ހުޅުމާލެ ޕްލޭނިން ގަވާއިދު ހަތް ދުވަހުގެ ތެރޭގައި ގެޒެޓް ކުރަން ފޮނުވުމަށް މިނިސްޓްރީއަށް އަންގަން ފާހެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

"ހުޅުމާލެ ޕްލޭނިންގް އަދި އިމާރާތް ކުރުމުގެ ގަވާއިދު" ގެޒެޓް ކުރުމަށްޓަކައި އެ ގަވާއިދު ޕްލޭނިން މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވުމަށް އެ މިނިސްޓްރީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ގަވާއިދު ރައީސް އޮފީހަށް ފޮނުވުމަށް ޕްލޭނިންގް މިނިސްޓްރީއަށް އެންގުމަށް ފާސްކުރުމަށް ނުފެންނަ ކަމަށް ނިންމާފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 59 މެމްބަރުންގެ ތެރެއިން 40 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި ހިމެނޭ "ހުޅުމާލެ ޕްލޭނިންގް އަދި އިމާރާތް ކުރުމުގެ ގަވާއިދު" މަޖިލީހުގެ ގަވާއިދު ކޮމިޓީން އިސްލާހު ކުރުމަށްފަހު ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ، ގެޒެޓްކޮށްފައި ނުވާތީ އެ މައްސަލަ ގަވާއިދު ކޮމިޓީން ވަނީ ދިރާސާ ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން އެ ކޮމިޓީން ނިންމީ މިއަދާ ހަަމައަށް ވެސް އެ ގަވާއިދު ގެޒެޓުގައި ޝާއިއުކުރުމަށް އެ މިނިސްޓްރީން ރައީސް އޮފިހަށް ފޮނުވާފައިނުވާނެތީ، އެ ގަވާއިދު ގެޒެޓް ނުކޮށް ބޭއްވުމަކީ ދުސްތޫރީ އަދި ގާނޫނީ ހަމަތަކުން ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި މިނިސްޓަރުގެ އެ އަމަލަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި ރައްޔިތުންގެ ގަވާއިދުގެ ދަށުން މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތަކަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށް ވެސް ކޮމިޓީން ނިންމާފައިވެއެވެ.

އޭގެ އިތުރުން އެއީ އާންމު ގަވާއިދުތަކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ ވެސް ޚިލާފަށް ކުރައްވާފައިވާ އަމަލެއް ކަމަށް ކޮމިޓީން ގަބޫލުކުރާ ކަމަށް ވެސް ކޮމިޓީން ބުނެއެވެ. ވުމާއެކު ފެށިގެން ހަތް ދުވަހުގެ ތެރޭގައި ގަވާއިދު ރައީސް އޮފީހަށް ފުނުވުމަށް އެންގުމަށް ކޮމިޓީން ނިންމިއެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން އެކަން ފާހެއް ނުވިއެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ނުސީދާ ކޮށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިނިސްޓަރު މުޙައްމަދު އަސްލަމްގެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

މިއަދުގެ ޖަލްސާގައި އެ މައްސަލައިގައި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު، ކޮމިޓީގެ މުގައްރިރު، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު އިއްވެވުމުން ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ އަމަލު ކުރަންވީ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް އޮތް އިރު ސަރުކާރުން އެގޮތަށް އަމަލުކުރުން ނޫން ގޮތެއް، ގާނޫނުން ދައްކާފައި ނުވާ ކަމަށެވެ. އަދި އެގޮތަށް އަމަލުނުކުރުމަކީ ގާނޫނާ ޚިލާފުވުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެހެން ވީމާ މެމްބަރުންނަށް ނިންމެވިދާނެ ޝަރީއަތަށް ވަޑައިގަތުމަށް ވެސް، ނުވަތަ ވަޒީރާ ގުޅޭ ގޮތުން ތިބޭފުޅުން ނިންމަވާ ނިންމެވުމެއް ނިންމުމަށް ވެސް،" ނަޝީދު ވެރިކަމުގައި ވެސް މިނިސްޓަރުކަން ކުރެއްވި އަސްލަމާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މި ސަރުކާރަކީ އެމްޑީޕީގެ މެޖޯރިޓީ ހިމެނޭ ސަރުކާރެއް ކަމަށާއި 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ވެސް އެ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހެއް ކަމަށެވެ.

"އެހެން ވާއިރުވެސް، ވަރިހަމަ ކުރައްވާ، އަޅާނުލައްވާ ބާއްވަވާފައި ތިމަންނާއަށް ފެންނަ ގޮތް އެއީ ގޮތް ކަމަށް ނިންމަވާ، އެގޮތަށް އަމަލުކުރައްވަމުން ގެންދިޔުމަކީ، ގާނޫނު އަސާސީ ތަންދޭ ކަމެއް ނޫން. މިކަމާ ގުޅޭގޮތުން ގާނޫނާ ޚިލާފުވެފައިވާ މިންވަރާއި އެކަންކަން އިތުރަށް ކުރިއަށް ގެންދެވުމަށް މެމްބަރުން ވިސްނަވާނެ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމްއަކީ ވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިންނަވާ ބޭފުޅެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ވާހަކަދައްކަވައިގެން އެދިވަޑައިންނަވާ ގޮތަކަށް ކަންކަން ގެންދިއުމުގެ ފުރުސަތު ވަރަށް ފަހިކޮށް މަޖިލީހުގައި ހުޅުވިފައި ވާ ކަމަށެވެ.

comment ކޮމެންޓް