ބަޖެޓް ބަހުސް ނިންމާލައިފި، ވޯޓަށް އެހުން އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓް ދިރާސާކޮށް ކޮމިޓީން ހުށަހެޅި 42.8 ބިލިއަން ރުފިޔާގެ ބަޖެޓު ބަހުސް މިއަދު ނިންމާލައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އިތުރުން މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ފިނޭންސް މިނިސްޓްރީން ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސް ވަނީ ނިންމާލައިފައެވެ.

ބަޖެޓު ބަހުސްގައި ބައިވެރި ވުމަށް އިއްޔެ މެންދުރު 02:00އަށް ހުޅުވާލިއިރު ބަހުސްގައި ބައިވެރިވެ، ބަހުސް ކުރެއްވީ 42 މެމްބަރުންނެވެ. ފުރުސަތަށް އެދިވަޑައިގެން ބައެއް މެމްބަރުންނަށް ފުރުސަތު އެރުވިއިރު، މަޖިލީހުގެ ތަޅުމުގައި ނެތުމުން އެ މެމްބަރުންނަށް ބަހުސްގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

ބަޖެޓު ބަހުސް ނިންމާލާފައިވާއިރު މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފު ވަނީ އަންނަ ހޯމަ ދުވަހު ބަޖެޓު ފާސްކުރުމަށާއި ސަޕްލިމެންޓްރީ ބަޖެޓަށް ވޯޓަށް އަހާނެ ކަމަށް އިއުލާނު ކުރައްވާފައެވެ. އެއީ މިއަހަރުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާ ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓް ދިރާސާ ކުރުމަށްފަހު ކޮމިޓީން ގެނައި އިސްލާހާއެކު ކޮމިޓީން ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމިޓީން ވަނީ 161 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ހޯދުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދުމަށް އިސްކަން ދިނުމަށް ވެސް ހުށަހަޅާފައެވެ. އަދި ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭ ނަމަ، ލަސްނުކޮށް އެ ހުށަހެޅުމަށް ވެސް ކޮމިޓީން ވަނީ ރިކޮމެންޑޭޝަނުގައި ހިމަނާފައެވެ.

އެ ބަޖެޓުގައި ގިނަ ކަންކަން ރާވާފައިވާކަން ފާހަގަކުރައްވައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މީގެ ކުރިން ވިދާޅުވީ ކޮންމެ ދާއިރާއަކުން ވެސް ބޭނުންވާ ހައްލުތަކަށް މަސައްކަތްކުރުމަށް ބަޖެޓުކުރެވިފައިވާ ކަމަށެވެ. އަދި އެ ބަޖެޓަކީ ކޮވިޑް-19ގެ އިޤްތިޞާދީ އަޑިގަނޑަށްފަހު ދައުލަތުގެ ރިކަރަންޓް ޚަރަދު އާމްދަނީން ފޫބެއްދޭނެ ފުރަތަމަ ބަޖެޓު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރުހިފޭ މަގުޗާޓެއް ކަމަށެވެ. އެއީ ރައްޔިތުންގެ ފުދުންތެރިކަމާއި އިޖްތިމާޢީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް މެދުނުކެނޑި އެހީތެރިވުމުގައި ސަރުކާރަށް ދެމި އޮވެވޭނެ ޕްލޭނެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވައުދުފުޅުތައް ފުއްދުން ކަމަށެވެ.

ސަރުކާރުން ބުނީ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަންނަން ފެށުމާއެކު މިދިޔަ އަހަރާއި މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ބާރު ދުވެއްޔެއްގައި ކުރިއަރާފައިވާ ކަމަށެވެ. އަދި މި އަހަރު ނިމޭއިރު ކޮވިޑްގެ ކުރިން އިޤްތިޞާދީ ހުރި މިންވަރަށް ވާސިލުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އަންނަ އަހަރު ވެސް 7.6 އިންސައްތައިގެ ބާރު ދުވެއްޔެއްގައި ގައުމުގެ އިޤްތިޞާދީ ކުރިއަރާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

comment ކޮމެންޓް