ދިވެހީންތަކަކަށް އުނގަންނައިދިން ޖާމިއާ ދާރުއްސަލާމްގެ ވެރިން ރާއްޖެއަށް!

ދާރުއްސަލާމްގެ ވެރިން ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އާއެކު---

އިންޑިއާގެ ޓަމިލް ނާޑޫގައި ހުންނަ، ޖާމިޔާ ދާރުއްސަލާމަކީ ދިވެހީންނަށް ޚާއްސަ ތަނެކެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ތަޢުލީމް ހާސިލް ކުރުމަށް ދިވެހީން ދިއުމުގެ ކުރިން ދީނީ ތަޢުލީމް ހާސިލް ކުރުމަށް އެންމެ ގިނައިން ގޮސް އުޅުނީ 1924 ވަނަ އަހަރު އުފެއްދި އެ ކޮލެޖަށެވެ.

ނަވާރަސަތޭކަ ތިރީސް ހަތަރު ވަނަ އަހަރުން ފެށިގެން 1993 ވަނަ އަހަރާ ހަމައަށް ދިވެހީން އެތަނުން ތަޢުލީމް ހާސިލްކޮށް އުޅުނެވެ. އެތަނުން އެންމެ ފުރަތަމަ ތަޢުލީމް ހާސިލް ކުރި ދިވެއްސަކީ 1934ގައި އެ ތަނަށް ދިޔަ ޙަސަން މޫސާ ދީދީއެވެ.

އެތަނުން ތަޢުލީމް ހާސިލް ކުރެއްވި ދިވެހީންގެ ތެރޭގައި ދިވެހި މަޝްހޫރު ވިޔަފާރިވެރިޔާ، ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އާއި މިހާރުގެ އިސްލާމިކް މިނިސްޓަރު އަޙްމަދު ޒާހިރުގެ އިތުރުން ޝެއިޚް އުސްމާން ޢަބްދުﷲ އާއި ކުރީގެ އަތޮޅުވެރިޔާ، އަދި މިހާރު ވިޔަފާރި ކުރައްވާ ސައުދު ޢަބްދުﷲ އާއި ޝެއިޚް ފަހުމީ ދީދީ އާއި ޤުރުއާނުގެ ދިވެހި ތަރުޖަމާއާއި ތަފުސީރު ލިޔުއްވި މަލިންގޭ ޙަސަން ދީދީ ވެސް ހިމެނެއެވެ. މިހާރު ޔުނިވާސިޓީއެއްގެ ގޮތަށް ޖާމިޔާ ދާރުއްސަލާމް ހިންގަމުން އަންނައިރު މިހާރު ދިވެހީން އެތަނަށް ތައުލީމް ހާސިލް ކުރަން ގޮސް ނޫޅެއެވެ. އެހެންކަމުން ދިވެހީންނާއި އެ އަގުހުރި ޔުނިވާސިޓީގެ ދެމެދުގައި އޮންނަ ގުޅުން އޮތީ ހީނަރުވެފައެވެ.

ގުޅުން ކެނޑިފައި އޮތް ޔުނިވާސިޓީއާއި ދިވެހި ދަރިވަރުން ގުޅުވައި ދީފައި މިވަނީ އިސްލާމިކް މިނިސްޓަރު ޒާހިރުގެ ދައުވަތަކަށް އެ ޔުނިވާސިޓީގެ އިސްވެރިން ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުގެ ތެރެއިންނެވެ. މި ދަތުރުގައި އިސްކޮށް ހުންނެވީ އެ ޔުނިވާސިޓީގެ ޖޮއިންޓް ސެކެޓްރީ ކަކާ އަނީސް އަޙްމަދު އުމަރީއެވެ. އޭނާއަކީ އެ ޔުނިވާސިޓީގެ ބާނީ ކަކާ މުޙައްމަދު އުމަރީގެ މުނި ކާފަ ދަރިއެކެވެ.

ޔުނިވާސިޓީގެ އިސްވެރިން ރާއްޖެއަށް މި ކުރައްވާ ދަތުރުގައި އެ ތަނުން ކިޔެވި ދިވެހީންނާ ވަނީ ބައްދަލު ކުރައްވައިފައެވެ. އޭގެ ތެރެއިން އެ މީހުންނަށް އެންމެ ޚާއްސަވީ ވިޔަފާރިވެރިޔާ އުއްޗުއެވެ. އެއީ އެ ޔުނިވާސިޓީގެ ދުވަސްތައް އޭނާ އަދިވެސް ރަނގަޅަށް ހަނދާން ހުރީތީއެވެ. ޔުނިވާސިޓީގެ އިސް ބޭފުޅުންގެ ނަންތަކާއި އެސަރަހައްދުގެ މަގުތަކަށް ކިޔާ ނަންތަކުގެ އިތުރުން ފިހާރަތަކުގެ ނަންތައް ވެސް އުއްޗު އެބޭފުޅުންނަށް ވިދާޅުވެދެއްވިއެވެ. އެކަމާ އެ ބޭފުޅުން ވެސް ތިބީ ހައިރާންވެފައެވެ. އުއްޗުއަކީ އެ ޔުނިވާސީއަށް ރާއްޖޭން ދިޔަ ހަ ވަނަ ދަރިވަރެވެ.

ޖާމިއާ ދާރުލްސަލާމް--

ޔުނިވާސިޓީގެ އިސް ބޭފުޅުންގެ އެދިވަޑައިގަތުމާއެކު އެ ޔުނިވާސިޓީގައި ކިޔެވި ދިވެހި އިސް ދަރިވަރުންގެ ޖަމިއްޔާއެއް ރާއްޖޭގައި އުފެއްދުމަށް މިހާރު ވަނީ ނިންމައިފައެވެ. މިއީ ޔުނިވާސިޓިއާއި ދިވެހީންގެ ގުޅުން ރަނގަޅު ކުރަން އެޅޭ ފާލަމަކަށް ވެގެންދާނެއެވެ.

ދިވެހީން ތަޢުލީމް ހާސިލް ކުރުމަށް ދިޔަ ޖާމިޔާ ދާރުއްސަލާމް އެހެން ދީނީ ޔުނިވާސިޓީތަކާ އޭރުވެސް ތަފާތެވެ. އެތަނުގައި އޭރުވެސް އުރުދޫ އާއި ޢަރަބީގެ އިތުރުން އިނގިރޭސި ބަސް ދަސްކޮށްދެއެވެ. ދީނީ ތަޢުލީމުގެ އިތުރުން އެހެން މާއްދާތަކާއި ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ވެސް އޮވެއެވެ.

ދާރުއްސަލާމްގެ ވެރިން ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އާއެކު---

ދަތުރަށް ފަހު އެ ޔުނިވާސިޓީގެ އިސް ބޭފުޅުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެތަނުގެ ދަރިވަރުންތަކެއް މިއަދު ރާއްޖޭގެ އިސް މަގާމުތަކުގައި ތިއްބައި ފެނުމެވެ. އެބޭފުޅުން އެނބުރި ގައުމަށް ވަޑައިގަންނަވަނީ އެ ޔުނިވާސިޓީއަށް ދިވެހި ދަރިވަރުންނަށް ދައުވަތު ދެއްވަމުންނެވެ.

comment ކޮމެންޓް