އެވެޓާގެ އާ ޓްރެއިލާއިން ފެނުގެ އަޑިއަށް!

މިއަހަރު އެންމެ ގިނަ ބަޔަކު ބަލަންވެގެން އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމު ކަމަށްވާ އެވެޓާގެ ދެވަނަ ބައި "ދަ ވޭ އޮފް ވޯޓާ" ރިލީޒްކުރުމުގެ ކުރީން ނެރޭ ފަހު ޓްރެއިލާ އާންމުކޮށްފިއެވެ.

ޖޭމްސް ކެމެރަން އުފައްދައި 2009 ވަނަ އަހަރު ނެރުނު ފިލްމު "އެވެޓާ" އަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ. އެ ފިލްމުގެ ދެވަނަ ބައެއް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅެވެ.

ފިލްމުގެ ފުރަތަމަ ބަޔާ އަޅާ ބަލާއިރު ދެވަނަ ފިލްމު ވަރަށް ދިގުވާނެއެވެ. އެގޮތުން ފުރަތަމަ ފިލްމު ދެ ގަޑިއިރާއި 41 މިނެޓަށް ދެމިގެންދާއިރު ދެވަނަ ފިލްމުގެ ދިގުމިނުގައި ތިން ގަޑިއިރާއި 10 މިނެޓު ހުންނާނެއެވެ.

އާ ފިލްމަށް "ދަ ވޭ އޮފް ވޯޓާ" ކިޔާފައިވާ ސަބަބު ދާދިފަހުން ނެރުނު ޓްރެއިލާއިން އެނގެއެވެ. އެވެޓާގެ ޕެންޑޯރާއަށް އާ ފިލްމުގައި އަނބުރާ ދިޔަ ނަމަވެސް ފިލްމުގެ ބޮޑު ބަޔަކުން ފެންނާނީ ކަނޑާއި ފެނުގެ ތެރެއެވެ. މި ފިލްމުގައި ޕެންޑޯރާ އިތުރަށް ބޮޑުވެ އާ ތަންތަން ފެނިގެންދާނެއެވެ.

ފިލްމުގެ ޓްރެއިލާއިން ފެންނަގޮތުގައި ޕެންޑޯރާއަށް އާ ދުޝްމަނުން ވެއްޖެއެވެ. އަދި ޕެންޑޯރާ ރައްކާތެރި ކުރުމަށް އާ ތަނެއްގައި މަސައްކަތް ކުރާ ތަން ޓްރެއިލާއިން ފެނިގެންދާނެއެވެ.

އެވެޓާގެ ދެވަނަ ބައިން ވެސް ފިލްމުގެ ފުރަތަމަ ބައިން ފެނުނު އެކްޓަރުން ފެންނާނެއެވެ. އޭގެތެރޭގައި ސޭމް ވޯތިންޓަން އާއި ޒޯއީ ސެލްޑާނާގެ އިތުރުން ސިގުނީ ވީވާ އާއި ކޭޓް ވިންސްލޭ އަދި ސްޓެފެން ލޭންގް ހިމެނެއެވެ.

އެ ފިލްމު ނެރެން ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 16 ގައެވެ.

comment ކޮމެންޓް