ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުޅުތަކުގެ އޮޕަރޭޝަނަށް ޚާއްސަ ކޭމްޕެއް ފަށައިފި

ހދ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް -- ފޮޓޯ -- ކުޅުދުއްފުށި އޮންލައިން

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުޅުތަކުގެ އޮޕަރޭޝަން ކުރުމަށް ޚާއްސަ ކޭމްޕެއް މިއަދު ފަށައިފިއެވެ.

މި ކޭމްޕް ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށެވެ.

ކެމެރާގެ ޒަރީއާއިން ބަލައިގެން ކުރާ ހުޅުތަކުގެ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާ މި ކޭމްޕްގައި އިސްކޮށް އުޅުއްވާނީ އައިޖީއެމްއެޗްގެ ތަޖުރިބާކާރު ކަށީގެ ޑޮކްޓަރު, ސީނިއާ ކޮންސަލްޓަންޓް އިން އޯތޮޕީޑިކްސް، ޑރ. ޙުސައިން ޝަކީލެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރު، ކޮންސަލްޓަންޓް އިން އެނެސްތީސިއޮލޮޖީ، ޑރ. އަސްޢަދް މުޙައްމަދު ޝަހީދާއި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ކަށީގެ ޚާއްސަ ޑޮކްޓަރު، ކޮންސަލްޓަންޓް އިން އޯތޮޕީޑިކްސް، ޑރ. ޢަލީ މަފާޒް ރަޝީދު ވެސް މި ކޭމްޕުގައި ބައިވެރިވާނެއެވެ.

މި ކޭމްޕުގައި، ކުޅިވަރު ކުޅުމުގައި ހުޅުތަކަށް ލިބިފައި ހުންނަ އަނިޔާތައް (ސްޕޯޓްސް އިންޖަރީސްތައް)، ސާޖަރީ މެދުވެރިކޮށް ރަނގަޅުކޮށް، ކަސްރަތުގެ އެހީގައި އަލުން ކުޅިވަރުގެ މައިދާނަށް ނުކުތުމަށް އެހީތެރި ވެދޭނެއެވެ. މި ކޭމްޕުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ޝަކީލަކީ މިފަދަ އެތައް ކުޅުންތެރިންނެއް ކުޅިވަރަށް ރުޖޫއަކޮށް ދިނުމުގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މިފަދަ އިތުރު ކޭމްޕުތައް ބޭއްވުމަކީ ކުޅުދުއްފިށި ރީޖަނަލް ހޮސްޕިޓަލުގެ އަމާޒެއްކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް