ޒަމްޒަމް ފާރިޝް ވަޒީފާއިން ސަސްޕެންޑު ކޮށްފައިވަނީ ގޯސްކޮށް: ޓްރައިބިއުނަލް

ޝެއިޚް ޒަމްޒަމް ފާރިޝް

އިންޑިއާ އައުޓް ކެމްޕެއިން މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަށް ފާޑު ވިދާޅުވެ ޓްވީޓު ކުރެއްވި މައްސަލައިގައި އަރަބިއްޔާ ސްކޫލުގެ މުދައްރިއްސެއްގެ ވަޒީފާގައި ހުންނެވި ޝެއިޚް ޒަމްޒަމް ފާރިޝް ވަޒީފާއިން ސަސްޕެންޑުކޮށްފައި ވަނީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން މިއަދު ނިންމައިފިއެވެ.

މި މައްސަލަ ބެލުމަށްފަހު ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމި ނިންމުމުގައި ބުނެފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީން ޒަމްޒަމް ފާރިޝް ވަޒީފާއަށް ނިކުތުން މަނާކޮށްފައިވަނީ ސިވިލް ސާވިސް ގަވާއިދުގެ 258 ވަނަ މާއްދާގެ (ށ )ގެ (2) ގައި ބަޔާންކޮށްފައިވާ ކަންކަން ވަޒަންކުރުމަކާ ނުލައިކަމަށް ބުރަވެވޭ ކަމަށެވެ. އޭނާ އޮފީހަށް ނިކުތުން މަނާކޮށްފައިވަނީ ގަވާއިދާ ޚިލާފަށް އެކަށީގެންވާ ހާލަތެއް އޮވެގެންކަން މައްސަލަ ރައްދުވި ފަރާތަށް ސާބިތުކޮށްދެވިފައި ނުވާކަމަށްވެސް ޓްރިބިއުނަލުން ވަނީ ބުނެފައެވެ.

މައްސަލަ ނިންމާލަމުން ޓްރައިބިއުނަލުން ވަނީ، ޒަމްޒަމް ފާރިޝް އޮފީހަށް ނިކުުތުން މަނާކުރިކަން އަންގާ ލިޔުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބާތިލުކުރުމަށްފަހު، އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ޓްރިބިއުނަލަށް އެންގުމަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގާފައެވެ.

އިންޑިއާ އައުޓް ކެމްޕެއިން މައްސަލާގައި ރައީސްގެ ގަރާރަށް ފާޑުކިޔާ ޒަމްޒަމް ފާރިޝް ކުރެއްވި ޓްވީޓުގައި ވަނީ، އިސްލާމްދީނާ ދެކޮޅަށް ރިޕޯޓު ލިޔުމުން ވެސް ގައުމީ ސަލާމަތަށް ނުވި ނުރައްކަލެއް އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ދަމާ ބެނާ އަކުން ވާނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

އެ ޓްވީޓާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ ސޮއި ކުރައްވައި ޒަމްޒަމް ފާރިޝްއަށް ފޮނުއްވި ސަސްޕެންޝަނުގެ ލިޔުމުގައި ވަނީ، އޭނާގެ އަމަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، ދައުރާއި، ޒިންމާތަކާ ޚިލާފު ކަމެއް ކަމަށެވެ. މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ޒަމްޒަމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް އެ ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.

ޒަމްޒަމް ފާރިޝްއަކީ އަރަބިއްޔާ ސްކޫލުގެ ޙަދީޘް މުދައްރިސެކެވެ.

comment ކޮމެންޓް