންމަތިވަމުންދާ ދުވަސްވަރެއްގައެވެ.

comment ކޮމެންޓް