އަމީނީމަގު ތަރައްގީކުރުން ސަކަރާތަކަށް ހެދުމުން ނުރުހުން އަމާޒުވެއްޖެ

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު މިހާރު އޮތް ގޮތް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަމީނީމަގުގެ މައްސަލައަކީ ވަރަށް ގިނަ ދިވެހިންގެ ދުވަސްވީ ޝަކުވާއެކެވެ. އެ މަގު އޮންނަ ގޮތުގެ ސަބަބުންނެވެ. މަގުގައި ހިނގާ ބިނގާވެ އުޅެ އަދި ދުއްވާ އެއްޗެހި ދުއްވުމަށް ކުރިމަތިވާ ދަތިތަކާހުރެއެވެ.

އަމީނީމަގަކީ މާލޭގެ އެންމެ ބޮޑު އެއްމަގެވެ. މީހުން އެންމެ ގިނައިން ބޭނުން ކުރާ އެއްމަގެވެ. އެ މަގު އޮންނަ ގޮތުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ ސަބަބަކީ ވެސް އެއީއެވެ. ބައެއް މީހުން ބުނި ގޮތުގައި އަމީނީ މަގުގައި އުޅަނދުތައް ދުއްވާއިރު ރޫޅެނީ މީހާކަމެއް، އުޅަނދު ކަމެއް ނުވަތަ މަގު ކަމެއް ނޭނގެއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

އެ މަގުގެ ހާލަތު ވަރަށް ވެސް ދަށެވެ. އެ ޝަކުވާތައް އާއްމުން ކުރާތާ އެތައް އަހަރެއް ފަހުން މަގު ހެދުމުގެ މަސައްކަތް މި ފަހުން މިވަނީ ފަށައިފައެވެ. ސަރުކާރުން ނިންމީ އެ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަކަށް ހެދުމަށެވެ.

ނަމަވެސް މަގުގައި ތާރުއެޅުމަކީ އެތައް ފަހަރެއްގެ މަތިން ކުރާނެ ކަމަށް ބުނެ ނުވެ އޮތް ކަމެކެވެ. އެއީ މިދިޔަ ދަރުގައި ވެސް ކޮށްދޭން ބުނި ކަމެކެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ މާލޭ ސިޓީ ކައުންސިލާއެވެ. އެއީ 39 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ފަހުން އެ މަސައްކަތް ހަވާލުކުރީ އާރުޑީސީއަށެވެ. އެއީ ސިޓީ ކައުންސިލަށް އެ މަސައްކަތް ހަވާލުކުރި ވަރަށް ވުރެ ދެގުނަ އަގު ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ.

https://sun.mv/166331

އެއީ މި އަހަރުގެ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހުއެވެ. ޕްލޭނިން މިނިސްޓްރީން އާރުޑީސީއަށް ހަވާލު ކުރީ 1.7 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށެވެ. އަދި އެއީ 10 މަސް ތެރޭގައި އެ މަސައްކަތް ނިންމާގޮތަށެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ/ އާރުޑީސީ

ޕްލޭނިން މިނިސްޓްރީން އާރުޑީސީއަށް އަމީނީ މަގު ހަދަން ހަވާލުކުރި ފަހުން އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ މި އަހަރުގެ އޯގަސްޓް މަހުގެ 30ވަނަ ދުވަހުއެވެ. އެ މަސައްކަތް ކުރުމަށްޓަކައި ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާ ހަމައަށް އެ މަގު ވަނީ ބަންދުކޮށްފައެވެ.

https://sun.mv/167723

އާރުޑީސީއާ މަގުހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރުމުން ވެސް އާއްމުން ސުވާލު އުފެއްދިއެެވެ. އެއީ އެ ކުންފުންޏަކީ އެފަދަ ޕްރޮޖެކްޓެއް ހިންގުމުގެ ގާބިލްކަން ހުރި ކުންފުންޏެއް ކަމަށް އެ މީހުންނަށް ގަބޫލު ނުކުރެވޭތީއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

އެންމެ ފުރަތަމަ އެ ކުންފުނިން މަގު ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދިޔަ އިރު ވެސް ވަނީ ގިނަ ބަޔަކު ފާޑުކިޔައިފައެވެ. މަގު ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ސަބަބުންނެވެ. އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކާއެކު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. އެ މައްސަލަ ކޯޓަށް ވެސް ހުށަހެޅިއެވެ.

ނަމަވެސް އާރުޑީސީން ވަނީ އަމީނީ މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭނީ، އެމަގުގައި ހުރި ބޮޑެތި ގަސްތައް ނަގައިގެން ކަމަށް ބުނެފައެވެ. އަމީނީމަގުގައި ހުރި ގަސްތައް ކެނޑީ އެގޮތަށް އެކަން ނުކޮށް އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނޭތީކަމަށް ވެސް އާރުޑީސީން ބުންޏެވެ. އަދި މަގު ހެދުމުގެ މަސައްކަތް ނިމުމުން ކަނޑާ ކޮންމެ ގަހަކަށް ގަހެއް އެ މަގުގައި އިންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

އަމީނީމަގުގައި ހުރި ގަސްތައް ނަގައި އެ ގަސްތައް ގެންދިޔައީ މާލެ ސަރަހަދަށް ހާއްސަކޮށްގެން ތައްޔާރުކުރި ޕިކްނިކް އައިލެންޑް، ކުޑަގިރިއަށެވެ.

https://sun.mv/168359

އޭގެ ތިން މަސް ފަހުން އިއްޔެ އާރުޑީސީން މިވަނީ ވަސީލަތްތައް ލިބުން ތާށިކަމުން އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް މަޑުޖައްސާލައިފައިވާ ކަމަށް ބުނެފައެވެ. އެ ކުންފުނިން އެގޮތަށް އިއުލާން ކުރިއިރު މަގު ހެދުމުގެ މަސައްކަތަށް ތިން މަސްވީއިރު ވެސް މަގުގެ އެއްވެސް ތަންކޮޅެއްގައި ތާރު އަޅައިފައެއް ނުވެއެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެކަމުގެ ސަބަބުން ގިނަ ބަޔަކު ވަނީ މިހާރު މަގު ބަންދުކޮށްފައިވާ ހިސާބުގައި ތާރު ނޭޅި ލަސްވަނީ ކީއްވެތޯ ސުވާލުކޮށްފައެވެ. ސަބަބަކީ އެ ހިސާބުގައި ތާރުއެޅުން ފިޔަވައި ކުރަން ޖެހޭ އިތުރު ހުރިހާ މަސައްކަތެއް ކޮށްނިމިފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެފައި ވުމުންނެވެ.

https://twitter.com/Arafiyya/status/1595104898802237442

މަސައްކަތަށް ބަންދުކޮށްފައި އޮތް އެ ސަރަހައްދަށް ވެހިކަލްތައް ވެސް މިހާރު ވަދެއެވެ. ގާތަށް ނަގައި، ތާރު އެޅުމަށް އެއްވަރު ކޮށްފައި އޮތް އެތަނަށް ސައިކަލާއި ކާރާއި ޕިކަޕު ވެސް ވަދެއެވެ. އަދި ބައެއް ވެހިކަލްތައް އެ ސަރަހައްދުގައި ޕާކު ވެސް ކުރެއެވެ.

ގިނަ މީހުން ބުނާ ގޮތުގައި އެކަމުގެ ސަބަބުން އަނެއްކާ ވެސް ކުރަން ޖެހޭ މަސައްކަތް ގިނަ ވެދާނެއެވެ. ކުރި މަސައްކަތްތައް އަނެއްކާވެސް ކުރަން ޖެހިދާނެއެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު މިހާރު އޮތް ގޮތް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެކަން އެހެން އޮއްވައި މިހާރު މަގުހެދުމުގެ މަސައްކަތް މެދުކަނޑާލައިފައިވާ ކަމަށް އާރުޑީސީން އިއުލާނު ކުރުމުން އާއްމުންގެ ފާޑުކިޔުން ވަނީ އިތުރުވެފައެވެ. އެވަރުގެ ބޮޑު މަސައްކަތެއް އެކަން ކުރެވޭ ވަރުގެ ގާބިލު ބަޔަކާ ހަވާލުނުކުރީ ކީއްވެތޯ ގިނަ ބަޔަކު މިހާރު ސުވާލުކުރެއެވެ.

އެ ވެސް ބޮޑު އަގުގެ މަޝްރޫއަކަށްވާތީއެވެ. ވަސީލަތްތައް ނެތް ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުމުން މަސައްކަތް ނިންމަން ހަވާލުކޮށްފައިވާ 10 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނިމެނޭ ކަމާމެދު ވެސް މީހުން ސުވާލު އުފައްދައެވެ. އޭގެ ސަބަބުން މީހުންނަށް ވާނެ ދަތިތައް ފާހަގަ ކުރިއެވެ. ސޯޝަލް މީޑިއާގައި އޮތީ އެ ވާހަކައެވެ.

https://twitter.com/AmjadMV/status/1594899161656213504

ހަމައެއާއެކު ބްރިޖުން ފައިބައިގެން އެންމެ ގިނަ މީހުން ދަތުރުކުރާ މަގަކަށް އަމީނީމަގު ވާއިރު، މަސައްކަތް ލަސްވާ ވަރަކަށް އާއްމުންނަށް ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތައް އިތުރުވާނެކަމަށް މީހުން ބުނެއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

މިހާރު އަމީނީމަގު ބަންދުކޮށްފައި މިވަނީ އެންމެ ގިނައިން މީހުން އެކި ހަފުލާތަކަށް ގޮސް އުޅޭ ދަރުބާރުގޭ ހިސާބުންނެވެ. އެތާ ކުރިމަތި ކޮނެފައި އޮތުމާއި މަސައްކަތަށް އެހިސާބު ބަންދުކޮށްފައި އޮތުމަކީ އާއްމުންނަށް ކުރިމަތިވާ އިތުރު އުނދަގުލެކެވެ.

މީގެ އިތުރުން އެ ސަރަހައްދުގެ ވިޔަފާރިތަކަށް ވެސް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ކްލިނިކްތަކާއި ކެފޭތަކުގެ އިތުރުން ފިހާރަތައް އެ ސަރަހައްދުގައި ހުރިއިރު މީހުންނަށް އެެތަންތަނަށް ވަދެ އުޅުމަށް ދައްޗެވެ. އޭގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުން ވާނެއެވެ.

އޭގެ ސަބަބުން ވިޔަފާރިކުރާ މީހުންނަށް ލިބޭ އާމްދަނީ ދަށްވެ އެމީހުންގެ ވިޔަފާރި ބަނގުރޫޓް ވެދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

https://twitter.com/kramusthafa/status/1594973999552831488

އެ ދަތި އުނދަގޫތަކުގެ ވާހަކަ އާއްމުން ދައްކައެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް ފާޑުވެސް ކިޔައެވެ. އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވަނީ އަމީނީމަގު ހެދުމުގެ މަސައްކަތްކުރާ އާރުޑީސީއަށެވެ.

އަނެއްކާވެސް އަމީނީ މަގު ތަރައްގީކޮށް ތާރު އެޅޭނެކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެމަގު އަވަސް މުސްތަގުބަލެއްގައި ހެދޭނެ ކަމަކަށް މީހުން ގަބޫލެއް ނުކުރެއެވެ. އެ މީހުން ބުނާ ގޮތުގައި އާރުޑީސީއާއި ސަރުކާރުން ވަނީ އަމީނީމަގު ހެދުމުގެ މަސައްކަތުގައި ވަރަށް ބޮޑަށް ފެއިލް ވެފައެވެ.

comment ކޮމެންޓް