ރޮޒައިނާ ނަޝީދަށް: ބޭނުންވަނީ ބޮޑުވަޒީރުކަން ކަމަށް ވާނަމަ އުއްމީދެއް ނެތް

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެކު މެންބަރު ރޮޒައިނާ---ފޮޓޯ

ބޭނުންވަނީ ބޮޑުވަޒީރުކަން ކަމަށް ވާނަމަ އުއްމީދެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ރޮޒައިނާ ވިދާޅުވީ ބަޔަކު ކިތަންމެ ފިތުނައެއް ހަދަން އުޅުނަސް، އަންނަ އަހަރުގެ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މިދިޔަ ހަތަރު އަހަރު ދުވަހު ކުރި ވެރިކަމަކީ ރައްޔިތުންނަށް އުއްމީދުން ފުރިގެން ގޮސްފައިވާ ވެރިކަމެއް ކަމަށެވެ. އަދި މުޅި ރާއްޖޭގެ ތާރީޚުގައި ނުހިންގާ ވަރަށް ތަރައްގީގެ މަޝްރޫއުތައް ކޮވިޑްގެ ވަބާ އަދި ރަޝިޔާގެ ހަނގުރާމަޔާ ވެސް އެކީގައި ހިންގި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އެންމެ ދަތިހާލުގައި ގައުމު އޮތް ދުވަސްވަރު އެންމެ ގިނަ ކަންތައްތައް ކުރެއްވި ރައީސަކީ މިހާރު ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

"ހިތާމަޔަކީ ގޭތެރޭގައި ތިއްބަވާ ބޭފުޅުންނަށް ވެސް މިކަން ހަޖަމު ނުކުރެވިގެން އުޅޭތީ،" އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުމަށް އިޝާރާތް ކުރައްވައި ރޮޒައިނާ ވިދާޅުވިއެވެ.

އުއްމީދު ގެއްލިގެން އުޅެނީ ދިވެހި ރައްޔިތުންނާ ދޭތެރެއަކު ނޫން ކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ އުއްމީދު ގެއްލިގެން އުޅެނީ ރާއްޖެއަށް ތަރައްގީ ނައިސްގެނެއް ވެސް ނޫން ކަމަށެވެ.

"އުއްމީދު ގެއްލިގެން މިއުޅެނީ އެންމެ ކަމަކާ ހުރެ. އެއީ ތިމާއަށް ވެރިކަން ނުލިބޭ މައްސަލަ. އުއްމީދަކީ ބަރުލަމާނީ ނިޒާމު ކަމަށް ވާނަމަ އާދެ! އުއްމީދެއް ނެތް އިއްޒަތްތެރި ރައީސް. އުއްމީދަކީ ޕްރައިމް މިިނިސްޓަރު ކަން ކަމުގައި ވާނަމަ، އުއްމީދެއް ނެތް،" ރޮޒައިނާ ވިދާޅުވިއެވެ.

ބޮޑުވަޒީރުކަން ލިބޭނެ އުންމީދެއް ނެތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ރައްޔިތުންނަށް ލިބެންއޮތް ތަރައްގީއާ ޖައްސާލައިގެން އުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އޭގެ ބަދަލުގައި ހާލަތު އޮތް ގޮތް އެންމެން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއްވެސް މީހަކަށް ތާއަބަދު ޕާޓީއެއްގައި 'ބަގުޑިބައްދައިގެން' ނުހުރެވޭނެ ކަން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

ރޮޒައިނާ އެހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުން ގާތު އެހުމަކީ އެކަކަށްވެސް އިންކާރު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވުމާ ގުޅިގެންނެވެ.

ވެރިކަމުގެ ނިޒާމުގެ ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް ފާއިތުވި އޮގަސްޓު މަހު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުމަށް ނިންމުމަށްފަހު އެ ގަރާރު ހުށަހެޅުން މަޑުޖައްސާލުމަށް ވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

ރައީސް ނަޝީދު ހުށަހަޅުއްވަން އޭރު ނިންމެވި ގަރާރުގައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނަން ފެނިއްޖެ ނަމަ، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.

އެގޮތުން، ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ބޮޑުވަޒީރެއް ކަމުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އެންމެ އިސްވެރިޔާއަކީ އާންމުންގެ ވޯޓަކުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ. އެގަރާރާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި ޚިޔާލު ތަފާތުންތަކެއް ވެސް ވަނީ އުފިދައެވެ.

ރޮޒައިނާގެ ހޫނު ބަހުގެ ހަމަލާއަށް ރައީސް ނަޝީދަށް އަމާޒުކުރައްވާފައިވާއިރު ބަޖެޓް ބަހުސްއާ ގުޅިގެން އެމްޑީޕީގެ މެމްބަރުންގެ މެދުގައި އަރާރުން ބޮޑުވެ، އެންމެފަހުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މެސެޖު ނުކުރެވޭގޮތް ވެސް ވަނީ ހަދައިފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މެސެޖް ނުކުރެވޭގޮތް ހަދާފައި ވަނީ ބަޖެޓް ބަހުސާގުޅިގެން ދެކެވުނު ވާހަކަތަކެއްގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދިނުމާ ގުޅޭގޮތުން ސުވާލު އުފައްދައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުން ވާހަކަދައްކަން ފެށި ހިސާބުން ފެށިގެން މައްސަލަ ގޯސްވެގެންނެވެ.

މައްސަލަ އެންމެބޮޑަށް ގޯސްވެފައިވަނީ، މެމްބަރު ރޮޒައިނާ، ރައީސް ނަޝީދު ފެކްޝަނުގެ މެމްބަރުންގެ މެސެޖުތަކަށް ރައްދު ދެއްވަންފެށި ހިސާބުންނެވެ.

ގްރޫޕުގައި ރޮޒައިނާ ވިދާޅުވީ، އަމިއްލަ ޕާޓީއަށް ވެރިކަން ލިބުމުންވެސް ހިތް ނުފުރުނުއިރު، ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންނަށް ކުރެވުނުހާ ވެސް ކަމަކީ ރައީސް ޞާލިހުގެ ޒަމާން ދުއްވާލުމަށް މަސައްކަތްކުރުންކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ފެކްޝަނުގެ މެމްބަރުން ވިދާޅުވެފައިވަނީ، ރޮޒައިނާ އަކީ އެންމެގިނަ ރައީސުންނަށް ސަނާ ކިއުމުގެ ރެކޯޑު އޮންނަ މެމްބަރުކަމަށެވެ. އެ މެމްބަރުން ވަނީ ރޮޒައިނާއާ ދިމާކުރުމަށް މީގެކުރިން އެކި ރައީސުންނަށް ސަނާ ކިޔާ ވީޑިއޯތައް ގްރޫޕަށް ލާފައެވެ.

މި ފަހަކަށް އައިސް އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނާއި ރައީސް ޞާލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައިވެސް ބަހުގެ ހަމަލާތައް ބަދަލުކުރެއެވެ.

comment ކޮމެންޓް