ފޮރިން މިނިސްޓްރީ އާއި އާޓްސް މިނިސްޓްރީ އަށް އައި ބަދަލުތައް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

''ވޮޝިންގްޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ'' ގެ ނަން، ''އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ''ގެ ނަމަށް ބަދަލުކުުރުމާ ގުޅިގެން ފޮރިން މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ގެނެވުނު ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބަދަލުތައް ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެެރިވެވަޑައިންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.

ފޮރިން މިނިސްޓްރީ އަށް އައި ބަދަލުތައް ފާސްކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންނެވެ.

އެ ބަދަލުތަކުގެތެރޭގައި ހިމެނެނީ އެމެރިކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައެޅުނު ކަންކަމެވެ. އެގޮތުން އެމެރިކާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ހިންގަންޖެހޭ އެކިއެކި މުއާމަލާތްތައް ހިންގުމާއި، ރާއްޖެއާއި އެމެރިކާއާ ދެމެދު އެކުވެރިކަން އުފައްދަން އެމްބަސީން މަސައްކަތް ކުރަންވާނެއެވެ.

އޭގެ އިތުރުން އެމެރިކާގައި އުފަންވާ ދިވެހި ކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގައިފި ހިނދެއްގައި، އެންގި ފަރާތަކަށް އެ ޑޮކިއުމަންޓް ދޫކުރުން ވެސް ހިމެނެއެވެ.

އެ މިނިސްޓްރީއަށް އައި ބަދަލުތަކުގެ އިތުރުން ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގާނޫނުގެ ދަށުން ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އުފެއްދުމާ ގުޅިގެން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ދާއިރާއަށް ގެނެސްފައިވާ ބަދަލުތައް ވެސް މަޖިލީހުން ވަނީ މިއަދު ފާސްކޮށްފައެވެ.

އެ ބަދަލުތައް ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބަދަލުތަކާއެކު އެ ބިއުރޯއަކީ ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖެހިގެންދާނެއެވެ. އަދި އެ މިނިސްޓްރީގެ ބެލެމުގެ ދަށުން އެ ބިއުރޯއިން ކުރާނެ މަސައްކަތްތައް ކަނޑައެޅޭނެއެވެ.

އެގޮތުން ބިއުރޯގެ މަސައްކަތްތަކުގެ ތެރޭގައި ގިންތިކުރާ ފަންނީ އުފެއްދުންތަކުގެ ދަފުތަރު ބެލެހެއްޓުމާއި، އަދަބީ އުފެއްދުން ފާސްކުރާ މީހުންގެ ދަފުތަރު ބެލެހެއްޓުމާއި، ގިންތިކުރާ ދިވެހި އުފެއްދުންތަކުގެ އެއް އަސްލު ރައްކާކޮށް ބެލެހެއްޓުން ހިމެނެއެވެ.

ބިއުރޯގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގައި އުފައްދާ އަދި އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމު ކުރެވެނީ ގާނޫނާއި ގަވާއިދުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް ކަން ކަށަވަރުކުރަން ޖެހެއެވެ. އަދި ގާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ވެސް އެ ގާނޫނޫގެ ދަށުން ބިއުރޯއަށް އޮންނަ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ގާނޫނުން ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އުފައްދަން ލާޒިމުކުރުމުގެ ކުރިންވެސް ކްލެސިފިކޭޝަން ބިއުރޯއެއް ވަނީ ހިންގާފައެވެ. ނަމަވެސް އެ ބިއުރޯ އުފައްދަން ގާނޫނީ ގޮތުން ލާޒިމް ކޮށްފައިވަނީ ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

އެ މާއްދާގައި، ރާއްޖޭގައި އުފައްދާ އަދި ރާއްޖެ އެތެރެކޮށް އާންމުކުރާ ފަންނީ އުފެއްދުންތައް ގިންތިކުރުމާ ގުޅޭގޮތުން މަސައްކަތް ކުރާނެ އިދާރާއެއްގެ ގޮތުގައި، 'ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން' ގެ ނަމުގައި އިދާރާއެއް އުފެދުނީ ކަމަށް ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް