ބީއެމްއެލްއިން 50،000 ރުފިޔާއިން މަތީ އަދަދުތަކުގެ ޗެކް ބަލައިގަތުން ހުއްޓާލަނީ

ބީއެމްއެލް ހެޑް އޮފީސް: އެ ބޭންކުން ރޯދަމަހު ގެ ދުވަސްތަކުގެ ހެނދުނު 10:30 އިން މެންދުރު ފަހު 3:30 އަށް ހިދުމަތް ދޭނެ ---- ފޮޓޯ/ ބީއެމްއެލް

އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން 50،000 ރުފިޔާއިން މަތީ އަދަދުގެ ޗެކުތައް ބަލައިނުގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމައިފިއެވެ.

ގައުމީ ބޭންކް، ބީއެމްއެލްއިން ބުނީ، އަންނަ އަހަރުގެ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަލައިގަންނާނީ 50،000 ރުފިޔާ އާއި 3،000 އެމެރިކާ ޑޮލަރާ ހަމައަށް ދޫކޮށްފައިވާ ޗެކުތައް ކަމަށެވެ. މިއަށްވުރެ މަތީ އަދަދުތަކުގެ މުއާމަލާތްތައް ދެން ބަލައިގަންނާނީ ޑިޖިޓަލް ޗެނަލްތައް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށްކަމަށް ބީއެމްއެލުން ބުނެއެވެ. މިގޮތަށް މަތީ އަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި ހިމެނެނީ، އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކުން ދޫކުރާ ޗެކްތަކެވެ.

މިއީ އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓްކުރުމާއި ރާއްޖޭގައި ޕޭމަންޓްގެ ޚިދުމަތް ފުޅާކުރުމަށް މަރުކަޒީ ބޭންކުން އެކުލަވާލާފައިވާ ސްޓްރެޓަޖީގެ ދަށުން އެޅުމަށް ނިންމި ފިޔަވަޅެކެވެ.

މިކަމާ ގުޅިގެން ބީއެމްއެލްއިން ބުނީ، ބޭންކިންގެ މުއާމަލާތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުންކުރަން ކަސްޓަމަރުންގެ ކިބައިން އެދޭކަމަށާއި، އިންޓަނެޓް ބޭންކިންއަށް ރަޖިސްޓާ ކޮށްފައިނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިނުކޮށް ރަޖިސްޓާ ކުރެވޭނޭކަމަށެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ އެ ބޭންކްގެ އިންޓަނެޓް އަދި މޯބައިލް ބޭންކިންގެ ޚިދުމަތަކީ ރައްކާތެރި ފަސޭހައިން ބޭނުންކުރެވޭނެ ޚިދުމަތެއް ކަމަށެވެ. ދުނިޔޭގެ ކޮންމެ ތަނަކުންވެސް 24 ގަޑިއިރު ބީއެމްއެލްގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޚިދުމަތް ލިބެއެވެ.

comment ކޮމެންޓް