ލަންކާއާއެކު މަސްވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަަޝްވަރާކޮށްފި

ނައިބު ރައީސް ފައިސަލް ނަސީމާއި ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވައި ސަފީރު އާދަމް މަޒްރަވީ ޖައުފަރު ޞާދިގު ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ލަންކާއާއި ރާއްޖެއާ ދެމެދު މަސްވެރިކަމާއި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކުރުންތައް ބޭއްވީ ރައީސް އޮފީހުގައި ނައިބު ރައީސް ފައިސަލް ނަސީމުގެ އަރިހަށް ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވައި ސަފީރު އާދަމް މަޒްރަވީ ޖައުފަރު ޞާދިގު ކުރެއްވި ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ވަނީ ދެ ގައުމުގެ ގުޅުމުގެ މައްޗަށް އަަލިއަަޅުއްވައިލައްވާފައެވެ. އަދި ދެ ގައުމުގެ ރައްޔިތުންނާއި ސަރުކާރާ ދެމެދު އެކުވެރި ގުޅުމެއް އޮތްކަން ފާހަގަކުރައްވައި ރާއްޖެއަށް ވެދޭ އެހީތެރިކަމަށް ލަންކާ ސަރުކާރަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ލަންކާގަ ކިޔަވާ ދިވެހި ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާތަކަށް ވިސާގެ ލުއިތައް ދިނުމަށް ލަންކާއިން ވިސްނުމަކީ ދިވެހި ސަރުކާރުން އެދޭ ކަމެއްކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގަ ރާއްޖެއާއި ލަންކާއާ ދެމެދު ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާއާއި އިގްތިސާދާއި ވިޔަފާރީގެ ރޮނގުން އެހީތެރިކަން ހޯދާ، ގުޅުން ބަދަހިކުރުން ހިމެނެއެވެ.

މީގެ އިތުރުން ފަންނީ ދާއިރާތަކުން މައުލޫމާތު ހިއްސާކޮށް ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރިއެެވެ.

ރާއްޖެއާ ލަންކާއާ ދެމެދު މިހާރު ވެސް ރަނގަޅު ގުޅުމެއް އޮވެއެވެ. ގިނަ ދިވެހި އާއިލާތަކެއް ވެސް ލަންކާގައި ދިރިއުޅެއެވެ.

ފާއިތުވި މަސްތަކުގެ ތެރޭ އެ ގައުމަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމާއި ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން އެ ގައުމުގެ އާންމު މަސްރަހު ވަނީ ގޯސްވެފައެވެ. އެއާއެކު މިހާރު އެ ގައުމުގެ އައު ސަރުކާރުން އަންނަނީ ލަންކާ އަލުން އިގްތިސާދީ ގޮތުން ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް