ސްކޭމް ކޯލްތަކުގެ މައްސަލަ: އެކަން ކުރަނީ ޖަލުންނޭ ބުނެވޭނެ ހެއްކެއް ނެތް

ރައްޔިރުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ބީއެމްއެލް ގެ ބޭފުޅުންނާ ބައްދަލުކުރަނީ--- ފޮޓޯ/ މަޖިިލިސް

ފައިސާ ހޯދަން ކުރާ ސްކޭމް ކޯލްތަކާއި މެސެޖުތަކަކީ ޖަލުތަކުގެ ތެރެއިން ކުރާ ކަންތައްތަކެއްކަން ހާމަވާނެ ހެއްކެއް ނެތް ކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

ބޭންކް ކަސްޓަމަރުންގެ އަތުން އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން މިއަދު ވަނީ ބޭންކުގެ ބައެއް އިސް ބޭފުޅުންނާ ބައްދަލު ކޮށްފައެވެ.

އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ސްކޭމް ކޯލްތައް އެންމެ ގިނައިން އަންނަނީ ޖަލުތަކުގެ ގައިދީންގެ ފަރާތުން ކަމަށް ބައެއް މީހުން ދައްކާ ވާހަކައާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ބީއެމްއެލްގެ ޗީފް ކޮމްޕްލައިންޓްސް އޮފިސަރު، މަރިޔަމް ހަމީދު މިއަދު ވިދާޅުވީ އެކަން ކުރަނީ ޖަލުތަކުގެ ގައިދީން ކަމަށް މީސްމީޑިއާގައި ބުނި ނަމަވެސް އެކަމާ ގުޅޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

"އެކަން ކުރަނީ ޑައިރެކްޓްލީ ޖަލުންނޭ ބުނެވޭކަށް ނެތް، އެކަމުގެ އެވިޑެންސެއް ނެތް،" މަރިޔަމް ވިދާޅުވިއެވެ.

މަރިޔަމް ވިދާޅުވީ ސްކޭމް ކޯލްތަކަކީ ވަކި ތަނަކުން އަންނަ ކޯލްތަކެއް ކަމަށް ބުނެވެން ނެތް ކަމަށާއި އެފަދަ ވާހަކައެއް ފުލުހުން ވެސް ހިއްސާ ކޮށްފައިނުވާ ކަމަށެވެ.

މީހުން އަތުން އޮޅުވާލައިގެން ފައިސާ އަތުލުމަށް ކުރާ ފޯން ކޯލުތަކާއި މެސެޖުގެ ޒަރިއްޔާއިން ފޮނުވާ ލިންކުތަކުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ.

ދާދި ފަހުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވެސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން ސީޕީ ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމްކާޑު ގަނެފައި ތިބި މީހުންގެ ތެރޭގައި ބިދޭސީން ހިމެނޭ ކަމަށެވެ. އަދި އެއީ މިހާރު ރާއްޖޭގައި ނޫޅޭ ބިދޭސީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޮންމެ މީހަކަށް އެވްރެޖްކޮށް 5،000 ސިމް ކާޑު. އެއީ ކުރިން ރާއްޖޭގައި އުޅެފައި މިހާރު ނޫޅޭ މީހުން. ކުށްކުރުމަށާއި ސްކޭމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާ އެންމެން އެ ބޭނުންކުރާނެ،" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވި ގޮތުގައި ސިމްތައް ބޭނުންކޮށްގެން ކުރާ ކުށްތައް ހުއްޓުވަން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

އޭގެ ތެރޭގައި ސްކޭމް ކޯލްތައް ހުއްޓުވުމަށް 3،130 ފިޔަވަޅެއް އަޅައި 2،796 ސިމް ކާޑު ފުލުހުން މެދުވެރިވެގެން ކަނޑާލައިފައިވާ ކަމަށާއި 817 މޮބައިލް ފޯނެއް ރާއްޖޭގެ އެއްވެސް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑާއެއްގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކުރުމުގެ އިތުރުން އަށް އައިޕީ އެޑްރެސް ބްލޮކް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް